Roadha Mihaaru
ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ނުހައިކް ނިޔާވެއްޖެ

ބަލި އެނގުނުތާ އެންމެ ތިން މަސް ތެރޭގައި ނުހައިކް ނިޔާވެއްޖެ

03 މެއި 2021

އާދައިގެ ރޯގާއެއް ފުރަތަމަ ހީކުރި ނަމަވެސް ފަހުން ކެންސަރުކަން އެނގިގެން ފަރުވާ ހޯދަމުން ދިޔަ، ނުހައިކް ބިން މުހައްމަދު ރިޔާޒް މިއަދު އިންޑިއާގައި ނިޔާވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އާދައިގެ ރޯގާއެއް ފުރަތަމަ ހީކުރި ނަމަވެސް ފަހުން ކެންސަރުކަން އެނގިގެން ފަރުވާ ހޯދަމުން ދިޔަ، ނުހައިކް ބިން މުހައްމަދު ރިޔާޒް މިއަދު އިންޑިއާގައި ނިޔާވެއްޖެ އެވެ.

މީގެ ތިން މަހެއްހާ ކުރިން ފެށިގެން ނުހައިކަށް އަންނަނީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ކެންސަރު ނައްތާލުމަށް ކީމޯ ތެރަޕީގެ ފުރަތަމަ ޑޯޒް ދިން ނަމަވެސް، ފަހުން އޭނާގެ ހާލު ސީރިއަސް ވެގެން ދިޔައީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން، އުމުރުން 11 އަހަރުގެ އެ ކުއްޖާގެ ހާލު އިތުރަށް ގޯސްވި އެވެ. ނަމަވެސް އޭގެ ފަހުން ދޭތެރެދޭތެރެއިން ހާލު ރަނގަޅުވަމުން އައިސް އިއްޔެ އިތުރަށް ގޯސްވީ އެވެ.

އޭނާ ނިޔާވީ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް، ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 11 ޖަހާކަންހާއިރު އެވެ.

އާއިލާއިން ކުރިން "މިހާރު"އަށް ކިޔައިދިން ގޮތުގައި، އުފެދުމުގައި ވެސް ވާހަކަ ނުުދެއްކޭ އަދި އަޑު ނީވޭ ނުހައިކް ބަލިވާން ފެށީ މީގެ ހައެއްކަ މަސް ކުރިންނެވެ. އޭރު ނޭފަތުން އަންނަނީ ފެނެވެ. އެހެންވެ، އާއިލާއިން ވެސް އަދި އޭނާ ދެއްކި ޑޮކްޓަރުން ވެސް ހީކުރީ އެއީ އަރުދަފުސް ރޯގާއެއް ކަމަށެވެ.

ނުހައިކްގެ އަނގައިގެ ތަލިމަތީގައި ދުޅަވެފައި އިންތަން ފާހަގަ ކުރެވުނީ، މީގެ ތިން މަސް ކުރިން، ދެއްކި ކަރުންމަތީގެ ޑޮކްޓަރަކަށެވެ. އެއީ ގޯހެއް ކަމަށް ހީވެ، ނުހައިކްގެ އާއިލާއިން އިންޑިއާ އަށް ގޮޮސް ދެއްކުމުން، ލިބުނީ އުއްމީދު ކުރި ފަދަ ހަބަރެއް ނޫނެވެ. ނުހައިކްގެ ކަރުތެރެ އާއި އަނގައިގެ ތެރޭގައި އަށަގަންނަމުން ދިޔައީ، ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ކަމުގައިވާ ބާކިޓް ލިމްފޯމާ އެވެ. މިއީ އަވަސް ފަރުވާ ނުހޯދައިފި ނަމަ، ސަލާމަތްވުން ނާދިރު ކެންސަރެކެވެ.

އިންޑިއާގައި ފަރުވާ ދެމުން ދިޔަތާ މާ ގިނަ ދުވަހެއް ނުވެ ވަނީ ކީމޯގެ ފުރަތަމަ ޑޯޒް ދީފަ އެވެ. އަދި އެއިން، ކެންސަރުގެ 50 ޕަސެންޓް ނައްތާލެވުނެވެ. އެކަމަކު ޑޮކްޓަރުން އިންޒާރު ދިން ގޮތަށް އޭގެ ސައިޑް އިފެކްޓުގެ އަސަރު އޭނާއަށް ވަރަށް ބޮޑަށް ކުރި އެވެ. ކަރުތެރެ އިންފެކްޓުވެ، ފާރުވި އެވެ. ވަރަށް ގިނައިން ހޮޑުލި އެވެ. ހުން އަބަދު ވެސް ވަރަށް މަތީގައި ހުރި އިރު ހަށިގަނޑުގައި ލެޔެއް ނުހިފަހައްޓަ އެވެ.

ތިން ކުދިން ތިބޭ އާއިލާގައި ނުހައިކް އަކީ އެންމެ ކުޑަ ކުއްޖާއެވެ. އެކަމަކު ކޮވިޑް-19އާ ހެދި އޭނާގެ އާއިލާގެ އެހެން މީހުންނަށް އިންޑިއާއަކަށް ނުދެވުނެވެ. އެންމެ ފަހުން މިއަދުގެ ވަގުތެއްގައި އޭނާ މަރުވީ، އައިސީޔޫގެ ބޭރުގައި މަންމަ އާއި ބައްޕަ ދުއާ ކޮށްލަކޮށްލާ ތިއްބަ އެވެ.

ނުހައިކްގެ ވާހަކަ "މިހާރު" ގައި ޖެހުމާއެކު ވަރަށް ގިނަ ބައެއްގެ އެހީތެރިކަން އެ އާއިލާ އަށް ލިބުނެވެ. އާއިލާ އިން ބުނީ، އެކި ގޮތްގޮތުން އެހީތެރިކަން ދިން މީހުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.