Roadha Mihaaru
އައްޑޫގައި ކޮންސިއުލޭޓް އެޅުމާ ދެކޮޅު ޕެޓިޝަނެއް

އައްޑޫގައި އިންޑިއާ ސިފައިން ތިބުމާއި ކޮންސިއުލޭޓް ހެދުމާ ދެކޮޅު ޕެޓިޝަނެއް

29 މެއި 2021

އައްޑޫގައި އިންޑިއާގެ ސިފައިން ތިބުމާއި އެ ގައުމުގެ ކޮންސިއުލޭޓެއް އެ ސިޓީގައި ގާއިމުކުރުމާ ދެކޮޅަށް ޒުވާނުންތަކެއް އިސްވެ ޕެޓިޝަނެއްގައި ސޮއިކުރަން ހުޅުވައިލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގައި އިންޑިއާގެ ސިފައިން ތިބުމާއި އެ ގައުމުގެ ކޮންސިއުލޭޓެއް އެ ސިޓީގައި ގާއިމުކުރުމާ ދެކޮޅަށް ޒުވާނުންތަކެއް އިސްވެ ޕެޓިޝަނެއްގައި ސޮއިކުރަން ހުޅުވައިލައިފި އެވެ.

މި ޕެޓިޝަން ހުށަހަޅަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރަށެވެ.

އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު މީގެ ދެ ދުވަސް ކުރިން ހުޅުވައިލި މި ޕެޓިޝަނަށް 1،000 މީހުންގެ ސޮއި ބޭނުންވެ އެވެ. މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ޕެޓިޝަންގައި ސޮއިކޮށްފައިވެ އެވެ.

އައްޑޫ ހިތަދު އަށް އުފަން ޒާހިދުގެ އިސްނެގުމަކަށް ހަދާ ޕެޓިޝަންގައި ބުނެފައި ވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން އެ ގައުމުގެ ކެބިނެޓުން ނިންމީ މިކަމާ މެދު އައްޑޫގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ނުބަލައި އަދި އިޒުނަ ވެސް ނުހޯދާ ކަމަށެވެ. މިފަދަ ނިންމުމެއް ނިންމަން ވާނީ އައްޑޫ މީހުންގެ ރުހުން ވެސް ލިބިގެން ކަމަށް ބުނެފައިވެ އެވެ.

އައްޑޫ ރައްޔިތުންގެ ހިޔާލު ނުހޯދާއި އެ ސިޓީގެ މެޖޯރިޓީ ރައްޔިތުން އެއްބަސްވާ ގޮތެއް ވެސް ނުބަލައި، އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށް ހުއްދަ ނުދިނުމަށް ޕެޓިޝަންގައި ސަރުކާރަށް ގޮވާލައިފައިވެ އެވެ.

މި ޕެޓިޝަން ގޮވާލައިފައި ވަނީ އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ވީހާ ވެސް އަވަހަކަށް އެ މީހުން އެ ސިޓީން ބޭލުމަށެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް މި ގޮތަށް ތިބި އިންޑިއާގެ ސިފައިން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމަށް އެދިފައިވެ އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗެއާ ކުރެއްވި ކެބިނެޓުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ދެން އޮތީ ދިވެހި ސަރުކާރުގެ ހުއްދަ ހޯދުމެވެ. ވިއެނާ ކޮންވެންޝަންގައި ވާ ގޮތުން ނަމަ ގައުމެއްގައި އެމްބަސީ ނުވަތަ ޑިޕްލޮމެޓިކް މިޝަނެއް ހުޅުވުމުގެ ކުރިން އެ ގައުމުގެ ކެބިނެޓުން ނުވަތަ ސަރުކާރުން އެކަމެއް ފާސްކުރަން ޖެހެ އެވެ. އެ މިޝަނެއް ގާއިމްކުރާ ގައުމުގެ ސަރުކާރުގެ ހުއްދަ އަށް އެކަމުގައި އެދޭނީ އޭގެ ފަހުންނެވެ.

މިކަމާ ގުޅޭ ގޮތުން، އެންމެ ފަހުން ބޭއްވި ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މީގެ ތިން ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާ ސަރުކާރުން ނިންމި ނަމަވެސް އެކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމާ ގުޅޭ ގޮތުން ސިޔާސީ މީހުންނާއި އަދި އާންމުންގެ މެދުގައި ވެސް ހިޔާލު ތަފާތުވުންތަކެއް އުފެދި ގިނަ ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. މި ސަރުކާރުގައި އައްޑޫ ތަމްސީލު ކުރައްވާ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ މެމްބަރުން ވެސް ވަނީ އިންޑިއާގެ ކޮންސިއުލޭޓް ހުޅުވުމާ އެއްކޮޅަށް ތެދުވެފަ އެވެ.