Roadha Mihaaru
ރަޝިއާގެ އެންމެ ބޮޑު ޖަވާހިރު 19 މިލިއަނަށް

ރަޝިއާގެ އެންމެ ބޮޑު ޖަވާހިރު 19.96 މިލިއަން ޑޮލަރަށް

09 މެއި 2021

ރަޝިއާގައި މިހާތަނަށް ކެނޑި އެންމެ ބޮޑު ޖަވާހިރު 19.96 މިލިއަން ޑޮލަރަށް ނީލަމެއްގައި ވިއްކާލަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަޝިއާގައި މިހާތަނަށް ކެނޑި އެންމެ ބޮޑު ޖަވާހިރު 19.96 މިލިއަން ޑޮލަރަށް ނީލަމެއްގައި ވިއްކާލަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 12 ވަނަ ދުވަހު ސްވިޓްޒަލެންޑްގެ ޖެނީވާގައި ބާއްވާ ނީލަމުގައި ވިއްކާލާ ހުދު ކުލައިގެ ޖަވާހިރަކީ 100.94 ކެރަޓްގެ އެއްޗެކެވެ. "އަލްރޯޒާ ސްޕެކްޓެކަލް" ގެ ނަން ދީފައިވާ މި ޖަވާހިރަކީ 2016 ގައި ކެނޑި އިރު އަސްލު ބަރުދަނުގައި 200 ކެރެޓަށް ވުރެ ބޮޑު އެއްޗެކެވެ. ނަމަވެސް ކޮށައިމަށައި ރީތިކޮށް ނިންމައިލި އިރު ސައިޒަކީ 100.94 ކެރަޓެވެ.

ކްރިސްޓީޒް އޮކްޝަން ހައުސް އިންތިޒާމުކޮށްގެން ބާއްވާ ނީލަމުގައި ވިއްކައިލާ ރަޝިއާގެ އެންމެ ބޮޑު ޖަވާހިރާ ބެހޭ ގޮތުން ކްރިސްޓީޒްގެ ޖުވެލަރީ ޑިޕާޓްމަންޓްގެ ސްޕެޝަލިސްޓް މޭރީ-ސިސެލް ސިޒަމޯލޯ ވިދާޅުވީ މިހާރު ވިއްކައިލަން ނިންމާފައި އޮތް އަގަށް ވުރެ ވޮޑު އަގެއް ޖަވާހިރަށް ލިބޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަރަށް ޗާލުކޮށް މަށާފައިވާ އެއްޗެކެވެ.

"އެ ނިންމަން ނެގި ގާތްގަނޑަކަށް އެއް އަހަރާއި އަށް މަސް ދުވަސް." މޭރީ ވިދާޅުވި އެވެ.