Roadha Mihaaru
ކޮވިޑްގެ އެކްޓިވް ކޭސް 4،500 އަށް ވުރެ މައްޗަށް

ކޮވިޑްގެ އެކްޓިވް ކޭސް 4،500 އަށް ވުރެ މައްޗަށް

29 އެޕްރީލް 2021

ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު މީގެ ކުރިން ދުވަހަކު ވެސް ގޯސްނުވާ ވަރަށް ގޯސްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 4،500 އަށް ވުރެ މައްޗަށް އަރައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު މީގެ ކުރިން ދުވަހަކު ވެސް ގޯސްނުވާ ވަރަށް ގޯސްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 4،500 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 318 އެވެ. އެއީ 2،556 ސާމްޕަލް ޓެސްޓްކޮށްގެންނެވެ. ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ޖުމްލައަކީ މިހާރު 4،585 އެވެ.

ކޮވިޑްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭމީހުންގެ އަދަކީ މިހާރު 134 އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅާ ޖެހެންދެން ކޮވިޑްގެ ކޭސްތައް މަދުވަމުން އައުމަށް ފަހު މިފަހަރު އިތުރުވާން ފެށީ މީގެ ދެހަފްތާއެއްހާ ދުވަސްް ކުރިންނެވެ. މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ބަޔަކު އެއްފަހަރާ ކޮވިޑަށް ޕޮޒިޓިވްވީ އިއްޔެ އެވެ. އިއްޔެ ޓެސްޓްކުރި 3،948 ސާމްޕަލްގެ ތެރެއިން 464 ސާމްޕަލް އެ ބައްޔަށް ޕޮޒިޓިވްވި އެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 29،052 އެވެ. އެ ބަލީގައި ވަނީ 73 މީހުން މަރުވެފަ އެވެ.