Roadha Mihaaru
ޓޮޓެންހަމުން ކުޅުންތެރިންގެ މުސާރަ ކުޑަކުރަނީ!

ހަރަދު ކުޑަކުރަން ޓޮޓެންހަމުން ކުޅުންތެރިންގެ މުސާރަ ކުޑަކުރަނީ

17 ނޮވެމްބަރ 2016

ލަންޑަން (ނޮވެމްބަރު 17) - ޓޮޓެންހަމް ހޮޓްސްޕާސް އިން އެ ޓީމުގެ އާ ސްޓޭޑިއަމް ހެދުމަށް ކުރާ ހޭދައަށް ލުޔެއް ގެނައުމުގެ ގޮތުން ކުރިއަށް އޮތް ސީޒަނުގައި ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ވިސްނަމުން އަންނަ ކަމަށް އެ ޓީމުގެ ޗެއާމަން ޑެނިއަލް ލެވީ ވިދާޅުވެއްޖެ އެވެ.

ލަންޑަން (ނޮވެމްބަރު 17) - ޓޮޓެންހަމް ހޮޓްސްޕާސް އިން އެ ޓީމުގެ އާ ސްޓޭޑިއަމް ހެދުމަށް ކުރާ ހޭދައަށް ލުޔެއް ގެނައުމުގެ ގޮތުން ކުރިއަށް އޮތް ސީޒަނުގައި ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ވިސްނަމުން އަންނަ ކަމަށް އެ ޓީމުގެ ޗެއާމަން ޑެނިއަލް ލެވީ ވިދާޅުވެއްޖެ އެވެ.

ޓޮޓެންހަމުން އަންނަނީ 2018-2019 ވަނަ އަހަރުގެ ސީޒަން ފެށެންވާއިރަށް 61،000 މީހުންނަށް ވަދެވޭ ދަނޑުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންނެވެ. އެ ދަނޑުގެ ރައިޓްސް ގަތަރުގެ އިންވެސްޓްމަންޓް ކުންފުންޏަކަށް 150 މިލިއަން ޕައުންޑަށް ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ވިއްކާލަން މަސައްކަތްކުރަމުން އަންނައިރު، އެކަމަށް އަލިމަގެއް އަދި ނުފެނެ އެވެ.

ޓޮޓެންހަމްގެ އާ ސްޓޭޑިއަމް އަޅަނީ މިހާރުގެ ދަނޑު ވައިޓް ހާޓް ލޭން ކައިރީގަ އެވެ. މަސައްކަތްތައް ކުރިއަށްދާ ގޮތުން މި ސީޒަނުގައި ޓޮޓެންހަމްގެ ޗެމްޕިއަންސް ލީގުގެ ހޯމް މެޗުތައް ކުޅެމުން އަންނަނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އަދި އަންނަ ސީޒަނުގައި ޓޮޓެންހަމްގެ ޕްރިމިއާ ލީގުގެ ހޯމް މެޗުތައް ވެސް ވެމްބްލީގައި ކުޅޭގޮތަށް ހަމަޖައްސަން އެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާ ދަނޑުގެ މަސައްކަތް ކުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ ޓޮޓެންހަމުން ވަނީ ހަރަދުކުޑަ ކުރުމުގެ ޕްލޭނެއް އެކުލަވާލައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަމެއްގެ ގޮތުގައި އެ ޓީމުގެ ޗެއާމަން ލެވީ ފާހަގަކުރެއްވީ ބޮޑު މުސާރަދޭ ކުޅުންތެރިންގެ މުސާރަ އަށް ބަދަލުގެނައުމެވެ.

"ކްލަބަށް މާލީ ގޮތުން ވަރަށް ބޮޑު ގޮންޖެހުންތަކެއް އެބަހުރި. ކްލަބްގެ މުސްތަގުބަލަށް ބަލާއިރު ސްޓޭޑިއަމް އަވަހަށް ނިންމުން މުހިއްމު. އެކަން ކުރުމަށް އެބަޖެހޭ ބައެއް ފިޔަވަޅުތައް އަޅަން އޭގެން އެންމެ އުނދަގޫ ކަމަކަށް ކުރަން ޖެހިފައި މިއޮތީ ކުޅުންތެރިންގެ މުސާރަ ކުޑަކުރުން. އެކަން ކުރުމާ މެދު ގޮތެއް ނިންމަން ބޯޑާ މަޝްވަރާކުރާނަން. އެ ނިންމުން ނިންމަން ޖެހިއްޖެނަމަ ކުޅުންތެރިންނާ ވެސް މަޝްވަރާ ކުރާނަން،" ލެވީ ވިދާޅުވި އެވެ.

ޓޮޓެންހަމްގެ ބައެއް ކުޅުންތެރިން މިހާރު ތިބީ ކޮންޓްރެކްޓްގެ ފަހު އަހަރުތަކުގެ ތެރޭގަ އެވެ. އޭގެ ތެރޭގައި ޑިފެންޑަރުން ކަމަށްވާ ޖެން ވާޓޮންގެން އާއި ކައިލް ވޯކާގެ އިތުރުން ޑެނީ ރޯސް ވެސް ހިމެނެ އެވެ. އަދި ފޯވާޑް ހެރީ ކޭން އަށް ކޮންމެ ޓްރާންސްފާ މާކެޓެއްގައި ބޮޑު މުސާރައަކާ އެކު ގިނަ ހުށަހެޅުންތަކެއް އަންނަނީ ލިބެމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރުގެ ސީޒަނުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ޓޮޓެންހަމް އެވެ. އެޓީމު އޮތީ ކުޅުނު 11 މެޗުން ލިބުނު 21 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.