Roadha Mihaaru
އުދުހޭ އިލެކްޓްރިކް ރޭސް ކާރެއް

އުދުހޭ އިލެކްޓްރިކް ރޭސް ކާރެއް

25 މެއި 2021

ދުނިޔޭގެ ފުރަތަމަ އިލެކްޓްރިކް އުދުހޭ ރޭސް ކާރު އޮސްޓްރޭލިއާގެ ކުންފުންޏަކުން ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ ފުރަތަމަ އިލެކްޓްރިކް އުދުހޭ ރޭސް ކާރު އޮސްޓްރޭލިއާގެ ކުންފުންޏަކުން ދައްކާލައިފި އެވެ.

އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ އެއާސްޕީޑާ އިން ދައްކައިލި ޕްރޮޓޮޓައިޕްޓް އެމްކޭ3 ރޭސް ކާރަކީ ދެކުނު އޮސްޓްރޭލިއާގެ އެޑެލައިޑްގައި ސްޕޯޓްސް ޓެކްނިކަލް ކުއާޓަރުގައި ހަދާފައިވާ އެއްޗެކެވެ. އެ ކުންފުނީގެ ސިސްޓަ ކުންފުނި އެލައުޑާ އެއޮރޮނޯޓިކްސް އިން މިހާރު އަންނަނީ އުދުހޭ ކާރުގެ އިތުރު 10 ކާރު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވައިގެ ތެރޭގައި އުދުހޭ ރޭސް ކާރުގެ މުބާރާތްތައް ވެސް ބޭއްވުމެވެ. މިފަދަ މަސައްކަތެއް ކުރެވެމުން އަންނަ އިރު އުދުހޭ ޓެކްސީގެ ވާހަކަ އަކީ ވެސް ދެކެވޭތާ މިހާރު އަހަރުތަކެއް ވެފައިވާ ވާހަކައެކެވެ އެކަން އަދި ހަގީގަތަކަށް ނުވިޔަސް އުދުހޭ ޓެކްސީ އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ތަރައްގީވެފައިވާ ބައެއް ގައުމުތަކުން އަންނަނީ ކުރަމުންނެވެ.

އުދުހޭ ރޭސް ކާރު ދައްކައިލި އެއާސްޕީޑާ އިން ބުނި ގޮތުގައި ވަރަށް އަވަހަށް ދުނިޔޭގެ ތިން ބައްރެއްގައި އުދުހޭ ރޭސް ކާރުގެ ހަރަކާތްތަކެއް ދައްކައިލެވޭނެ އެވެ.

މި މަސައްކަތާ ބެހޭ ގޮތުން ރޯޔަލް އެކެޑެމީ އޮފް އާޓްސް ގްރެޖުއޭޓް ޑިޒައިން ހެޑް ފެލިކްސް ފިރޮންސް ވިދާޅުވި ގޮތުގައި އުދުހޭ ރޭސް ކާރަކީ ފޯމިއުލާ 1 (އެފް1) އާއި ފައިޓަ ޖެޓަކާއި ހެލިކޮޕްޓަރެއްގެ ޓެކްނިކްތަކުގެ މަސްހުނިގަނޑެކެވެ. އަދި މިއީ ބޭނުންކުރަން ފަސޭހަ ރައްކާތެރި އެއްޗަކަށް ވާނެކަމާ ދޭތެރޭ އެއްވެސް ސުވާލެއް ނެތް ކަމަށް ވިދާޅުވި އެވެ.

އުދުހޭ ކާރުގެ ތެރޭގައި އޭގެ ޕައިލެޓް ހަމަޖެހިލައިގެން ކޮކްޕިޓްގައި އިންނާނީ ޒަމާނީ އެފް1 ކާރެއްގެ ތެރޭގައި ވެސް ޑްރައިވަރު އިންނަހާ ފަސޭހަކޮށެވެ. އެހެންވެ އުދުހޭ ރޭސް ކާރަކީ ވަރަށް އުންމީދީ އެއްޗަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"އުންމީދު ވެސް ކުރެވޭ އަންނަ އަހަރުގެ ތެރޭގައި އުދުހޭ ކާރާ އެކު ރޭސިން މުބާރާތެއް ބޭއްވޭނެ ކަމަށް،" ފެލިކްސް ވިދާޅުވި އެވެ.

އެއާސްޕީޑާގެ އުދުހޭ ކާރުގެ ބައެއް ސްޕެސިފިކޭޝަންތަކަށް ބަލާ އިރު މިއީ ބަރުދަނުގައި 130 ކިލޯ ހުންނަ އަދި 80 ކިލޯގެ ބަރުދަން އުފުލާލެވޭ ވަރުގެ ގާބިލުކަން ހުންނާނެ އެއްޗެކެވެ. މީގެ ހަކަތައިގެ ނިސްބަތަކީ 320 ކިލޯވޯޓެވެ. އަދި ދުވެއްޔަށް ބަލާ އިރު 2.8 ސިކުންގެ ތެރޭގައި 0-100 މީޓަރުގެ ރާސްތާއެއް ކަޑައްތުކުރާނެ އެވެ. ސްޕީޑް 500 މީޓަރަށް ހިއްލައިލެވޭނެ އެވެ. އެއާސްޕީޑާގެ އެމްކޭ3 އަކީ ބިމުގައި ތިބެގެން ރިމޯޓުން ވެސް ކޮންޓްރޯލްކުރެވޭނެ އެއްޗެކެވެ.