Roadha Mihaaru
ކެޓްރީނާގެ ސުޕަހީރޯ ފިލްމުގެ ޝޫޓިން އަންނަ އަހަރަށް

ކެޓްރީނާގެ ސުޕަހީރޯ ފިލްމުގެ ޝޫޓިން އަންނަ އަހަރަށް ފަސްކޮށްފި

20 މެއި 2021

ބަތަލާ ކެޓްރީނާ ކައިފާ އެކު، ޑައިރެކްޓަރު އަލީ އައްބާސް ހަދަން ނިންމާފައިވާ ސުޕަހީރޯ ފިލްމުގެ މަސައްކަތް އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ކެޓްރީނާ ކައިފާ އެކު، ޑައިރެކްޓަރު އަލީ އައްބާސް ހަދަން ނިންމާފައިވާ ސުޕަހީރޯ ފިލްމުގެ މަސައްކަތް އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަލީއާ ގާތް މީހަކާ ހަވާލާދީ "ޕީޕީންމޫން" އިން ބުނީ ނެޓްފްލިކްސްއާ ގުޅިގެން ދެ ބަޔަކަށް ހަދަން ނިންމާފައިވާ ފިލްމުގެ މަސައްކަތް މިހާރު އަންނަ އަހަރަށް ފަސްކުރީ މި އަހަރުގެ ތެރޭގައި ފިލްމުގެ މަސައްކަތް ފެށިދާނެކަމުގެ އެއްވެސް އުންމީދެއް ނެތުމުން ކަމަށެވެ. ސަބަބަކީ އިންޑިއާގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން އެ ބަލިމަޑުކަމުން އަރައިގަނެވޭނެ އިރެއް ވެސް ނޭނގޭތީ އެވެ. އެހެންވެ އަންނަ އަހަރަށް ފިލްމުގެ މަސައްކަތް ފަސްކުރީ އަލީ އާއި ނެޓްފްލިކްސް ވަރަށް ބޮޑަށް މަޝްވަރާކުރުމަށް ފަހު ކަމަށް ބުންޏެވެ.

ކުރިން ނިންމައިގެން ތިބީ މި އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފަށާށެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ނަމަކީ "ސުޕަ ސޯލްޖާ" އެވެ. އެކަމަކު އެއީ އަދި ކަށަވަރު ނަމެއް ނޫނެވެ. މި ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކެއް އިންޑިއާ އިން ބޭރުގައި ވެސް ނަގާނެ އެވެ.

ކެޓްރީނާގެ އެހެން ދެ ފިލްމެއްގެ މަސައްކަތް ވެސް މިހާރު އޮތީ ކޮވިޑާ ހެދި ހުއްޓިފަ އެވެ. އެއީ ސަލްމާން ޚާނާ އެކު ކުޅޭ "ޓައިގާ 3" އާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީއާ އެކު ކުޅެން ހަމަޖެހިފައިވާ "މެރީ ކްރިސްމަސް" އެވެ.

މަސައްކަތް ނިމިފައި އޮތް ކެޓްރީނާގެ "ސޫރިޔަވަންޝީ" އަކީ ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ރިލީޒްނުކުރެވި އޮތް ފިލްމެކެވެ. އޭނާގެ އަތުގައި މިހާރު ޝޫޓިން ނިންމާފައި އޮތް ފިލްމެއް ވެސް އެބައޮތެވެ. އެއީ "ފޯންބޫތު" އެވެ.

އަލީއާ އެކު ސުޕަހީރޯ ފިލްމެއްގެ މަސައްކަތްކުރަން ކެޓްރީނާ އަށް ފުރުސަތު ލިބުނު އިރު، އަލީ އެންމެ ފަހުން ގެނެސްދިން 2019 ގެ ސަލްމާންގެ "ބާރަތު" ގެ ބަތަލާ އަކީ ވެސް ކެޓްރީނާ އެވެ. އަލީއާ އެކު ކެޓްރީނާ މަސައްކަތްކުރި އިތުރު ފިލްމުތަކުގެ ތެރޭގައި 2017 ގެ "ޓައިގާ ޒިންދާ ހޭ" އާއި 2011 ގެ "މޭރޭ ބްރަދާ ކީ ދުލްހަން" ހިމެނެ އެވެ.

އަލީ އެންމެ ފަހުން ގެނެސްދިނީ މި އަހަރުގެ ކުރީކޮޅު ސައިފް އަލީ ޚާނާ އެކު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ވެބް ސީރީޒް "ތަންޑާވް" އެވެ. އަލީ ހަދަން ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ" ގެ ނަމުގައި ހަދާ ސައިންސް ފިކްޝަން ޓްރިލޮޖީއެއް ވެސް ހިމެނެ އެވެ.