Roadha Mihaaru
އިޒްރޭލާއި ފަލަސްްތީނުގެ ދައުވަތެއް އެބައޮތް: ނަޝީދު

އިޒްރޭލާއި ފަލަސްތީނުގެ ދައުވަތެއް އެބައޮތް، މީހުން ދެކޭގޮތް ބަލަން ބޭނުން: ނަޝީދު

29 އެޕްރީލް 2021

ފަލަސްތީނުގެ ޕާލަމެންޓާއި އިޒްރޭލުގެ ޕާލަމެންޓުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމުގައި އަމަލު ކުރަައްވާނެ ގޮތެއް ނިންމަވާނީ އާއްމުންގެ ހިޔާލު ހުރި ގޮތެއް ބެއްލެވުމަށް ފަހު ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފަލަސްތީނުގެ ޕާލަމެންޓާއި އިޒްރޭލުގެ ޕާލަމެންޓުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމުގައި އަމަލު ކުރަައްވާނެ ގޮތެއް ނިންމަވާނީ އާއްމުންގެ ހިޔާލު ހުރި ގޮތެއް ބެއްލެވުމަށް ފަހު ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ ފައްޓަވަމުން، ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، އެ ދެ ޕާލަމެންޓްގައި ތަގުރީރު ކުރައްވަން ވަޑައިގަތުމުގެ ދައުވަތު މިހާރު ލިބިވަޑައިގެންފައިވާ ކަަމަށެވެ.

"އަޅުގަނޑު އަދި މިކަމާ ގުޅޭ ގޮތުން ވަކި ގޮތަަކަށް ނުނިންމަން. އަޅުގަނޑުގެ ހިތަށް ވަން، އެންމެ ފުރަތަމަ ވިސްނުމަކީ މި ބާވަތުގެ ކަމެއް އަޅުގަނޑުގެ ކުރިމައްޗަށް އައީމާ އަޅުގަނޑު އަމަލު ކުރާނެ ގޮތަކީ ވީހާ ވެސް ގިނަ ބަޔަކާ އެ މައުލޫމާތު ހިއްސާކުރުމޭ،" ނަޝީދު ވިދާޅުވި އެވެ.

އެ ކަހަލަ ކަންކަމުގައި ކުރިއަށް ދާނެ ގޮތެއް އެނގޭނީ ރައްުޔިތުންނަށް ކަމަށާއި ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވެވޭނެ ގޮތަކީ ކޮބައިތޯ ވިސްނަން ޖެހޭ ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއް ހައްގު ކަމާމެދު މަޖިލީހުގެ މެމްބަރުންގެ ހިޔާލު ތަފާތުވުމެއް ނޯންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ރާއްްޖޭގެ ރައްޔިތުންގެ މެދުގައި ހިޔާލުފާޅުކުރުމުގެ ތަފާތު ގޮތްތައްވޭ. އެ ހިޔާލުފާޅުކުރުމުގެ ތެރެއިން ހުރިހާ އެންމެން ހިތްހަމަޖެހޭ ގޮތެއް ހޯދައިގެން އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާން ޖެހޭނީ،" ނަޝީދު ވިދާޅުވި އެވެ.

ފަލަސްތީނާއި އިޒްރޭލުގެ ޕާލަމެންޓުގައި ތަގުރީރުު ކުރައްވަން ލިބިވަޑައިގެންނެވި ދައުވަތާ މެދު އާއްމުންގެ ހިޔާލުހުރި ގޮތް ބައްލަވަން ނަޝީދު އެދިވަޑައިގަންނަވަނީ، ބެލެވޭ ގޮތުގައި އިޒްރޭލާ އެކު އެއްވެސް މުއާމަލާތެއް ކުރުމަކީ ރާއްޖޭގައި މީގެ ކުރިން ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ކަމަކަށް ވާތީ އެވެ. އެފަދަ ބައެއް ކަންތައްތައް ވަނީ އެ މަނިކުފާނު ރާއްޖޭގެ ރައީސްކަމުގައި ހުންނެވި އިރު ހިނގައިފަ އެވެ.

އެގޮތުން އިޒްރޭލުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "އައި އޮފް ޒިއޮން" ގެ ޑޮކްޓަރުން ރާއްޖޭގައި އައި ކޭމްޕެއް ބާއްވަން ހުއްދަ ދިނުމުން އޭރުގައި އެކަމާ ދެކޮޅަށް ގިނަ ބަޔަކު ނުކުމެ މުޒާހަރާ ކުރި އެވެ. އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ އަށް އޮޕަރޭޓް ކުރަން އުޅުމުން ވެސް އެތައް ބަޔަކު އެކަމާ ދެކޮޅު ހެދި އެވެ.

ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވިގޮތުގައި، ފަލަސްތީނަށް އެހީތެރިވެދެވޭނެ ގޮތަކީ ކޮބައިތޯ މަޖިލީހުގެ މެމްބަރުން ވެސް ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ.

ރާއްޖޭން އެކަމުގައި ދަމަަހައްޓަމުން އަންނަ ސިޔާސަތަކީ ފަލަސްތީނު މީހުންނަށް ވެސް ދައުލަތެއް އުފައްދައި، ދެ ދައުލަތް ބަލައިގަތުމެވެ.