Roadha Mihaaru
އެރިކްސަންގެ ނިވަލަކަށްވީ ފިންލެންޑުގެ ދިދަ

އެރިކްސަންގެ ނިވަލަކަށްވީ ފިންލެންޑުގެ ދިދަ

13 ޖޫން 2021

ކޯޕަންހޭގަން (ޖޫން 13) - ޑެންމާކުގެ މީޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓުމުން، އެމްބިއުލަންސްއާ ހަމައަށް އޭނާ ގެންދިޔަ ވަގުތު ކެމެރާތަކުން އޭނާ ނިވާކޮށްދޭން އެހީވެދިނީ، ޑެންމާކާ ދެކޮޅަށް ކުޅެމުން ގެންދިޔަ ފިންލެންޑުގެ ސަޕޯޓަރުންނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޯޕަންހޭގަން (ޖޫން 13) - ޑެންމާކުގެ މީޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓުމުން، އެމްބިއުލަންސްއާ ހަމައަށް އޭނާ ގެންދިޔަ ވަގުތު ކެމެރާތަކުން އޭނާ ނިވާކޮށްދޭން އެހީވެދިނީ، ޑެންމާކާ ދެކޮޅަށް ކުޅެމުން ގެންދިޔަ ފިންލެންޑުގެ ސަޕޯޓަރުންނެވެ.

ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އެރިކްސަން ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓުނެވެ. އަވަސް ފަރުވާ ދޭން މެޗު، މެދުކަނޑާލުމުން، ޑެންމާކުގެ ކުޅުންތެރިން އޭނާ ވަށާލައި ކެމެރާގެ ލެންސްތަކުން އޭނާ ސަލާމަތްކޮށްދިނެވެ.

ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލަންސްއާ ހަމައަށް އޭނާ އުފުލައިގެން ގެންދިޔައިރު، އެ މަންޒަރު ނިވާކޮށް ދިނީ، ފިންލެންޑުގެ ޓީމަށް ފޯރި ދޭން އެ ޓީމުގެ ސަޕޯޓަރުން ވެއްދި ގައުމީ ދިދަ އެވެ.

އެރިކްސަން ދަނޑު މައްޗަށް ވެއްޓުމުން އޭނާ އެމްބިއުލަންސަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

އެރިކްސަން ދަނޑު މައްޗަށް ވެއްޓުމުން އޭނާ އެމްބިއުލަންސަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

އެރިކްސަން ދަނޑު މައްޗަށް ވެއްޓުމުން، އޭނާގެ ހާލަތު ނުރައްކާ ދަރަޖައަކަށް ވެއްޓުނަ ނުދީ އޭނާއަށް އެންމެ ފުރަތަމަ އެހީވީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އެވެ. އެރިކްސަން އަށް އެހީވެ އޭނާގެ ބޮލުގައި ހިފަހައްޓައި ކިއޭ އެހީތެރިވި އެވެ. މެޑިކަލް އެހީތތެރިން އާދެވުނީ ސިކުންތު ކޮޅެއް ފަހުންނެވެ.

އެރިކްސަން އަށް ކުރިމަތިވި އެ ހާދިސާއާ ގުޅިގެން މެޗު ދޮޅުގަޑިއިރަށް މެދުކަނޑާލި އެވެ. މެޗު ނިންމާލި ހިސާބުން ފަށަން ޔޫއެފާ އިން ނިންމީ، އެރިކްސަން އާންމު ހާލަތަކަށް އައުމުންނެވެ. މެޗު ކުޅެން ޑެންމާކުން އެއްބަސްވީ ވެސް އެރިކްސަން އެކަމަށް ރުހުން ދިނުމުންނެވެ.

މެޗުގެ 43 ވަނަ މިނެޓާ ހަމައިން އަލުން ފެށި މެޗުން ޑެންމާކް ބަލިވުމުން އެ ޓީމުގެ ރިހުމުގައި އިތުރު ވޭނެއް އެޅި އެވެ. އެ މެޗަކީ ޔޫރޯގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުޅުނު ފިންލެންޑުގެ ފުރަތަމަ މެޗެވެ. އަދި ފުރަތަމަ މޮޅު ވެސް މެ އެވެ.