Roadha Mihaaru
ޖައްވުގައި ކުކީޒް ފިހެ، ޓެސްޓްކުރަން ދުނިޔެ އަށް

ޖައްވީ ސްޓޭޝަނުގައި ކުކީޒް ފިހެ، ޓެސްޓްކުރަން ދުނިޔެ އަށް

26 ޖެނުއަރީ 2020

ޖައްވީ ސްޓޭޝަން އައިއެސްއެސް އަށް ކުރާ ދިގު ދަތުރުތަކުގައި ކެއްކިދާނެ މިންވަރު ތަޖުރިބާކުރުމުގެ ގޮތުން އެ ތަނުގައި ފުރަތަމަ ފަހަރަށް ކުކީޒްތަކެއް ފިހެ އޭގެ ޓެސްޓްތަކެއް ހަދަން މި މަހުގެ 7 ވަނަ ދުވަހު ދުނިޔެ އަށް ގެނެސްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖައްވީ ސްޓޭޝަން އައިއެސްއެސް އަށް ކުރާ ދިގު ދަތުރުތަކުގައި ކެއްކިދާނެ މިންވަރު ތަޖުރިބާކުރުމުގެ ގޮތުން އެ ތަނުގައި ފުރަތަމަ ފަހަރަށް ކުކީޒްތަކެއް ފިހެ އޭގެ ޓެސްޓްތަކެއް ހަދަން މި މަހުގެ 7 ވަނަ ދުވަހު ދުނިޔެ އަށް ގެނެސްފި އެވެ.

ހާއްސަ ގޮތަކަށް، ވަކިވަކިން ބަންދުކޮށްލައިގެން ސްޕޭސްއެކްސް ޑްރެގަންގައި ދުނިޔެ އަަށް ގެނައި ޗޮކްލެޓް ޗިޕްސް ތިން ކުކީޒް އަކީ އެސްޓްރޮނޯޓުން ކަމަށްވާ ކްރިސްޓީނާ ކޯޝް އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) ގައި މަސައްކަތްކުރާ އިޓަލީގެ ލޫކާ ޕަރްމިތާނޯގެ މަސައްކަތެވެ. އެ ދެ މީހުން ވަނީ ތަޖުރިބާކުރުމުގެ ގޮތުން ޒީރޯ-ގްރެވިޓީ ހާއްސަ އަވަނެއްގައި ފަސް ކުކީޒް ފިހެފަ އެވެ. އެކަމަކު ފުރަތަމަ ދޭތި ރަނގަޅަށް ރޯފިލާ ގޮތެއް ނުވި އެވެ.

އެ ޕްރޮޓޯޓައިޕް އަވަން ތައްޔާރުކޮށްފައި ވަނީ ނެނޯރެކްސް އާއި ޒީރޯ ޖީ ކިޗެން ގުޅިގެންނެވެ.

އައިއެސްއެސްގައި ފާހަގަކުރެވުނު މައިގަނޑު ކަމަކީ އާންމު ހާލަތުގައި އަވަނުގައި ކުކީޒް ފިހަން ނަގާ ވަގުތަށް ވުރެ، ގިނަ ވަގުތު ނެގުމެވެ.

އާންމުކޮށް އަވަނުގެ ހޫނުމިން 150 ޑިގްރީ ސެލްސިއަސްގައި ބަހައްޓައިގެން ކުކީއެއް 20 މިނިޓުން ފިހެލެވޭނެ އެވެ. ނަމަވެސް ޖައްވީ ސްޓޭޝަނުގައި ކުކީޒް ރަނގަޅަށް ރޯފިލަންދެން ފިހަން 120-130 މިނިޓް ނެގި އެވެ. އަދި ކުކީޒް ހޫނުކަން ކެނޑެން ވެސް ގިނަ ވަގުތު ނަގަ އެވެ.

އައިއެސްގައި ކުކީޒް ފިހުނީ މަޝްހޫރު ހޮޓެލް ޗެއިން ޑަބަލް ޓްރީގެ ފުށްގަނޑުގަ އެވެ. ދުނިޔެ އަށް ގެނައި ކުކީޒްތަކަކީ އިންސާނުން ކާން ރައްތާކެރި އެއްޗެއްތޯ މިހާރު އަންނަނީ ޓެސްޓްކުރަމުންނެވެ. އަދި މީގެ ތަޖުރިބާ އާއި ނަތީޖާ އަށް ރިއާޔަތްކޮށް ކުރިއަށް އޮތް ތަނުގައި ޖައްވީ ސްޓޭޝަނުގައި ކެއްކުން ކުރިއަށް ގެންދިއުމަކީ ކުރިމަގުގައި ފަސޭހަކަމާ އެކު ކުރެވިދާނެ ކަމެއްތޯ ސާފުވެގެން ދާނެ އެވެ.

އަނެއްކޮޅުން މިއީ އައިއެސްއެސް އަށް ކާނާ އުފުލަން ކުރަން ޖެހޭ ހަރަދާއި މަސައްކަތްތައް ލުއިވެގެން ދާނެ އެވެ.

އައިއެސްއެގައި ކުކީޒް ފިހުމުގެ އެކްސްޕެރިމަންޓް ހަދަމުން އަންނަކަން އެސްޓްރޮނޯޓުން ހިއްސާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.