Roadha Mihaaru
މާލޭ ހަ ދާއިރާއެއް އަލުން ގުނަން އެމްޑީޕީން އެދިއްޖެ

މާލޭ ހަ ދާއިރާއެއްގެ ވޯޓު އަލުން ގުނަން އެމްޑީޕީން އެދިއްޖެ

14 އެޕްރީލް 2021

ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން އަޣުލަބިއްޔަތު ހޯދާފައިވާ މާލޭގެ ސިޓީ ކައުންސިލްގެ ހަ ދާއިރާއެއްގެ ވޯޓު އަލުން ގުނަން ވެރިކަންކުރާ އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން އަޣުލަބިއްޔަތު ހޯދާފައިވާ މާލޭގެ ސިޓީ ކައުންސިލްގެ ހަ ދާއިރާއެއްގެ ވޯޓު އަލުން ގުނަން ވެރިކަންކުރާ އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މިއަދު އެދިއްޖެ އެވެ.

އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވިގޮތުގައި މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބާ ގުޅިގެން އަލުން ގުނަން އެދުނީ މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޯޅި އުތުރު ދާއިރާ އާއި މާފަންނު އުތުރު ދާއިރާ އަދި މާފަންނު ހުޅަނގު ދާއިރާގެ ވޯޓު ފޮށިތަކެވެ.

ހަސަން ވިދާޅުވީ އަލުން ވޯޓު ގުނަން އެދުނީ، ކުރި ހޯދާފައިވާ ކެންޑިޑޭޓާއި އެމްޑީޕީ ކެންޑިޑޭޓް ދެމެދުގައި ހުރި ފަރަގަށް ވުރެ ބާތިލް ވޯޓު ގިނަވުމުން ކަމަށެވެ.

މިހާތަނަށް އެމްޑީޕީން ސުޕަ މެޖޯރިޓީ ހޯދަމުން އައި މާލޭ ކައުންސިލްގެ ގިނަ ގޮނޑިތަކެއް މި ފަހަރު އެ ޕާޓީ އަށް ވަނީ ގެއްލިފަ އެވެ. މާލޭގެ މޭޔަރުކަން ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުމުގެ އިތުރުން ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން 12 ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފައިވާ ކަމަށް މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކަ އެވެ.

ހަސަން ވިދާޅުވިގޮތުގައި އަލުން ވޯޓު ގުނަން އެދުނު ދާއިރާތަކުގައި އެއްވަނައިގައި އުޅޭ ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓާ ދެމެދު ހުރި ފަރަގަށް ވުރެ ބާތިލް ވޯޓު ވަރަށް ބޮޑަށް އިތުރެވެ. އޭނާ ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން ބޭއްވި އިންތިހާބުތަކުގައި އެ ދާއިރާތަކުގެ ބާތިލް ވޯޓުގެ އަދަދުތަކަށް ބެލިއަސް މި އަހަރުގެ ބާތިލް ވޯޓު މާ ގިނަ ކަމަށެވެ.

ހަ ދާއިރާގެ ވޯޓުގެ ތަފްސީލްތައް:

1. މެދުހެންވޭރު ދާއިރާ: އެމްޑީޕީ އާއި ޕީޕީއެމް ކެންޑިޑޭޓް ދެމެދު 47 ވޯޓުގެ ތަފާތެއް، ބާތިލް 82 ވޯޓު

2. ހެންވޭރު ދެކުނު ދާއިރާ: 23 ވޯޓުގެ ތަފާތެއް، ބާތިލް 93 ވޯޓު

3. ހެންވޭރު ހުޅަނގު ދާއިރާ: 57 ވޯޓުގެ ތަފާތެއް، ބާތިލް 103 ވޯޓު

4. މައްޗަންގޯޅި އުތުރު ދާއިރާ: 14 ވޯޓުގެ ތަފާތެއް، ބާތިލް 69 ވޯޓު

5. މާފަންނު އުތުރު ދާއިރާ: 49 ވޯޓުގެ ތަފާތެއް، ބާތިލް 180 ވޯޓު

6. މާފަންނު ހުޅަނގު ދާއިރާ: 47 ވޯޓުގެ ތަފާތެއް، ބާތިލް 124 ވޯޓު

ހަސަން ވިދާޅުވިގޮތުގައި އަލުން ވޯޓު ގުނާ އިރު ކެންޑިޑޭޓުންނާއި ޕާޓީތައް ބައިވެރިކޮށްގެން އަމާންކަމާ އެކު އެކަން ކުރިއަށް ގެންދަން އެމްޑީޕީން ވާނީ އިލެކްޝަންސް ކޮމިޝަންގައި އެދިފަ އެވެ.