Roadha Mihaaru
ހަނދަށް ގެންގޮސްދީބަލަ!

ހަނދަށް ގެންގޮސްދީބަލަ!

02 މާޗް 2017

ޖައްވީ ޓޫރިޒަމް ފެށުމަށް މަހުޖަނުން ތައްޔާރުވަނީ އެވެ. ޖައްވުގައި ފިނިބުރު ޖަހާލައި، ހަނދުގައި ކޮފީއެއް ބޯލަން އެދޭ މީހުންގެ ލިސްޓް ވެސް ދިގުވަނީ އެވެ. "ސްޕޭސްއެކްސް" ކޯޕޮރޭޝަނުން ބުނި ގޮތުގައި، ހަނދަން ގެންގޮސްދިނުމަށް އެދި އާންމުގެ ތެރެއިން ދެ މީހަކު ވަރަށް ބޮޑު އަގެއް އެ ކޯޕޮރޭޝަނަށް ދައްކައިފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޖައްވީ ޓޫރިޒަމް ފެށުމަށް މަހުޖަނުން ތައްޔާރުވަނީ އެވެ. ޖައްވުގައި ފިނިބުރު ޖަހާލައި، ހަނދުގައި ކޮފީއެއް ބޯލަން އެދޭ މީހުންގެ ލިސްޓް ވެސް ދިގުވަނީ އެވެ. "ސްޕޭސްއެކްސް" ކޯޕޮރޭޝަނުން ބުނި ގޮތުގައި، ހަނދަން ގެންގޮސްދިނުމަށް އެދި އާންމުގެ ތެރެއިން ދެ މީހަކު ވަރަށް ބޮޑު އަގެއް އެ ކޯޕޮރޭޝަނަށް ދައްކައިފި އެވެ.

ޖައްވަށް ދިއުމަށްޓަކައި ވަރަށް ގިނަ މީހުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ވާހަކަ ލިޔާ މީހުންނާއި، ފިލްމު އުފައްދާ މީހުން އަދި ފަންނީ ތަރިން ހިމެނެ އެވެ.

ސްޕޭސްއެކްސް ކޯޕަރޭޝަނުން ބުނި ގޮތުގައި، ރޭވިފައި އޮތް ގޮތަށް މަސައްކަތްތައް ކުރި އަށް ދާ ނަމަ، ދެ މީހަކު ގޮވައިގެން އަންނަ އަހަރު ފަހުކޮޅު ޖައްވަށް ފުރާނެ އެވެ. އަދި ހަނދު ވަށައި ބުރެއް ޖަހާނެ އެވެ. އެހެން ނަމަވެސް ހަނދަށް ފައިބާ ގޮތަށް އަދި ހަމަޖެހިފައި ނުވެ އެވެ.

ހަނދު ވަށައި ބުރެއް ޖެހުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތައް މި އަހަރު ފަހުކޮޅު އެ ދެމީހުން ހަދާނެ ކަމަށް ސްޕޭސްއެކްސް ކޯޕޮރޭޝަނުން ބުނެ އެވެ. އަންނަ އަހަރު ފަހުކޮޅު އަދި ވަކި ތާރީޚެއް ކަނޑައަޅާފައި ނެތް ދުވަހާ ޖެހެންދެން ހަދަންޖެހޭ ސިއްހީ ޓެސްޓްތައް ވެސް އެ ދެ މީހުން ހަނދާނެ ކަމަށް ވެ އެވެ.

ސްޕޭސްއެކްސް ކޯޕޮރޭޝަންގެ ފެލްކަން ހެވީ ރޮކެޓް: ޖައްވަށް ޓޫރިސްޓުން ގެންދިއުމަށް ދަތުރުކުރާ ޑްރޭގަން ކެޕްސޫލް އުފުލާ ރޮކެޓް

ސްޕޭސްއެކްސް ކޯޕޮރޭޝަންގެ ފެލްކަން ހެވީ ރޮކެޓް: ޖައްވަށް ޓޫރިސްޓުން ގެންދިއުމަށް ދަތުރުކުރާ ޑްރޭގަން ކެޕްސޫލް އުފުލާ ރޮކެޓް

ފަޅުވެރިން ގޮވައިގެން ޖައްވުގައި ދަތުރުކުރާ އުޅަނދު އަދިން މުޅިން ފުރިހަމައެއް ނުވެ އެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު، މި އަހަރު ނިމުނުގެ ކުރިން އެ އުޅަނދު ނިންމައި ޓެސްޓް ދަތުރުތައް ފަށާނެ އެވެ. މި އުޅަނދު ޖައްވަށް އެރުވުމަށްޓައި، ސްޕޭސްއެކްސްގެ ފެލްކަން ހެވީ ރޮކެޓެއް މިހާރު ވެސް އޮތީ ތައްޔާރީ ހާލަތުގަ އެވެ.

ޖައްވުގައި ޓޫރިޒަމް ފެށުމަށް ބިލިއަނަރުން ތިބީ ހޭވައްލާގަ އެވެ. އެކަކަށް ވުރެ އަވަހަށް އަނެކަކު ޖައްވުން ގޯތި ހޯދުމަށްޓަކައި މިހާރު ވެސް ރޭސް ރޮނގުގަ އެވެ. މި މީހުން ގަބޫލުކުރާ ގޮތުގައި، މާސްގައި އިންސާނުން ވަޒަންވެރިވުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ވެސް އަތްފޯރާ ފަށު ޖައްވުގައި ފިނިބުރުޖެހުމެވެ. އެ އަށް ފަހު ހަނދަށް ތިރިކޮށް ހޫނު ކޮފީއަކުން ސިކުނޑި އަށް ހޫނުކޮށްލުމަށް ފަހު، މާސް އަށް މިސްރާބުޖަހަންވީ އެވެ.