Roadha Mihaaru
ނަރުހުން ކަރަންޓީނަށް، ހޮސްޕިޓަލްތައް ހުއްޓިދާނެ!

ސިއްހީ ހިދުމަތްތެރިން ކަރަންޓީނުގައި؛ ހޮސްޕިޓަލްތައް ހުއްޓިދާނެ!

17 މެއި 2021

ރާއްޖޭގެ ބޮޑެތި ބައެއް ހޮސްޕިޓަލުތަކުގައި ގިނަ ނަރުހުންނާއި މުވައްޒަފުންނަށް، ކޮވިޑް-19 ޖެހި ނުވަތަ އެ އެ ބަލި ޖެހިފައިވާ މީހަކާ ދިމާވެގެން، ކަރަންޓީނުގައި ތިބެން ޖެހުމުން ހިދުމަތްތަކަށް ބުރޫއަރަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ބޮޑެތި ބައެއް ހޮސްޕިޓަލުތަކުގައި ގިނަ ނަރުހުންނާއި މުވައްޒަފުންނަށް، ކޮވިޑް-19 ޖެހި ނުވަތަ އެ އެ ބަލި ޖެހިފައިވާ މީހަކާ ދިމާވެގެން، ކަރަންޓީނުގައި ތިބެން ޖެހުމުން ހިދުމަތްތަކަށް ބުރޫއަރަން ފަށައިފި އެވެ.

މިހާރު ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ މާލޭގެ އޭޑީކޭ އާއި އައިޖީއެމްއެޗަށް ވެސް މި މައްސަލަ ވަނީ ދިމާވެފަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ތަނުގެ 150 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ ނަރުހުންނާއި ޑޮކްޓަރުންނާއި އެހެން މުވައްޒަފުން ހިމެނޭ ގޮތަށެވެ. އެހާ ގިނަ ބަޔަކަށް ބަލި ޖެހި، ހޮސްޕިޓަލުގެ ތެރެއިން އެ މީހުންނާ ދިމާވެގެން ވެސް އެއަށް ވުރެ ގިނަ މީހުން މި ވަގުތު ތިބީ ކަރަންޓީނުގަ އެވެ.

ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީ އާއި ކޮވިޑަށް ފަރުވާ ދޭ އެހެން ތަންތަނުގައި ވެސް ގިނައިން ހަރަކާތްތެރިވަނީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. އެހެންވެ، އެތަންތަނުގެ ގިނަ ނަރުހުންނާއި މުވައްޒަފުން ކަރަންޓީނުގައި ތިބެން ޖެހުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

"ވަރަށް ދަތިވޭ އަޅުގަނޑުމެންނަށް. ވަރަށް ބޮޑަށް ޝޯޓޭޖް އެބަ އުޅޭ. އެކަމަކު ކޮންމެވެސް ގޮތަކަށް މެނޭޖް ކުރަމުން މި ގެންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭޑީކޭން ވެސް ބުނީ މުވައްޒަފުންގެ ދަތިކަމާ ހެދި، ގިނަ ހިދުމަތްތަކެެއް އެތަނުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެތަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ނަރުހުން މަދުވެގެން، އޭޑީކޭގެ ތިން ވޯޑެއް މި ވަގުތު ބަންދުކޮށްފައިވާ ކަމަށެވެ. އަދި ބައެއް އޮޕަރޭޝަންތައް ވެސް އެތަނުން ވަނީ މެދުކަނޑާލައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާ ހެދި ރަށަށް ދިޔަ ގިނަ ނަރުހުން ވެސް އަނބުރާ ނާދެ އެވެ. އަދި އެހެން ގައުމުތަކުގައި ވެސް ބަލި ފެތުރިފައި އޮތްލެއް ބޮޑުކަމުން، ދަތުރު ނުކުރެވިގެން ނަރުހުންގެ ވަޒީފާއަށް މީހުން ނުލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވަރަށް ގިނަ މުވައްޒަފުން ކަރަންޓީނުގައި ވެސް އެބަތިބި. އެހެންވީމައި، ހިދުމަތް ދިނުމުގައި ވަރަށް ބޮޑެތި ދަތިތަކެއް މި ވަނީ ކުރިމަތިވެފައި،" އަފްއާލް ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ވަގުތު އެތަނަށް ނަރުހުންގެ ދަތިކަން ކުރިމަތި ނުވާ ކަމަށެވެ. އެކަމަކު އެކި ބަލި މީހުންނާ ބޭރުން ބައްދަލުވެ، ބައެއް މީހުން ކަރަންޓީނުގައި ތިބިކަން އެތަނުން ޔަގީންކޮށްދިނެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔުމާއެކު، ގިނަ ޑޮކްޓަރުންނާއި ނަރުހުން މިހާރު ވަނީ އެ ބަލީގެ މީހުުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފަ އެވެ. އައިޖީއެމްއެޗުގެ ބައެއް ވޯޑުތައް ވެސް، ކޮވިޑަށް ފަރުވާ ދޭން ހާއްސަ ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ. އައިޖީއެމްއެޗާއި ދަރުމަވަންތަ އަދި ސަރުކާރު ސިއްހީ އިދާރާތަކުގެ މެޑިކަލް ގިނަ އޮފިސަރުން މިހާރު ތިބެނީ ކޮވިޑްގެ މީހުންނަށް ހާއްސަ ކޮށްފަ އެވެ. އެކި ޑިޕާޓްމެންޓުތަކުގެ 45 ޕަސެންޓް ނަރުހުންނާއި އޯޕީޑީގެ ސްޕެޝަލިސްޓުން ވެސް ކޮވިޑްގެ ބަލި މީހުންނަށް ހިދުމަތް ވަނީ ބަދަލުކޮށްފަ އެވެ.އައިޖީއެމްއެޗުގައި އިމަޖެންސީ އޮޕަރޭޝަންތަކެއް ނޫނީ ނުކުރެ އެވެ. އެހެން ބައެއް ހޮސްޕިޓަލްތަކުގެ އެކި ހިދުމަތްތައް ވަނީ މެދުކަނޑާލައިފަ އެވެ. އޭގެ މާނައަކީ، އެހެން ބަލިތަކަށް ވެސް އެކަށީގެންވާ ފަރުވާ މިހާރު ނުލިބުމެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ ބަލި މީހުންގެ އަދަދު ކޮންމެ ދުވަހަކު 700 އަށް ވުރެ ގިނަ އިރު، އެ މީހުންނަށް ހިދުމަތް ދިނުމަށް، މުވައްޒަފުން ލިބުމުގެ ދަތިކަން ވަރަށް ބޮޑެވެ. އެހެންވެ، އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ އެހީއަށް ސަރުކާރުން މިހާރު ވަނީ އެދިފަ އެވެ. ނަމަވެސް އެހެން ހޮސްޕިޓަލްތަކުގެ ހާލަތު ހުރި ގޮތުން މި އެހީތެރިކަން ދިނުމަށް ވެސް ވަނީ ދަތިވެފަ އެވެ.