Roadha Mihaaru

ސަލާމަތީ ހިދުމަތުގެ ބާރު އުނިކޮށް އިންޓެލިޖެންސް އިދާރާއެއް އުފައްދާކަށް ނޫޅެން: ރައީސް އޮފީސް

ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރު ވެސް އެކަން ކުރަމުންދާ އިދާރާތަކުން ކަމަށާއި އެ އިދާރާތަކުގެ ބާރު ހަނިކޮށް ރައީސް އޮފީހުގެ ބެލުމުގެ ދަށުން އެފަދަ އިދާރާއެއް ނުހިންގާނެ ކަމަށް ރައީސް އޮފީހުން ރޭ ބުނެފި އެވެ.

"އިންޓެލިޖެންސް އިދާރާއެއް އުފައްދާކަށް ނޫޅެން"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 މެއި 2021

ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރު ވެސް އެކަން ކުރަމުންދާ އިދާރާތަކުން ކަމަށާއި އެ އިދާރާތަކުގެ ބާރު ހަނިކޮށް ރައީސް އޮފީހުގެ ބެލުމުގެ ދަށުން އެފަދަ އިދާރާއެއް ނުހިންގާނެ ކަމަށް ރައީސް އޮފީހުން ރޭ ބުނެފި އެވެ.

ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސަބްރާ އިބްރާހީމް ނޫރައްދީނާއި، އެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހުގެ ސެކްރެޓެރީގެ މަގާމުގައި ހުންނެވި ޢާއިޝަތު ނޫޝީން ވަހީދާ ގުޅޭ ގޮތުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކާ ގުޅިގެން ރައީސް އޮފީހުން ބުނީ އެ ޚަބަރުގައި ވަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

"ރައީސް އޮފީހުން ކުރާ އިންޓެލިޖެންސް އޮޑިޓުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް!" ނަމުގައި ލިޔެފައިވާ އެެ ރިޕޯޓަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓަކީ، ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ޚަބަރާއި މައުލޫމާތު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް ވެސް ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ އޮފީހުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން އެމީހަކާބެހޭ ގޮތުން ސާފުކުރަންޖެހޭ މައުލޫމާތާއި ކުށުގެ ރެކޯޑު ކަނޑައެޅިފައިވާ އުސޫލުން ބަލައި، ސާފުކުރެ އެވެ. އެގޮތުން، ސަބްރާ އާއި ނޫޝީން ވެސް އެ އޮފީހުގެ ވަޒީފާއަށް އައްޔަނުކުރީ ގަވާއިދުގައިވާ ގޮތަށް ކަމަށް ބުންޏެވެ.

"މި ރިޕޯޓުގައިވާ ފަދައިން އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން މިފަދަ އިދާރާއެއް ހިންގާނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެކެވެ،" ރައީސް އޮފީހުން ބުންޏެވެ.

މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ރައީސް އޮފީހުން ބުނީ އެކަން ކުރަނީ ވަރަށް މުހިންމު މަގްސަދެއް ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ޚަބަރު ފެތުރީތީ ކަންބޮޑުވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުން ގަބޫލުކުރާ އަސާސަކީ، ނޫސްވެރިންގެ މިނިވަންކަމާއި، ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ނޫސްވެރިންނަކީ ވަކި އަހްލާގީ ހަމަތަކަކާއި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާ ބަޔަކަށްވާތީ، ކުރިއަށް އޮތްތަނުގައި ވެސް އެ ހަމަތަކާއި އުސޫލުތަށް ހިފެހެއްޓުމަށް އިލްތިމާސްކޮށްފައިވެ އެވެ.