Roadha Mihaaru
އީ-ސިނގިރޭޓުން ވެސް ހިރުގަނޑާއި ދަތަށް ގެއްލުންވޭ

ދަތާއި ހިރުގަނޑަށް ލިބޭ ގެއްލުން އީ-ސިނގިރޭޓުން ކުޑައެއް ނުވޭ

29 ނޮވެމްބަރ 2016

އާދައިގެ ސިނގިރޭޓުން ހިރުގަނޑާއި ދަތަށް ލިބޭ ގެއްލުން އީ-ސިނގިރޭޓުން ވެސް ލިބިދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އާދައިގެ ސިނގިރޭޓުން ހިރުގަނޑާއި ދަތަށް ލިބޭ ގެއްލުން އީ-ސިނގިރޭޓުން ވެސް ލިބިދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

މި ދިރާސާ ކުރުމަށް ނިއު ޔޯކްގެ ޔުނިވަސިޓީ އޮފް ރޮޗެސްޓާގެ ސައިންސްވެރިން ވަނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހިރުގަނޑަށް އީ-ސިނގިރޭޓްގެ އާވިން ލިބޭ ގެއްލުންތައް ބަލައިފަ އެވެ. މި ހޯދުމުން އެނގުނު ގޮތުގައި، ބެޓެރީ ލައްވައިގެން ގެންގުޅޭ އީ-ސިނގިރޭޓުން ދަތާއި ހިރުގަނޑަށް ލިބޭ ގެއްލުން ކުޑަވާނެ ކަމަށް ބުނާ ވާހަކަ ރަނގަޅެއް ނޫނެވެ.

"އީ-ސިނގިރޭޓުގެ އާވި އަނދައިގެން ދާއިރު އިންފްލެމޭޓަރީ ޕްރޮޓީންއެއް ސެލްތަކުން އުފެދޭ،" ދިރާސާގައި އިސްކޮށް ހުންނެވި އިރްފާން ރަހްމާން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ މިކަމުގެ ސަބަބުން ސްޓްރެސް ސެލްތަކަށް ބާރު ބޮޑުވާ ކަމަށާއި މިކަމުގެ ސަބަބުން އަނގައިގެ އެކި ބަލިތަކަށް މަގު ފަހިވާ ކަމަށެވެ. ރަހްމާން ވިދާޅުވި ގޮތުގައި އީ-ސިނގިރޭޓުން ދަތާއި ހިރުގަނޑަށް ލިބޭ ގެއްލުމުގެ މިންވަރު ބިނާވެގެން ވަނީ އެ މީހަކު އީ-ސިނގިރޭޓް ބޭނުންކުރާ މިންވަރެއްގެ މައްޗަށް ކަމަށް ރަހްމާން ވިދާޅުވެފައިވެ އެވެ.

ދިރާސާއިން އެނގުނު ގޮތުގައި މި ގެއްލުން ވަނީ އީ-ސިނގިރޭޓުގައި ރަހަ ލެއްވުމަށް ބޭނުންކޮށްފައި ހުންނަ ކެމިކަލްތަކުގެ ސަބަބުން ކަމަށެވެ. ރަހްމާން ވިދާޅުވީ އީ-ސިނގިރޭޓުގައި ވެސް ނިކޮޓިން ހުންނަ ކަމަށާއި އެއީ ހިރުގަނޑުގެ ބަލިތައް ޖެހުމަށް މެދުވެރިކުރުވާ މައިގަނޑު ވަސީލަތް ކަމަށެވެ. އަދި އީ-ސިނގިރޭޓުގައި ބޭނުންކުރާ އެކި ފްލޭވާތަކުގައި ކެމިކަލްގެ މިންވަރު ހުންނަނީ އެކި ވަރަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ދިރާސާގައި ބުނެފައި ވަނީ އީ-ސިނގިރޭޓުން ލިބޭ ގެއްލުން ރަނގަޅަށް ދެނެގަތުމަށް ދިގު މުއްދަތަކަށް މިހާރަަށް ވުރެ ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރަންޖެހޭ ކަމަށެވެ.