Roadha Mihaaru
ދެކޮޅު ހަދަމުން ދަނިކޮށް މީދޫ ފަރު ގޮއްވަން ފަށައިފި

ދެކޮޅު ހަދަމުން ދަނިކޮށް މީދޫ ފަރު ގޮއްވަން ފަށައިފި

18 ނޮވެމްބަރ 2016

އައްޑޫ މީދޫ ކައިރީ އޮންނަ އިސްމެހެލާހެރަ އާއި މީދު އާ ދޭތެރޭ ނެރު ކަނޑަން ފަރު ގޮއްވާލުމުގެ ހުއްދަ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިނުމުން އެކަމާ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ފަރު ގޮއްވުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ މީދޫ ކައިރީ އޮންނަ އިސްމެހެލާހެރަ އާއި މީދު އާ ދޭތެރޭ ނެރު ކަނޑަން ފަރު ގޮއްވާލުމުގެ ހުއްދަ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިނުމުން އެކަމާ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ފަރު ގޮއްވުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން މަސައްކަތް މިއަދު ފެށި އިރު، ފަރު ގޮއްވުމުގެ މަސައްކަތް ތިން ދުވަހަށް ދެމިގެން ދާނެ އެވެ.

ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު ވިދާޅުވީ ފަރު ގޮއްވަން ފެށީ އީއައިއޭ ރިޕޯޓްގައިވާ ގޮތަށް ކަމަށާއި މިކަމާ ގުޅޭ ގޮތުން ޕަބްލިކް ކޮންސަލްޓޭޝަނެއް ވެސް ކުރިން ބާއްވާފައިވާ ކަަމަށެވެ. އެހެންވެ ފަރު ގޮއްވާތީ މީދޫގެ ރައްޔިތުންގެ މެދުގައި ހާއްސަކޮށް، ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ކަމެއް ސަރުކާރުން މިކޮށް ދިނީ. މީގެ ވާހަކަ ބަޔަކު ސިޔާސީކޮށްލައިގެން މިހާތަނަށް ދައްކާފައި ހުރީ،" އަލީ ވިދާޅުވި އެވެ. "ރައްޔިތުންނަށް މީގެ މައުލޫމާތު ވަަރަށް ފުޅާކޮށް އީޕޭއޭ އިން ވެސް ދީފައި، އީއައިއޭ ރިޕޯޓާ ބެހޭ ގޮތުން ވެސް ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށްގެން މިކަން ކުރީ. އެހެންވެ ރަށުގެ ގިނަ ބައެއްގެ މެދުގައި މިކަމާ ގުޅިގެން އެއްވެސް ކަންބޮޑުވުމެއް ނެތް."

އަލީ ވިދާޅުވީ ނެރު ކެނޑުމުގެ ސަބަބުން އެތައް ގޮތަކުން ރައްޔިތުންނަށް ފަސޭހަކަން ލިބިގެން ދާނެ ކަމަށެވެ. އެގޮތުން މަސްވެރިންނާއި ދަތުރުވެރިންނަށް މީދު އަށް ވަދެ ނިކުތުމުގައި ހަރަދު ކުޑަވެ، ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މީދޫ ފަރު ގޮއްވަން ތާއީދުކޮށް އަންގާރަ ދުވަހު އެ ރަށުގައި ބަޔަކު ޝުއޫރު ފާޅު ކުރަނީ. ފޮޓޯ: ކިޔުންތެރިއެއް

މީދޫ ފަރު ގޮއްވަން ތާއީދުކޮށް އަންގާރަ ދުވަހު އެ ރަށުގައި ބަޔަކު ޝުއޫރު ފާޅު ކުރަނީ. ފޮޓޯ: ކިޔުންތެރިއެއް

މީދޫ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސެނެކޯ ޓްރޭޑް ކޮމްބައިން ކުންފުނިން ހަދާފައިވާ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އަށް ހުއްދަ ހޯދަން ހައުސިން މިނިސްޓްރީން އީޕީއޭ އަށް ހުށަހެޅުމުން އެތަނުން ވަނީ ފަރު ގޮއްވުމުގެ ހުއްދަ މި މަހުގެ ނުވަ ވަނަ ދުވަހު ދީފަ އެވެ.

އީއައިއޭ ރިޕޯޓުގައި ބުނެފައި ވަނީ ނެރު ކެނޑުމަށްޓަކައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ "ޑްރޮޕް ހެމާ" އަދި "އެއާ ގަން" ބޭނުންކޮށްގެން ވެސް، މީދޫ ފުށްޓަރުގެ އާނުގަނޑުގެ ފޫ ދުއްވާލެވިފައި ނުވާ ކަމަށެވެ. އެހެންވެ ސެނެކޯ އިން ހުށަހަޅާފައި ވަނީ ފަރު ގޮއްވައިގެން ނެރު ކެނޑުމަށް ކަމަށެވެ. ފަރު ގޮއްވުމާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއް. އީޕީއޭ އިން ދިން ހުއްދައިގައި ބުނީ މަސައްކަތް ކުރުމުގެ ހުއްދަ ދިން ނަމަވެސް އެކަން ކުރަން ޖެހޭނީ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތަކަށް ކަމަށެވެ. އަދި ގެއްލުން ކުޑަކުރުމަށް އީއައިއޭގައި ފާހަގަކޮށްފައިވާ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އީޕީއޭ އިން ބުނީ ފަރު ގޮއްވައިގެން ލިބިދާނެ ހުރިހާ ގެއްލުމަކަށާއި، އިމާރާތްތަކަށް ވެދާނެ ގެއްލުންތަކަށް ޒިންމާ ވާން ޖެހޭނީ ހައުސިން މިނިސްޓްރީ ކަމަށެވެ. ތިމާވެށީގެ ގޮތުން ނާޒުކު ވެއްޓެއް ލިބިފައިވާ ރާއްޖޭގައި މީގެ 10 އަހަރު ކުރިން ފެށިގެން ވަނީ ފަރު ގޮއްވުން ރަސްމީކޮށް ހުއްޓާލައިފަ އެވެ. ފަރު ގޮއްވާތީ ކަންބޮޑުވުން ފާޅުކޮށް، މިހާރު އަންނަނީ ސަރުކާރަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ.