Roadha Mihaaru
ސުޝާންތާ ބެހޭ ފިލްމެއް އާރްޖީވީ ވެސް ހަދައިފާނެ

ސުޝާންތާ ބެހޭ ފިލްމެއް އާރްޖީވީ ވެސް ހަދައިފާނެ

09 އެޕްރީލް 2021

މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ރާޖްޕޫތާ ބެހޭ ފިލްމެއް ހަދައިފާނެކަމުގެ އިޝާރާތެއް މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) ވެސް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ރާޖްޕޫތާ ބެހޭ ފިލްމެއް ހަދައިފާނެކަމުގެ އިޝާރާތެއް މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) ވެސް ދީފި އެވެ.

"ރަންގީލާ" އާއި "ކޮމްޕެނީ" އާއި "ޖަންގަލް" އާއި "ބޫތު" އަދި "ސަރުކާރު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ސުޝާންތުގެ މަރާ ގުޅުން ހުރި ކަމަށް ބުނާ ކަމަކާ ގުޅުވައިގެން އޭނާގެ ވާހަކަ އަށް ފިލްމެއް ހެދުމަކީ ރަނގަޅު ހިޔާލަކަށް ވެދާނެ ކަމަށެވެ.

"އެއީ ހަމަ ވެދާނެ ކަމެއް. އެކަމާ ދޭތެރޭ ވިސްނާނަން،" އާރްޖީވީ ބުންޏެވެ.

ސުޝާންތުގެ މަރާއި މަސްތުވާތަކެއްޗާއި އަދި އޭނާގެ ލޯބިވެރިޔާ ބަތަލާ ރިއާ ޗަކްރަބަތީ އާއި ނަފުސާނީ މައްސަލަތަކާއި އަދި ސިޔާސީ ނުފޫޒުތަކެއް ވެސް އެ ހާދިސާގައި އޮތް ކަމަށް ސޯޝަލް މީޑިއާގައި މީގެ ކުރިން ވަރަށް ބޮޑަށް ވާހަކަ ދެކެވިފައިވާތީ އެ މަރުގެ ހަގީގަތެއް މިހާތަނަށް ސާފުނުވާ ކަމަށް އާރްޖީވީ ބުންޏެވެ. އެހެންވެ ފިލްމެއް ހަދާ ނަމަ ސުޝާންތުގެ މަރުގެ ވާހަކަ ގެނެސްދޭނީ ކޮން އެންގަލަކުންތޯ ސުވާލު އުފެދޭ ކަމަށް ބުންޏެވެ.

"އެ ވާހަކަ އެކި ގޮތްގޮތަށް އަނބުރާލުމުގައި ސޯޝަލް މީޑިއާގެ ޗަރުކޭސް އެންމެ ބޮޑީ،" އާރްޖީވީ ބުންޏެވެ. "އެހެންވެ އަހަންނަކަށް ނޭނގޭ އެ ވާހަކަ ބައްޓަންކުރާނެ ގޮތެއް."

އާރްޖީވީ އަކީ ސުޝާންތުގެ މަރުގެ ޒިންމާ ރިއާގެ ބޮލުގައި އަޅުވަން ފެށުމުން އޭނާގެ ދިފާއުގައި ވާހަކަ ދެއްކި މީހުންގެ ތެރެއިން އެކެކެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ގައި ސުޝާންތު ދަންޖެހިގެން މަރުވުމާ ގުޅިގެން އޭނާގެ ވާހަކަ ކިޔައިދޭ ފިލްމުތަކެއް ހަދަން ފުލުފުލުގައި މިދިޔަ އަހަރު އެކި މީހުން އިއުލާންކޮށްފައިވެ އެވެ.

ޖެނުއަރީގައި ބިރުވެރި ފިލްމު "12 އޮކްލޮކް" ގެނެސް ދިނުމަށް ފަހު، މިހާރު "ޑީ ކޮމްޕެނީ" ގެނެސްދޭން ތައްޔާރުވަމުން އަންނަ އާރްޖީވީ މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ "އެންޓާ ދަ ގާލް ޑްރެގަން" އާއި ތެލެގޫ ފިލްމު "ޑިޝާ އެންކައުންޓާ" އެވެ.