Roadha Mihaaru
އަންނަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި

އަންނަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި ބާއްވަނީ

22 ނޮވެމްބަރ 2016

ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް އަންނަ އަހަރު ގަތަރުގައި ބާއްވަން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް އަންނަ އަހަރު ގަތަރުގައި ބާއްވަން ނިންމައިފި އެވެ.

އިންޑިއާގައި ބާއްވާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގެ ހަވާސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ގަތަރުގެ ވެރިރަށް ދޯހާގައި އަންނަ އަހަރު އިންވެސްޓްމަންޓް ފޯރަމް ބާއްވަން ރައީސް އަބްދުﷲ ޔާމީން ވަނީ ނިންމަވައިފަ އެވެ. އަދި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހަތަރުވަނަ އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި ބާއްވަނީ، މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މެދުއިރުމައްޗާއި އަރަބި ދުނިޔޭގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް އަންގައިދިނުމަށެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ތާޖު ޕެލެސް ހޮޓަލުގަ އެވެ. އެ ފޯރަމް މިއަދު ހެނދުނު ރަސްމީކޮށް ފަށްޓަވައިދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އަދި މިނިސްޓަރު ސައީދު ވެސް ވަނީ އެ ފޯރަމްގައި ވާހަކަ ދައްކަވައިފަ އެވެ.

އިންޑިއާގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ޖަމިއްޔާ ކަމަށްވާ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ)އާ ގުޅިގެން ބާއްވާ ފޯރަމްގައި ރާއްޖެ އާއި އިންޑިއާގެ 400 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި، ދެ ގައުމުގެ ބޮޑެތި ކުންފުނިތަކާއި އިންވެސްޓަރުން ހިމެނެ އެވެ.

މި އަހަރުގެ ފޯރަމްގައި ހުޅުވާލާ މަޝްރޫއުތައް އަމާޒު ކުރަނީ މައިގަނޑު ތިން ދާއިރާ އަކަށެވެ. އެއީ އިންފްރަސްޓްރަކްޗާ އާއި ޓޫރިޒަމް އަދި ރެކްރިއޭޝަނަލް ދާއިރާގެ މަޝްރޫއުތަކެވެ. އެ ދާއިރާތަކުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަޝްރޫއުތައް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ދެ އިންވެސްޓްމަންޓް ފޯރަމް ބާއްވައިފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ.