Roadha Mihaaru
ފަހަތުން އަރައި ޓޮޓެންހަމް އަތުން ޔުނައިޓަޑް މޮޅުވެއްޖެ

ފަހަތުން އަރައި ޓޮޓެންހަމް އަތުން ޔުނައިޓަޑް މޮޅުވެއްޖެ

12 އެޕްރީލް 2021

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން ފަހަތުން އަރައި 3-1 އިން މެންޗެސްޓާ ޔުނައިޓަޑް ރަށުން ބޭރުގައި މޮޅުވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން ފަހަތުން އަރައި 3-1 އިން މެންޗެސްޓާ ޔުނައިޓަޑް ރަށުން ބޭރުގައި މޮޅުވެއްޖެ އެވެ.

މި މެޗުން މޮޅުވެ ޔުނައިޓަޑުން ވަނީ ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާދެމެދު އޮތް ފަރަގު 11 ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ސިޓީން ވަނީ ޔުނައިޓަޑަށްވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ.

މި ނަތީޖާއާއެކު، ގަދަ ހަތަރަކަށް އެރުމަށް ޓޮޓެންހަމް އިން ކުރަމުންދާ މަސައްކަތަށް އިތުރު ހުރަހެއް ވަނީ ކުރިމަތިވެފަ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، އެ ޓީމަށް ލީޑު ހޯދައިދިނީ ދެކުނު ކޮރެއާގެ ފޯވަޑް ސޮން ހެއުންގް މިން އެވެ.

ޓޮޓެންހަމް އިން ލީޑު ނެގުމުގެ ކުރިން ޔުނައިޓަޑްގެ އެޑިސަން ކަވަނީ ވަނީ ޓޮޓެންހަމްގެ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. އެކަމަކު ވީއޭއާރް ރިވިއު އަށް ފަހު، ރެފްރީ ނިންމީ އެއީ ރަނގަޅު ލަނޑެއް ނޫން ކަމަށެވެ.

އެކަމަކު މެޗުގެ 57 ވަނަ މިނިޓުގައި ޔުނައިޓަޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފްރެޑް ޖެހި ލަނޑުންނެވެ.

ޔުނައިޓަޑުން މެޗު އަނބުރާލީ މެޗުގެ 79 ވަނަ މިނިޓުގައި ކަވާނީ ޖެހި ލަނޑުންނެވެ. ޔުނައިޓަޑްގެ މޭސަން ގްރީންވުޑް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކަވާނީ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.

ޔުނައިޓަޑުން މެޗުން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގްރީންވުޑް ކާމިޔާބުކުުރި ލަނޑުންނެވެ.

އިނގިރޭސި ލީގުގައި މިއަދު ލެސްޓާ ސިޓީ އަތުން ވެސްޓް ހޭމް މޮޅުވީ 3-2 އިންނެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ފަސް ވަނައިގައި އޮތް ވެސްޓް ހޭމް އިން ވަނީ ހަތަރު ވަނައިގައި އޮތް ލެސްޓާއާދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފަ އެވެ.