Roadha Mihaaru
ޖައްވު ކުނި ގޮނޑަކަށް

ޖައްވު ކުނި ގޮނޑަކަށް

23 ނޮވެމްބަރ 2016

ޖައްވުގައި ކުނި ގިނަވުން ބޮޑު މައްސަލައަކަށް ވެއްޖެ އެވެ. އެކަމަކު ކުނި އެޅި ބަޔަކު ނޭނގެ އެވެ. އެ ބަޔަކު އެނގިގެން ނޫނީ ޒިންމާއުފުލަން ބުނެވޭކަށް ވެސް ނެތެވެ. އެމެރިކާއިން ބުނަނީ ޖައްވަށް އެންމެ ފުރަތަމަ އުޅަނދެއް ފޮނުވީ ރަޝިއާ ކަމަށެވެ. ޖައްވަށް ކުނިިކޮޅެއް އެނުނަސް، އެންމެ ފުރަތަމަ ޖައްވަށް އުޅަނދެއް ފޮނުވުނީތީ ރަޝިއާ ނުހަނު ފަޚުރުވެރިވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޖައްވުގައި ކުނި ގިނަވުން ބޮޑު މައްސަލައަކަށް ވެއްޖެ އެވެ. އެކަމަކު ކުނި އެޅި ބަޔަކު ނޭނގެ އެވެ. އެ ބަޔަކު އެނގިގެން ނޫނީ ޒިންމާއުފުލަން ބުނެވޭކަށް ވެސް ނެތެވެ. އެމެރިކާއިން ބުނަނީ ޖައްވަށް އެންމެ ފުރަތަމަ އުޅަނދެއް ފޮނުވީ ރަޝިއާ ކަމަށެވެ. ޖައްވަށް ކުނިިކޮޅެއް އެނުނަސް، އެންމެ ފުރަތަމަ ޖައްވަށް އުޅަނދެއް ފޮނުވުނީތީ ރަޝިއާ ނުހަނު ފަޚުރުވެރިވެ އެވެ.

ސައިންސްވެރިން އެއްވެއްޖެ ނަމަ އެ ނޫން ވާހަކައެއް ނުދެކެވެ އެވެ. ޖައްވުގައި ކުނި ގިނަވުމަށް ވުރެ ބޮޑު ނުރައްކަލެއް ނެތް ވާހަކަ އެވެ. އެކަމުގެ ނުރައްކާތެރިކަމުގެ ސަބަބުން ޖައްވީ ދަތުރުފަތުރަށް ހުރަސްއެޅިދާނެ ވާހަކަ އެވެ.

ދުނިޔެ ވަށައިގެން މުއާސަލާތީ ސެޓެލައިޓްތައް އެނބުރެ އެވެ. މޫސުން ބަލާ ސެޓެލައިޓްތަކާއި، މިލިޓަރީ އަދި ޖާސޫސީ ސެޓެލައިޓްތައް ވެސް އެނބުރެ އެވެ. އެ ސެޓެލައިޓްތަކުގެ ފައިދާ އިންސާނިއްޔަތަށް ވަރަށް ބޮޑެވެ. އެއް ގައުމުން އަނެއް ގައުމަށް ފޯނުކުރުމާއި، ޓީވީ، ރޭޑިއޯ އަދި ވިޔަފާރި މުއާމަލާތްތައް ހިންގުމުގައި ސެޓެލައިޓްތަކުގެ ދައުރު ބޮޑެވެ. އެެހެން ނަމަވެސް މިސްރާބުން ނައްޓައިގެން އަންނަ ކުނިގަޑަކުން އެއިން ސެޓެލައިޓެއްގައި ޖެހި މުޑިއަރައިފި ނަމަ، ބުނެވުނު ހުރިހާ މުއާމަލާތްތަކެއް ހުއްޓުމަކަށް އައީ އެވެ.

