Roadha Mihaaru
މައުމޫން ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައެއް ނުގަތް

ބާރުތައް ހޯއްދަވަން މައުމޫން ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައެއް ނުގަތް

15 ނޮވެމްބަރ 2016

‎ޕީޕީއެމް ހިންގުމުގެ ބާރު އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމާ ދެކޮޅަށް ސިވިލް ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން މިއަދު އަންގައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

‎ޕީޕީއެމް ހިންގުމުގެ ބާރު އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމާ ދެކޮޅަށް ސިވިލް ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން މިއަދު އަންގައިފި އެވެ.

މައުމޫން ހުށަހެޅުއްވި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ރެޖިސްޓްރާ ފޮނުއްވި ޖަވާބުގައި ވަނީ އެ ކޯޓަށް މައުމޫން މައްސަލަ ހުށަހަޅުއްވާފައި ވަނީ "އިދާރީ މައްސަލަތައް ބަލާ ޑިވިޝަނަށް މައްސަލަ ހުށަހަޅާ ފޯމް" ގައި ކަމަށެވެ. އަދި އެ ޑިވިޝަނަށް ހުށަހެޅޭނީ ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިދާރާއެއްގައި ހިމެނޭ. އިދާރީ ތަބީއަތުގެ ދައުވާތަކާއި އިދާރީ ކޮންޓްރެކްޓްތަކާއި އިދާރީ ފިޔަވަޅުތަކާ ބެހޭ މައްސަލަތައް ކަމަށް ވެސް މައުމޫނަށް ފޮނުއްވި ޖަވާބުގައި ބުނެފައިވެ އެވެ.

ސިވިލް ކޯޓުން ބުނެފައި ވަނީ ޕީޕީއެމަކީ ދައުލަތުގެ މުއައްސަސާއެއް ނުވަތަ އިދާރާއެއް ކަމަށް ނުވާއިރު އެ ޕާޓީގެ މައްޗަށް ކުރެވޭ ދައުވާ އަކީ އިދާރީ ޑިވިޝަނަށް މައްސަލަ ހުށަހަޅާ ފޯމުން ހުށަހެޅޭނެ ދައުވާއެއް ނޫން ކަމަށެވެ.

"އެހެންކަމުން މިއީ މިހާރު ހުށަހަޅާފައިވާ ގޮތަށް، މިހާރު ހުށަހަޅާފައިވާ ފޯމްގައި ރަޖިސްޓްރީކުރެވޭނެ ދައުވާ ފޯމެއް ނޫން ކަމުން، ދައުވާ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް ނިންމީ އެވެ،" ޖަވާބުގައި ބުނެފައިވެ އެވެ.

‎ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން ޕީޕިއެމް ހިންގުމުގެ ބާރު ރައީސް ޔާމީނަށް ލިބިވަޑައިގަތުމާ އެކު، ޕާޓީ ހިންގުމުގެ ހުރިހާ ކަމެއް ކުރައްވަނީ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. ސިވިލް ކޯޓުގެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

‎މައުމޫން ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕާޓީ ހިންގުމުގެ ބާރު ރައީސް ޔާމީނާ ހަވާލުކުރީ ގާނޫނުއަސާސީ އާއި ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

‎ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނަށް ލިބިވަޑައިގަތަސް ކޯޓުގެ ނިންމުން މައުމޫން ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި އެ މަނިކުފާނު އަންނަނީ ތާއީދުކުރާ ކައުންސިލް މެމްބަރުންނާ އެކު ވަކިން ކައުންސިލް ބައްދަލުވުންތައް ބާއްވައި، ނިންމުންތައް ނިންމަވަމުންނެވެ.

‎ޕާޓީ ހިންގުން ރައީސް ޔާމީނާ ކޯޓުން ހަވާލުކުރީ އެ މަނިކުފާނާއި މައުމޫނާ ދެމެދު ހިޔާލު ތަފާތުވުން އުފެދި، ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބޭއްވުން މައުމޫން ހުއްޓާލެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ދެ މެމްބަރަކު އެ މައްސަލަ ކޯޓަށް ހުށަހެޅުއްވުމުންނެވެ.