Roadha Mihaaru
ޗެމްޕިއަންސް ލީގު ޖާގަ ހޯދިއިރު ރޮނާލްޑޯ ބެންޗުގައި

ޔުވެންޓަސްގެ އެންމެ މުހިންމު މެޗުގައި ރޮނާލްޑޯ ބެހެއްޓީ ބެންޗުގައި

24 މެއި 2021

ބެލޯނިއާ (24 މެއި) - ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން ލީގުގެ ފަހު މެޗުގައި ބެލޯނީއާގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެލޯނިއާ (24 މެއި) - ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން ލީގުގެ ފަހު މެޗުގައި ބެލޯނީއާގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ ޖާގަ ޔުވެންޓަސް އަށް ލިބުނީ އެ ޓީމު މޮޅުވުމުގެ އިތުރަށް، ހެލަސް ވެރޯނާ އަތުން ނަޕޯލީއަށް މޮޅު ނުވެވުމުންނެވެ. މެޗު 1-1 އިން އެއްވަރުވެ ޔުވެންޓަސްގެ ފަހަތުގައި އެއް ޕޮއިންޓްގެ ފަރަގަކާ އެކު އޮންނަން ޖެހުމުން ނަޕޯލީ އަންނަ ސީޒަންގައި ވާދަކުރަނީ ޔޫރޮޕާ ލީގުގަ އެވެ.

އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގަ ނުލިބުމުން، ކޯޗް ޖެނާރޯ ގަޓޫސޯ ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދީފަ އެވެ.

ބެލޯނީއާ ކޮޅަށް ޔުވެންޓަސް ހަތަރު ލަނޑު ކާމިޔާބު ކުރިއިރު މެޗު ނިމެންދެން ރޮނާލްޑޯ އިނީ ބެންޗުގަ އެވެ. އެ ޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އަލްވާރޯ މޮރާޓާ އެވެ. އަނެއް ދެ ލަނޑު ޖެހީ ފެޑްރީކޯ ކިއޭޒާ އަދި އެޑްރިއާން ރެބިއޮޓް އެވެ.

ސީޒަންގެ އެންމެ މުހިންމު މެޗުގައި، ރޮނާލްޑޯ ބެންޗަށް ބަދަލު ކުރީ އޭނާ ވަރުބަލި ވެފައި ހުރުމުން ކަމަށް ޔުވެންޓަސްގެ ކޯޗް އަންޑްރެއާ ޕިރްލޯ ބުންޏެވެ.

"އެއީ ވާހަކަ ދެކެވިގެން ނިންމި ނިންމުމެއް. މިދިޔަ ބުދަ ދުވަހު މެޗަށް ފަހު ރޮނާލްޑޯ ހުރީ ވަރުބަލި ވެފައި،" ޕިރްލޯ ބުންޏެވެ.

"އަހަރެން ނިންމީ މޮރާޓާއަށް ފުރުސަތު ދޭން. އެއީވެސް ތަފާތު ކުޅުންތެރިޔެއް. ރޮނާލްޑޯވެސް ހުރި ބޭނުން ކުރެވޭ ގޮތަށް، އަހަރެމެންގެ މިއޮތީ ބޮޑު ސްކޮޑެއް. އެހެންވީމަ އަހަންނަށް ގިނަ އޮޕްޝަންތަކެއް ލިބޭ."