Roadha Mihaaru
ދިވެހި ޓޫރިޒަމްގެ "ލޭޑީ" މަރުވެއްޖެ

ދިވެހި ޓޫރިޒަމްގެ "ލޭޑީ" މަރުވެއްޖެ

19 ޖޫން 2021

އިނގިރޭސި ވިލާތަށް އުފަން ޓޯނީ ޑެ ލަރޫކް، ނުވަތަ ރާއްޖޭގެ ޓޫރިޒަމްގައި މަޝްހޫރު "މޯލްޑިވް ލޭޑީ" އިއްޔެ މަރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިނގިރޭސި ވިލާތަށް އުފަން ޓޯނީ ޑެ ލަރޫކް، ނުވަތަ ރާއްޖޭގެ ޓޫރިޒަމްގައި މަޝްހޫރު "މޯލްޑިވް ލޭޑީ" އިއްޔެ މަރުވެއްޖެ އެވެ.

އޭނާ އަކީ، ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް، ރާއްޖެ ޒިޔާރަތްކޮށް، ޓޫރިޒަމް މުޅި ދުނިޔެ އަށް މާކެޓް ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެކެކެވެ. އެހެންވެ، "މޯލްޑިވް ލޭޑީ"ގެ ނަމުން އޭނާގެ ނަން މަޝްހޫރުވެ، ރާއްޖޭގެ ޓޫރިޒަމަށް އޭނާ ވަނީ 41 އަހަރު ވަންދެން ހިދުމަތް ކޮށްދީފަ އެވެ.

ޓޯނީ އެންމެ ފުރަތަމަ ރާއްޖެ އައީ ޓޫރިޒަމް ފެށިތާ އެންމެ އަށް އަހަރު ފަހުން 1980 ގަ އެވެ. އޭރު ރާއްޖެ އެނގެނީ ވަރަށް މަދު ބަޔަކަށެވެ. އެހެންކަމުން ޓޯނީގެ މަގުސަދަކަށްވީ އޭނާގެ ގައުމުގައި ރާއްޖެ އިޝްތިހާރު ކުރުމެވެ. މިކަން ހާސިލް ކުރުމަށް އޭނާ ވަނީ "މޯލްޑިވްސް ޓްރެވަލް"ގެ ނަމުގައި އަމިއްލަ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓޯނީ ރާއްޖެ އައީ އޭނާގެ ކައިވެނީގައި މައްސަލަތަކެއް ދިމާވާން ފެށުމުން އެކަންކަން ހަނދާން ނައްތާލައި ހިތްހަމަ ޖައްސައިލުމަށެވެ. އޭނާ އައުމާއެކު ރާއްޖެ އަށް ހިތް ޖެހުނެވެ. ޓޯނީ ބުނެފައިވާ ގޮތުގައި، ރާއްޖެ ދެކެ ލޯބި ޖެހުނީ ރަށްތައް ރީތިވުމުގެ އިތުރުން ދިވެހިންގެ ހިތްހެޔޮ މިޒާޖުގެ ސަބަބުންނެވެ.

ރާއްޖެ ދެކެ ވި ލޯތްބެއްގެ ބޮޑުކަމުން ރާއްޖެ ޕްރޮމޯޓް ކުރުމަކީ ޓޯނީގެ އަމާޒަކަށް ހެދި އެވެ. އެންމެ ފުރަތަމަ އޭނާ ރާއްޖެ އިޝްތިހާރު ކުރަން ފެށީ އިނގިރޭސި ވިލާތުގެ ރޭޑިއޯތަކުން ގެނެސްދިން ޕްރޮގްރާމުތަކުގަ އެވެ. އޭނާގެ މި މަސައްކަތުގެ ނަތީޖައަކަށްވީ އިނގިރޭސި ރައްޔިތުންގެ މެދުގައި ރާއްޖެ އަށް އޮތް ޝައުގުވެރިކަން އިތުރުވެ، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުމެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ އިތުރުން ތައުލީމީ ދާއިރާއިން ދިވެހިން ކުރިއެރުވުމަށް ވެސް ޓޯނީ މަސައްކަތް ކުރި އެވެ. އެގޮތުން، އޭނާ ވަނީ ދިވެހި ދަރިވަރުންނަށް އިނގިރޭސި ވިލާތުގެ ޔުނިވާސިޓީތަކުން ފުރުސަތުތައް ހޯދައިދިނުމުގައި އެހީވެފަ އެވެ. އޭނާގެ ޓްރެވެލް އެޖެންސީ މެދުވެރިކޮށް ރާއްޖޭގެ ސްކޫލުތަކަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމުތަކެއް ވެސް ވަނީ ހިންގައިފަ އެވެ.

ޓޯނީގެ މި ހިދުމަތްތަކުގެ ސަބަބުން ޓޫރިޒަމް މިނިސްޓްރީން ވަނީ 1997 ވަނަ އަހަރު އޭނާގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް ދީފަ އެވެ. އޭނާ ވަނީ 1990ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ރާއްޖޭގެ އޮނަރަރީ ޓޫރިޒަމް ރެޕްރެޒެންޓޭޓިވްގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ކުރީގެ ރައީސް މައުމޫނުގެ ޓުވީޓް

ޓޯނީގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުން ދޭ ހާއްސަ އިނާމު ވެސް އޭނާ އަށް ވަނީ 2005 ވަނަ އަހަރު ދީފަ އެވެ. ޓޯނީ މަރުވުމާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ހިތާމަފާޅު ކުރައްވައި ޓްވީޓް ކުރައްވައިފަ އެވެ.

"މޯލްޑިވް ލޭޑީ"ގެ ނަމުން ޓޯނީ މަޝްހޫރުވީ އޭނާގެ ދިރިއުޅުމާއި ތަޖުރިބާއާ ގުޅޭގޮތުން ނެރުނު ފޮތުގެ ސަބަބުންނެވެ. އެ ފޮތުގެ ނަމަކީ "ޓޯނީ: ދަ މޯލްޑިވް ލޭޑީ" އެވެ.