Roadha Mihaaru
އެމްބީއޭއަށް 13 މިލިއަންގެ ބޮޑު ބަޖެޓެއް

އެމްބީއޭއަށް 13 މިލިއަންގެ ބަޖެޓެއް، ބޮޑު ބައި ޑިވެލޮޕްމަންޓަށް

16 މެއި 2021

ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން މި އަހަރަށް 13 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން މި އަހަރަށް 13 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

ޒޫމް މެދުވެރިކޮށް ރޭ ބޭއްވި، އެމްބީއޭގެ ކޮންގްރެސްގައި ފާސްކުރި ބަޖެޓްގެ ޖުމުލަ އަދަދަކީ 13،055،611ރ. އެވެ. އެ ބަޖެޓްގެ ބޮޑު ބައެއް ހޭދަކުރާނީ ޓެކްނިކަލް ޑިވެލޮޕްމަންޓަށެވެ.

އެމްބީއޭގެ ރައީސް އަހްމަދު އާދަމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާސްކެޓްބޯޅައިގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއް މިއަހަރު ހިންގަން ރާވާފައިވާ ކަމަށެވެ. ޑިވެލޮޕްމެންޓަށް ބަޖެޓްގެ 43 ޕަސެންޓް ކަނޑައެޅުމަށް ވަނީ ނިންމާފަ އެވެ. މުބާރާތްތައް ބޭއްވުމަށް 39 ޕަސެންޓް އަދި އިދާރީ ހިންގުމަށް 18 ޕަސެންޓް ހަރަދު ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓަށް ބޭނުންވާ ފައިސާގެ ތެރެއިން އެންމެ ބޮޑު ދޭނީ ސަރުކާރުންނެވެ. އެމްބީއޭއިން ލަފާކުރާ ގޮތުގައި ސަރުކާރު މެދުވެރިވެގެން ނުވަ މިލިއަން ރުފިޔާ މިއަހަރު ލިބޭނެ އެވެ. އަދި ސްޕޮންސާޝިޕްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

އާދަމް ވިދާޅުވިގޮތުގައި، ބަޖެޓްގައި ކަނޑައަޅާފައިވާ ދާއިިރާތައް ކަވަރު ކުރުމުގައި މިއަހަރު ދިމާވެނެ އެންމެ ބޮޑު މައްސަލައަކީ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން އަޅާފާއިވާ ފިޔަވަޅުތަކެވެ.

"އަހަރީ ކަލަންޑަރު އާންމުކުރި ނަމަވެސް ކޮވިޑްގެ ހާލަތު ކަމަށްވުމާ އެކު ކަލަންޑަރަށް ސީދާ ފޮލޯ ނުކޮށް ކުރިއަށް ގެންދިއުމަށް ވަނީ މަޝްވަރާ ކޮށްފައި،" އޭނާ ވިދާޅުވި އެވެ. "މިއަހަރު ބޭއްވޭނެ ކަމަށް ބެލެވޭ މުބާރާތްތައް ބާއްވާނަން."

ބާސްކެޓްބޯޅައަށް ހާއްސަކޮށް ހަދާ އިންޑޯ ހޯލްގެ އަޕްޑޭޓް ކުލަބުތަކާ ވަނީ ހިއްސާ ކޮށްފަ އެވެ. މާފަންނު ސްޓޭޑިއަމްގައި އޮންނަ އައުޓްޑޯ ކޯޓް ސަރަހައްދުގައި އިމާރާތް ކުރާ އިންޑޯހޯލްގެ ކުރެހުމަށް ސިޓީ ކައުންސިލުން ހޯދަން ޖެހޭ ހުއްދަ ހޯދުމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ފޮނުވައިފަަ އެވެ.

"ސިޓީ ކައުންސިލުން ހުއްދަ ލިބުމުން ޓެންޑާ ބޯޑަށް ފޮނުވާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފަ. ޓެންޑާ ބޯޑުން ނިމުމުން ދެން އަމަލީ ގޮތެއްގައި މަސައްކަތް ފެށިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ." އާދަމް ވިދާޅުވި އެވެ.