Roadha Mihaaru
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން އިތުރު މަޝްވަރާތަކެއް

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން މުއިއްޒު ބައިވެރިކޮށްގެން، އިތުރު ބައްދަލުވުންތަކެއް ބާއްވަނީ

27 މެއި 2021

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ" ފްލެޓަށް މަހަކު ދައްކަން ޖެހޭ ކުލީގެ އަގު ކުޑަކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ބައްދަލުވުންތަކެއް ބާއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ" ފްލެޓަށް މަހަކު ދައްކަން ޖެހޭ ކުލީގެ އަގު ކުޑަކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ބައްދަލުވުންތަކެއް ބާއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު، ރައީސްއާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތަފްސީލް ހިއްސާ ކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓަށް 8،500ރ. ދައްކަން ރައްޔިތުންނަށް ދަތިވާނެ ކަމަށާއި ފިނިޝިންގެ މަސައްކަތްތަކަށް ވެސް ބޮޑު ހަރަދެއް ރައްޔިތުން ކުރަން ޖެހޭނެ ކަމަށް ރައީސަށް ދަންނަވާފައިވާ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑަށް އަންދާޒާ ކުރެވޭ ގޮތުގައި ދެ ލައްކައެއްހާ ރުފިޔާ ހަރަދުވާނޭ މިހާރު ނިންމަން ޖެހޭ މަސައްކަތް ކުރަން. އާންމު ރައްޔިތުންނަށް އެވަރު ހަރަދެއް ނުކުރެވޭނެ. ކޮންމެވެސް މީހަކަށް ދަރައިގެން އެ ފައިސާ ހަރަދު ކުރަން ޖެހޭނީ،" މުއިއްޒު ވިދާޅުވި އެވެ.

މިކަމުގެ ހައްލެއްގެ ގޮތުން އޭނާ ވިދާޅުވީ އިމާރާތުގެ ފިނިޝިން މަސައްކަތަށް ދާ ހަރަދު، ފްލެޓުގެ ޖުމްލަ އަގުން އުނި ކުރެވޭ ގޮތަށް ހެދުމަށް ފަހު ސަރުކާރުން އެ މަސައްކަތް ކުރުމެވެ. އޭގެ އިތުރުން މަހަކު ދައްކަން ކަނޑައަޅާފައިވާ 8500ރ. ވެސް އެއަށް ވުރެ ކުޑަ ކުރުމަށް ރައީސް އަރިހުން އެދިވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ ވަރަށް އުންމީދީ ޖަވާބެއް ކަމަށާއި ކުލިބޮޑުކަން އެމަނިކުފާނު ވެސް ގަބޫލު ކުރެއްވި ކަމަށެވެ. އެހެންވެ، ސިޓީ ކައުންސިލާއި ރައީސް އޮފީސް އަދި އެޗްޑީސީ ގުޅިގެން މަޝްވަރާތަކެއް ފައްޓަވާނެ ކަމަށާއި ހިޔާ ފްލެޓްގެ އެ އަގުތައް އައި ގޮތާއި އޭގެ ތަފްސީލް މަޝްވަރާކޮށް، އެ އަގު ކުޑަ ކުރެވޭނެ ގޮތް ހޯދަން މަޝްވަރާ ބައްދަލުވުންތަކެއް ހަމަޖައްސާ ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް އެ އަގު ކުޑަ ވެގެން ދާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްގެ ހިސާބުތައް ހަދާފައި ވާނީ މަހު ކުލީގެ ގޮތުގައި 5،500ރ. ދައްކާ ގޮތަށް ކަމަށެވެ. އަދި އެ އަގުގައި އެތަން ދޫކޮށްގެން އެޗްޑީސީއަށް ގެއްލުމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

އެޗްޑީސީ އާއި މާލެ ސިޓީ ކައުންސިލުން ގުޅިގެން ބާއްވާ ބައްދަލުވުންތައް ފެށުމުން ހިޔާ ފްލެޓްގެ އަގު ކުޑަ ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އެޗްޑީސީން މިހާރު ކަނޑައަޅާފައި ވަނީ ހިޔާ ފްލެޓަށް 25 އަހަރު ވަންދެން މަހު ކުލީގެ ގޮތުގައި 7،500ރ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ދައްކުމަށެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގަން ނިންމިޔަސް، ފްލެޓް ލިބުނު ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވެއްޖެ ނަމަ، އެ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.