Roadha Mihaaru
"ޔޯދާ" އިން ޝާހިދު ވަކިނުވާކަން ކަށަވަރުކޮށް ދީފި

"ޔޯދާ" އިން ޝާހިދު ކަޕޫރް ވަކިނުވާކަން ކަށަވަރުކޮށް ދީފި

21 އެޕްރީލް 2021

ޝާހިދު ކަޕޫރް މިދިޔަ އަހަރު ސޮއިކުރުމަށްފަހު، ފަހުން ދޫކޮށްލާފައިވާ ކަމަށް ބުނާ ފިލްމު "ޔޯދާ" އިން އޭނާ ވަކިނުވާކަން ޑައިރެކްޓަރު ޝިޝާންކް ކައިތާން ކަށަވަރުކޮށްދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހިދު ކަޕޫރް މިދިޔަ އަހަރު ސޮއިކުރުމަށްފަހު، ފަހުން ދޫކޮށްލާފައިވާ ކަމަށް ބުނާ ފިލްމު "ޔޯދާ" އިން އޭނާ ވަކިނުވާކަން ޑައިރެކްޓަރު ޝިޝާންކް ކައިތާން ކަށަވަރުކޮށްދީފި އެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ އެކްޝަން ފިލްމެކެވެ. ޝާހިދު "ޔޯދާ" އިން ވަކިވި ކަމަށް އަޑު އެރީ ފިލްމުގެ ޓީމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި އެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނުހިނގާކަން ފާހަކޮށް ޝިޝާންކް ބުނީ ފިލްމުގެ މަސައްކަތް މަޑުޖައްސާލާފައި އޮތީ ކޮވިޑް-19 ގެ މި ހާލަތުގެ ތެރޭގައި ވަރުގަދަ އެކްޝަން ފިލްމެއް ހެދުމަކީ އުނދަގޫ ކަމަކަށްވާތީ އެވެ. އަނެއްކޮޅުން "ޔޯދާ" އަކީ އިންޑިއާ އިން ބޭރުން ހަތަރު ގައުމެއްގައި ވެސް މަންޒަރުތަކެއް ނަގަން ޖެހޭ ފިލްމަކަށްވާތީ މި ހާލަތުގައި އެއީ ވަރަށް ދަތި ކަމެއް ކަމަށް ބުންޏެވެ.

"އެކަމަކު މުޅިން އާންމު ހާލަތަކަށް ދެވުމާ އެކު ޔޯދާގެ މަސައްކަތް އަހަރެމެން ފަށާނަން،" ޝިޝާންކް ބުންޏެވެ.

ޝިޝާންކް އަދި ޝާހިދު.

ޝިޝާންކް އަދި ޝާހިދު.

"ބަދުރީނާތު ކީ ދުލްހަނިޔާ" އާއި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އަދި "ދަޅަކް" ގެނެސްދިން ޑައިރެކްޓަރު މިހާރު އަންނަނީ އޭނާ ވަރުން ދަވަންއާ އެކު ހަދަން އުޅުނު "މިސްޓަ ލޭލޭ" ގެ ނަން ބަދަލުކޮށް، އެ ފިލްމު ވިކީ ކޯޝަލާ އެކު ހަދަމުންނެވެ.

"ޔޯދާ" ގައި ޝާހިދާ އެކި ބަތަލާގެ ރޯލު ކުޅޭނެ ކަމަށް އަޑު އަރާފައި ވަނީ ޑިޝާ ޕަޓާނީ އެވެ. އެހެންވެ މި ފިލްމުވާނީ އޭނާ ދަރުމާ އަށް ކުޅޭ ފުރަތަމަ ފިލްމަށެވެ. ޝާހިދު ކުރިން ވަނީ ކަރަން ޕްރޮޑިއުސްކުރި އާލިއާ ބަޓް ބަތަލާގެ ރޯލު ކުޅުނު "ޝާންދާރު" ގައި މަސައްކަތްކޮށްފަ އެވެ.

އެކަމަކު އޭނާ ބުނެފައިވާ ގޮތުގައި ބޮޑު ފްލޮޕަކަށްވި އެ ފިލްމަކީ ނުކުޅެވުނު ނަމައޭ ހިތަށް އަރާ ފިލްމެކެވެ. މި ވަގުތު ރާޖް އެންޑް ޑީކޭގެ ވެބް ސީރީޒެއްގެ މަސައްކަތްކުރަމުން އަންނަ ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރު 5 އަށް ތާވަލުކޮށްފައި އޮތް ކްރިކެޓް ފިލްމު "ޖާޒީ" އެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ ބޮޑު ހިޓް "ކަބީރް ސިންގް" އެވެ.