Roadha Mihaaru
ޖައްވުގައި ހެއްދި ލެޓިއުސް ކާން ރައްކާތެރި

ޖައްވުގައި ހެއްދި ލެޓިއުސް ކާން ރައްކާތެރި

07 މާޗް 2020

މީގެ ދުވަސްކޮޅެއް ކުރިން ނާސާގެ އެސްޓްރޮނޯޓުންތަކެއް ވަނީ ޖައްވީ ސްޓޭޝަނުގައި ކުކީޒް ފިހެ، އެއީ އިންސާނުން ކާން ރައްކާތެރި އެއްޗެއްތޯ ޓެސްޓްކުރަން ދުނިޔެ އަށް ގެނެސްފަ އެވެ. އެ ޓެސްޓްތައް މިހާރު ކުރިއަށް ދަނީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދުވަސްކޮޅެއް ކުރިން ނާސާގެ އެސްޓްރޮނޯޓުންތަކެއް ވަނީ ޖައްވީ ސްޓޭޝަނުގައި ކުކީޒް ފިހެ، އެއީ އިންސާނުން ކާން ރައްކާތެރި އެއްޗެއްތޯ ޓެސްޓްކުރަން ދުނިޔެ އަށް ގެނެސްފަ އެވެ. އެ ޓެސްޓްތައް މިހާރު ކުރިއަށް ދަނީ އެވެ.

އެކަމަކު އޭގެ ކުރިން މިއޮތީ އެހެން ޓެސްޓެއްގެ ނަތީޖާ އެވެ. މިއީ 2014 ގައި މަސައްކަތް ފަށައި ގަނެ 2015 ގައި ޖައްވުގައި ހެއްދި ލެޓިއުސް އިންސާނުން ކާން ރައްކާތެރި ކަމަށް ބުނާ ޓެސްޓްގެ ވާހަކަ އެވެ.

ހުކުރު ދުވަހު ފްރޮންޓިއާޒް އިން ޕްލާންޓް ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނީ ޖައްވުގައި ހެއްދި ލެޓިއުސް އަކީ އިންސާނުން ކާން ވަރަށް ބަރާބަރު އެއްޗެއް ކަމަށާއި މީގެ ރަހަ ބިމުގައި ހައްދާ ލެޓިއުސްއާ ވެސް މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

މީގެ ރަހަ ބެލި އެސްޓްރޮނޯޓުންގެ ވާހަކަތައް ވެސް ރިޕޯޓްގައި ހިއްސާކޮށްފައިވާ އިރު އެ މީހުން ބުނީ މިއީ ތާޒާކޮށް ކާލާން ހަމަ ވަރަށް މީރު އެއްޗެއް ކަމަށެވެ.

ޖައްވުގައި ހެއްދި ލެޓިއުސްގެ ނަތީޖާ ވަރަށް ޕޮޒިޓިވްކޮށް އައިސްފައިވާތީ މިއީ ޖައްވުގައި ދަނޑުވެރިކަންކުރަން ލިބުނު އިތުރު ހިތްވަރަކާއި ބާރަކަށް ވާނެ އެވެ. މިފަދަ ވާހަކަތައް މީގެ ކުރިން އަހަރެމެން އަޑު އަހަނީ އަދި ދެން ފެންނަނީ ހިޔާލީ ފިލްމުތަކާއި ވާހަކަތަކުންނެވެ. އެގޮތުން 2015 ގައި މެޓް ޑޭމަން ކުޅުނު ފިލްމު "މާޝަން" ގައި މާސްގައި އަލުވި ހައްދައިގެން ކެއި މަންޒަރު ވެސް ފެނިފައި ވާނެ އެވެ.

ދެހާސް ފަނަރައިގެ އޮގަސްޓް މަހުގެ ތެރޭގައި ޖައްވުގައި ލެޓިއުސް ހައްދާ ވާހަކަ ނާސާ އިން ހިއްސާކޮށް ބުނީ އެ މަސައްކަތުގެ ފަހަތުގައި ތިބީ އެމެރިކާގެ އެސްޓްރޮނޯޓުން ކަމަށްވާ ސްކޮޓް ކެލީ އާއި ކެޖެލް ލިންޑްގެރެންގެ އިތުރުން ޖަޕާނުގެ އެސްޓްރޮނޯޓް ކިމިޔާ ޔުއީ ކަމަށެވެ. މި މަސައްކަތް އެ ޓީމުން ކޮށްފައި ވަނީ ޖައްވީ ސްޓޭޝަނަށް ގެންދިޔަ ނާސާގެ ފުރަތަމަ ވެޖެޓަބަލް ޕްރޮޑަކްޝަން ސިސްޓަމް ޗެމްބާޒްގަ އެވެ. އެގޮތުން އޭގެ އެހީގައި ޖައްވުގައި ހެއްދި ލެޓިއުސްގެ ފުރަތަމަ ޝިޕްމަންޓް ޓެސްޓްކޮށްފައި ވަނީ ފިނިކޮށްގެން ދުނިޔެ އަށް ގެނެސް ފްލޮރިޑާނައި ހުންނަ ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުގަ އެވެ.

އެގޮތުން ޓެސްޓްތަކުން ދައްކާ ގޮތުގައި ޖައްވުގައި ހެއްދި ރޮމެއިން ލެޓިއުސް ކާން އިންސާނުން ކާން ރައްކާތެރިވުމުގެ އިތުރަށް ޖައްވުގައި ހެއްދި ލެޓިއުސްތަކުން އެއްވެސް ބައްޔެއް ފެނިފައެއް ނެތެވެ. އޭގެ މާނަ އަކީ ބިމުގައި ހައްދާ އިރު، ކުރިމަތިވާ އެކި ކަހަލަ ބަލިތައް ޖައްވުގައި ހެއްދުމުން ކުރިމައްޗެއް ނުވެއޭ އެވެ.

"އެހެންވީމާ މި ނަތީޖާ އިން ސާބިތުވާ ކަމަކީ މަދު ރިސޯސްތަކަކަ އެކު ދެމެހެއްޓެނިވި ގޮތަކަށް ޖައްވުގައި ލެޓިއުސް ހައްދައިގެން އެސްޓްރޮނޯޓުންނަށް ތާޒާ ސެލަޑް ކެއުމުގެ ފުރުސަތު އެބައޮތޭ،" ލެޓިއުސް ޓެސްޓްގައި މަސައްކަތްކުރެއްވި ކެނެޑީ ސްޕޭސް ސެންޓަރުގެ ރިސާޗަރު ކްރިސްޓީނާ ހޮޑާޑެޑް ވިދާޅުވި އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޖައްވުގައި ދަނޑުވެރިކަން ކުރެވުމަކީ ޖައްވީ ދަތުރުތަކަށް ކާނާ އުފުލުމާއި އެކަމަށް ބޭނުންވާ ވަސީލަތްތައް އުފައްދައި، ޖައްވަށް ގެންދިއުމަށް ކުރަން ޖެހޭ ހަރަދު ވެސް ކުރިއަށް އޮތް ތަނުގައި ބޮޑުތަނުން ދަށްވާނެ ކަމެކެވެ.