ޖައްވުގައި އެނބުރޭ ކުނިބުންޏަކީ ބޭނުން ނެތިގެން ދޫކޮށްލާފައި ހުރި ސެޓެލައިޓްތަކެވެ. ރޮކެޓްގެ ބައިތަކާއި، އެ ބައިތަކުން ނެެއްޓި އެނބުރެމުން ސެނބުރެމުން ދާ ބޯލްޓް، އިސްކުރު، ނަޓު، ކަބީލާ އަދި ވަސަރު ފަދަ ތަކެއްޗެވެ. ދުނިޔެއިން ފުރައިގެން ދާ ރޮކެޓެއްގައި އެއިން އެއްޗެއް ޖެހިއްޖެ ނަމަ، މުޅި ރޮކެޓް ގޮވައި އަނދާ ހުލިވާނެކަން ކަށަވަރެވެ. ސުވާލަކީ އެ ވަރުގެ ބިރުވެރި އެއްޗެހިތަކެއް ނައްތާލަން ގަދަބާރުތަކުން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟

ޖައްވު ތެރެއިން އަންނަ އެތިގަނޑެއް ދުނިޔެއާ ބުޑިއަރާފާނެ ކަމަށް ސައިންވެރިން ބިރުން ތުރުތުރުއަޅަ އެވެ. ކޮންމެ އަގެއްގައި ނަމަވެސް އެ އެތިގަނޑެއް ހުއްޓުވުމަކީ އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމަށް މުހިންމު ކަމެކެވެ. ތަރި ހަނގުރާމައިގެ އެއް ބޭނުމަކީ ވެސް އެއީ އެވެ. ހަނދުގައި މިލިޓަރީ މަރުކަޒެއް ބިނާކުރަން ޖެހެނީ ވެސް އެހެންވެ އެވެ. ލޭޒާ ދުރުމިތަން ޖައްވުގައި ސްޓޭޝަންކުރުވަން ޖެހެނީ ދުނިޔެ ސަލާމަތްކުރުމަށެވެ. ދުނިޔެއާ ދިމާ އަށް އެތިގަނޑެއް އަންނަ ކަމަށް ހިސާބުތަކުން ދައްކާ ނަމަ، ލޮލުކޮޅަށް ފެނުމުގެ ކުރިން ގޮއްވާލުމެވެ. މި ވަރުގެ ބާރުތަކަކަށް އެދުންވެރިވެފައި ތިބި ބަޔަކަށް، ދުނިޔެ ވަށައި އެނބުރޭ ކަބީލާއެއް ނައްތާނުލެވިގެން އުޅެނީ ކީއްވެގެން ބާއޭ ހިތަށް އަރަ އެވެ.

ޖައްވުގައި ކުނި ގިނަވުމަކީ ޖައްވީ ޓޫރިޒަމަށް ވެސް އޮތް ބޮޑު ނުރައްކަލެކެވެ. ފަތުރުވެރިން ގޮވައިގެން ޖައްވީ ހޮޓަލަކަށް ދަތުރުކުރާ އުޅަނދެއްގައި އެއިން ކުނިގަނޑެއް ޖެހިގެންފި ނަމަ ޒަމާން ދިއައީ އެވެ. އެއިން އެކަކަށް ވެސް އެކޮޅަށް އަދި މިކޮޅަށް ވެސް އާދެވުން އެއީ ނެތް ގޮތެކެވެ.

ޖައްވީ ހޮޓާތަކުން ލިބޭ ފައިދާގެ ދަހިވެތިކަމުގައި ތިބި މަހުޖަނުން ފުރަތަމަ ކުރަންވީ ކަމަކީ ހޮޓަލަށް ދާން އޮތް މަގު ސާފުކުރުމެވެ. އެހެން ނަމަވެސް ފެންނަނީ ދުނިޔެއާ ބެހުމެއް ވެސް ނެތް ހިސާބު ދުރުން ދަތުރުކުރަމުން ދާ ގިނިހިލައަކަށް ރޮކެޓެއް ނުޖެއްސިގެން އުޅޭ ތަނެވެ. އެ ގިނިހިލަ ގޮއްވާލައި، އޭގައި ހުރި މައުދަންތައް ބިމަށް ގެނެވޭނެ ގޮތަކާ މެދު ފިކުރުބޮޑުވެފައި ތިބި ތަނެވެ.