Roadha Mihaaru
ވޭޕްސް އާއި އީ-ސިނގިރޭޓް ވެސް ގެއްލުން ކުޑައެއް ނޫން

ސިނގިރެޓުން ލިބޭ ގެއްލުން ވޭޕްސް އާއި އީ-ސިނގިރެޓުން ވެސް ލިބޭ

06 ޑިސެމްބަރ 2017

އީ-ސިނގިރޭޓާއި ވޭޕިން އިން ލިބޭ ސިއްހީ ގެއްލުން އާދައިގެ ސިނގިރެޓުން ލިބޭ ގެއްލުމާ އަޅާބަލާއިރު ކުޑަ ކަމަށް ބުނި ނަމަވެސް ދިރާސާތަކުން ދައްކަނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އީ-ސިނގިރޭޓާއި ވޭޕިން އިން ލިބޭ ސިއްހީ ގެއްލުން އާދައިގެ ސިނގިރެޓުން ލިބޭ ގެއްލުމާ އަޅާބަލާއިރު ކުޑަ ކަމަށް ބުނި ނަމަވެސް ދިރާސާތަކުން ދައްކަނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

އީ-ސިނގިރޭޓްގެ އިމިއުން ރެސްޕޮންސް ވެސް އާދައިގެ ސިނގިރޭޓްގެ ރެސްޕޮންސާ ތަފާތެއް ނެތެވެ. އިމިއުން ރެސްޕޮންސަކީ ހަށިގަނޑު ނުދަންނަ ޒާތްޒާތުގެ މާއްދާތައް ހަށިގަނޑަށް ވަނުމުން، ހަށިގަނޑުގައި ހުންނަ ސެލްތަކާއި ދިޔައިގައި އުފެދޭ ބައޮލޮޖިކަލް ރިއެކްޝަނެކެވެ. މިފަދަ އިމިއުން ރެސްޕޮންސްތަކަކީ ބަލިތައް ޖެއްސުމުގައި ދައުރެއް ކުޅޭ އެއްޗެކެވެ. މީގެ ތެރޭގައި ސިނގިރޭޓް ބުއިމުގެ ސަބަބުން މެދުވެރިވާ ފުއްޕާމޭގެ ބަލިތައް ހިމެނެ އެވެ.

އީ-ސިނގިރޭޓުން އިންސާނުންނަށް ލިބޭ ގެއްލުންތައް ބެލުމަށް އިންސާނުންގެ ފުއްޕާމެއިން ދަވައިގެ ސާމްޕަލްތައް ނަގައިގެން ހަދާފައިވާ މި ދިރާސާއަކީ މިރޮނގުން ހޯދާފައިވާ ފުރަތަމަ ހޯދުމެވެ.

އާދައިގެ ސިނގިރޭޓަށް ވުރެ އީ-ސިނގިރޭޓް ބުއިން މާ ރައްކާތެރިކަމަށް ބައެއް މީހުންނަށް ގަބޫލު ކުރެވިފައި ވަނީ އަރާފައިވާ ވަރަށް ބޮޑު އޮޅުމަކުން ކަމަށާއި އީ-ސިނގިރޭޓުން ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަތުމުގެ މަސައްކަތް އަދި ކިރިޔާ ފެށުނީ ކަމަށް މި ދިރާސާ ކުރެއްވި ސައިންސްވެރިން ބުނެ އެވެ.

ޖާނަލް އޮފް ރެސްޕިރޭޓަރީ އެންޑް ކްރިޓީކަލް ކެއާ މެޑިސިންގައި ޝާއިއުކޮށްފައިވާ މިފަހަރުގެ ހޯދުމުގައި ބަލާފައިވަނީ އީ-ސިނގިރޭޓް ބުއިމުން ފުއްޕާމޭގައި ހުންނަ މޮލެކިއުލްސްތަކާއި ޖީންތަކަށް ލިބިފައި ހުރެދާނެ ގެއްލުން ތަކަށެވެ. ހޯދުމުގެ ނަތީޖާގައި ބުނެފައިވަނީ އީ-ސިނގިރޭޓް ބުއިމުން ލިބޭ ގެއްލުންތައް ބައެއް ގޮތް ގޮތުން، އާދައިގެ ސިނގިރޭޓް ބުއިމެކޭ އެއްވަރު ކަމަށެވެ.

ސައިންސްވެރިން ބުނަނީ އީ-ސިނގިރޭޓާއި އާދައިގެ ސިނގިރޭޓުން ލިބޭ ގެއްލުން އަޅާ ކިއުމެކޭ އާފަލާއި އޮރެންޖާ އަޅާ ކިއުމެކޭ ތަފާތެއް ނެތް ކަމަށެވެ. އަދި އާދައިގެ ސިނގިރޭޓުން ވެސް ލިބޭ ވަރުގެ ގެއްލުންތަކެއް އީ-ސިނގިރޭޓުން ވެސް ލިބޭ ކަމަށް، އެއްކޮށްފައިވާ މައުލޫމާތުން ސާބިތުވާ ކަމަށް ސައިންސްވެރިން ބުންޏެވެ.