Roadha Mihaaru
އަކްޝޭ އެންމެ ދެރަވަނީ "ބާގް މިލްކާ ބާގް" ނުކުޅެވުނީތީ

އަކްޝޭ އެންމެ ދެރަވަނީ "ބާގް މިލްކާ ބާގް" ނުކުޅެވުނީތީ

19 މެއި 2021

"ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދުބާރާ" ކުޅެން ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާގެ "ބާގް މިލްކާ ބާގް" ދޫކޮށްލެވުމަކީ ކެރިއަރުގައި ހެދުނު އެންމެ ބޮޑު އެއް ގޯސް ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދުބާރާ" ކުޅެން ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާގެ "ބާގް މިލްކާ ބާގް" ދޫކޮށްލެވުމަކީ ކެރިއަރުގައި ހެދުނު އެންމެ ބޮޑު އެއް ގޯސް ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.

އޭނާ ބުނި ގޮތުގައި އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓްކުރި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދުބާރާ" އަކީ ނުކުޅެވުނު ނަމައޭ ހިތަށް އަރާ ވަރުގެ ފިލްމެއް ކަމަށެވެ.

"އެ ފިލްމަކީ އަހަންނަށް ބަލަން ވެސް ކަމުދާ ފިލްމެއް ނޫން،" އަކްޝޭ ބުންޏެވެ.

"ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދުބާރާ" އަކީ އަޖޭ ދޭވްގަނާއި އިމްރާން ހާޝްމީ އާއި ކަންގަނާ ރަނާވަތު އަދި ޕްރަޗާ ދެސާއީ 2010 ގައި ކުޅުނު "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" ގެ ސީކްއެލް އެވެ. އަކްޝޭއާ އެކު ފިލްމުގައި ސޮނާކްޝީ ސިންހާ އާއި އިމްރާން ޚާނާއި ސޮނާލީ ބެންޑްރޭ ވެސް ހިމެނެ އެވެ.

"ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދުބާރާ" އާއި "ބާގް މިލްކާ ބާގް" އަކީ 2013 ގައި ރިލީޒްވި ފިލްމުތަކެވެ. ފަރުހާން އަޚްތަރު ކުޅުނު "ބާގް މިލްކާ ބާގް" އަކީ އިންޑިއާގެ ކުރީގެ ދުވުންތެރިޔާ މިލްކާ ސިންގްގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް ޑްރާމާއެކެވެ. އެ ފިލްމަކީ ފަރުހާންގެ ވަރަށް މޮޅު އެކްޓިން އަށް ފެނިގެން ދިޔަ ވަރަށް ކާމިޔާބު ފިލްމެކެވެ. "ބާގް މިލްކާ ބާގް" އިން ފަރުހާނަށް އެންމެ މޮޅު އެކްޓަރުގެ މަގާމު އިންޑިއާގައި ދޭ މަޝްހޫރު ހުރިހާ ޕޮޕިއުލާ އެވޯޑަކުން ވެސް ލިބުނެވެ. އޭގެ ތެރޭގައި ފިލްމުފެއާ، އައިފާ، ޒީ ސިނެ އެވޯޑްސް އަދި ސްޓާ ގިލްޑް ހިމެނެ އެވެ.

މީގެ އިތުރުން "ބާގް މިލްކާ ބާގް" އަކީ ދެ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެކެވެ. އެއީ ބެސްޓް ޕޮޕިއުލާ ފިލްމު ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓްގެ އެވޯޑާއި ފިލްމުގެ ލަވަތަކުގެ ތެރެއިން "މަސްތޯންކާ ޖުންދު" އަށް ލިބުނު މޮޅު ނެށުމުގެ އެވޯޑެވެ.

އެ ފިލްމު ދޫކޮށްލެވިފައިވާތީ އަކްޝޭ ބުނީ އެއީ ނުކުޅެވުނީތީ އަބަދު ވެސް އޭނާ ދެރަވާނެ ފިލްމެއް ކަމަށެވެ.

"އެ ރިގްރެޓް ދުވަހަކުން ވެސް ހިތަކުން ނުފިލާނެ. ހަގީގަތުގައި ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދުބާރާ އަކީ ބާގް މިލްކާ ބާގް ދޫކޮށްލާފައި ކުޅޭ ވަރުގެ ފިލްމެއް ނޫން." އޭނާ ބުންޏެވެ.

އަޖޭ ކުޅުނު "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" އަކީ ވަރަށް ކާމިޔާބު ފިލްމެއް ނަމަވެސް އެއާ ގާތްކުރާ ވަރުގެ ފިލްމަކަށް ވެސް "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދުބާރާ" ނުވެ އެވެ. އަދި އެއީ އަކްޝޭގެ ކެރިއަރުގެ އެންމެ ބޮޑު ފްލޮޕްތަކުގެ ތެރެއިން އެކައްޗެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސޫރިޔަވަންޝީ"، "ބެލް ބޮޓަމް"، "އަތުރަންގީ ރޭ"، "ޕްރިތުވީރާޖް"، "ބައްޗަން ޕާންޑޭ"، "ރާމް ސެތޫ" އަދި "ރަކްޝާބަންދަން" ހިމެނެ އެވެ.