Roadha Mihaaru
ވެހިކަލް ޕާމިޓް ނެތަސް މިހާރު ޑެލިވަރީ ކުރެވޭނެ

ވެހިކަލް ޕާމިޓް ނެތަސް މިހާރު ޑެލިވަރީ ކުރެވޭނެ

26 މެއި 2021

ވެހިކަލް ޕާމިޓް ނެތަސް، މުވައްޒަފުންނަށް ދޫކުރާ ފާސް ބޭނުންކޮށްގެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވެހިކަލް ޕާމިޓް ނެތަސް، މުވައްޒަފުންނަށް ދޫކުރާ ފާސް ބޭނުންކޮށްގެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޝަނާޒް މުހައްމަދު ވިދާޅުވީ، މިއަދުން ފެށިގެން އެޅި ފިޔަވަޅުތަކާއެކު ވިޔަފާރިތަކަށް ހުއްދަ ދޭ އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން، މިހާރު ވެހިކަލް ޕާމިޓް ވަކިން ހޯދަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެއިން ބުއިމުގެ ވިޔަފާރިއެއް ކުރާ ނުވަތަ އެހެން ވިޔަފާރިއެއް ކުރާ ތަނެއްވިޔަސް ވެހިކަލަށް ވަކިން ހުއްދަ ނުހޯދައި މުވައްޒަފަށް ހުއްދަ ހޯދީމަ އެ އޮޕަރޭޓް ކުރާ ވެހިކަލަށް ވެސް ހުއްދަ ލިބުނީ." ޝަނާޒް ވިދާޅުވި އެވެ.

މީގެ ކުރިން ޑެލިވަރީގެ ހިދުމަތް ދޭ ތަންތަނުން ޑެލިވަރީ ކުރުމަށް ބޭނުން ކުރާ އުޅަނދަށް ވަކިން ހުއްދަ ނަގަން ޖެހެ އެވެ. އެހެންކަމުން ބައެއް ކުދި ފިހާރަތަކުންނާއި ކެފޭތަކުން ވެހިކަލް ޕާމިޓް ނުނަގައި އޮތުމުން ޑެލިވަރީގެ ހިދުމަތް ދިނުމުގައި ދަތިތަކަށް ދިމާވާ ކަމަށް ދަނީ ބުނަމުންނެވެ.

ވިޔަފާރިތަކަށް ފާސް ދޫކުރާނީ ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ. އެގޮތުން، ވިޔަފާރިކުރާ ތަންތަނުގެ ތެރެއިން ފިހާރަތަކަށް ހަތަރު ފާސް އަދި ކެފޭ/ ރެސްޓޯރެންޓް ފަދަ ތަންތަނަށް ހަ ފާސް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޫކުރާނެ އެވެ.

ވިޔަފާރިތަކުން އެތަންތަނުގެ މުވައްޒަފުންނަށް ބޭނުންވާ އިތުރު ފާސްތަކަށް އެދެން ޖެހޭނީ އިކޮނޮމިކް މިނިސްްޓްރީ އަށް އީމެއިލް ކޮށްގެންނެވެ. އެ މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް 6،000އެއްހާ ރެކުއެސްޓް އެ މިނިސްޓްރީ އަށް ވަނީ ލިބިފަ އެވެ. މީގެ ތެރެއިން ގިނަ ފާސްތައް މާދަމާ ހެނދުނު ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އެޅި ފިޔަވަޅުތަކާއެކު މިހާރު ފިހާރަތަކަށާއި ކެފޭ އަދި ރެސްޓޯރެންޓުތަކަށް ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން މެންދަމު 12:00 އަށެވެ.