07 އެޕްރީލް 2021
ވަރަށް ފުންކޮށް ވިސްނައިފި ނަމަ، މާލޭގައި މައްސަލަތަކުގެ ހާއްޔެއް އެބަ އޮތެވެ. އެއީ އެމްޑީޕީން އަބަދު ވެސް ދައްކާ ވާހަކައެކެވެ. ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮވެ، މުޅި ރަށް ތޮއްޖެހިފައިވާ އިރު އެ މައްސަލަތައް ހައްލު ކުރަން އަތުކުރި އޮޅާލާ މީހެއްގެ ހިތްވަރު ހުންނަން ޖެހެ އެވެ. ކެރެން ޖެހެ އެވެ. ޖެހިލުން ވެސް އެހާ ކުޑަވާން ޖެހެ އެވެ. އަދި ހަމައެހެންމެ، އެ މީހެއްގެ ގާބިލްކަން ވެސް ހުންނަން ޖެހެ އެވެ.
ވަރަށް ފުންކޮށް ވިސްނައިފި ނަމަ، މާލޭގައި މައްސަލަތަކުގެ ހާއްޔެއް އެބަ އޮތެވެ. އެއީ އެމްޑީޕީން އަބަދު ވެސް ދައްކާ ވާހަކައެކެވެ. ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮވެ، މުޅި ރަށް ތޮއްޖެހިފައިވާ އިރު އެ މައްސަލަތައް ހައްލު ކުރަން އަތުކުރި އޮޅާލާ މީހެއްގެ ހިތްވަރު ހުންނަން ޖެހެ އެވެ. ކެރެން ޖެހެ އެވެ. ޖެހިލުން ވެސް އެހާ ކުޑަވާން ޖެހެ އެވެ. އަދި ހަމައެހެންމެ، އެ މީހެއްގެ ގާބިލްކަން ވެސް ހުންނަން ޖެހެ އެވެ.
އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ، އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އަނަސް އަބްދުއްސައްތާރަކީ މާލެ ބަދަލުކޮށްލެވިދާނެ ބޭފުޅެއް ކަމަށް އެ ޕާޓީން ގަބޫލުކުރެ އެވެ. އޭނާގެ ވިސްނުން ވެސް އެ މަގުން މާ ދުރަށް އެބަ ފޯރަ އެވެ.
"ފަސް ކަމެއް އަޅުގަނޑަށް މި އޮތީ ފާހަގަކުރެވިފައި. އެއީ ބޯހިޔާވަހިކަން، ވަޒީފާ، ދަތުރުފަތުރު އަދި ސްކޫލަށް ކުދިން ގެންދިއުމުގެ މައްސަލަ ދެން ތޮއްޖެހުން،" އަނަސް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އައި ބަދަލާ އެކު ފުރަތަމަ ފަހަރަށް މުޅި މާލޭގެ އެންމެންގެ ވޯޓުން ހޮވާ މޭޔަރު ކަމަށް އޭނާ ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، މާލޭގެ ރައްޔިތުންގެ މައިގަނޑުގެ ކަންބޮޑުވުންތަކަކީ ވެސް އެއީ އެވެ. އޭނާ ވިދާޅުވީ ހައްލުކުރަން ހުރި ބައިވަރު މައްސަލަތައް އެބަހުރި ކަމަށެވެ.
"އެމްޑީޕީ 2008 ގައި ވެރިކަމަށް އައިސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ފެށި. ބައިވަރު މީހުންނަށް ބޯހިޔާވަހިކަން ވެސް ލިބުނު. އެކަމަކު އޭގެ ފަހުން އައި އެއްވެސް މަޝްރޫއަކީ ސީދާ މާލޭ މީހުންނަށް އިސްކަން ދީފައިވާ މަޝްރޫއެއް ނޫން. އެހެން އެވީ އެކިއެކި ކްރައިޓީރިޔާތަކާއި ކެޓަގަރީތަކުގެ ސަބަބުން،" ގާނޫނީ ދާއިރާ އިން ކިޔަވާ ވިދާޅުވެފައިވާ އަނަސް ވިދާޅުވި އެވެ.
"މިސާލަކަށް ގުޅިފަޅާއި ޓާޓާ ފްލެޓްތައް. އެއީ އޭރު އެމްޑީޕީގެ ސަރުކާރުން ސޯޝަލް ސްކީމް ގޮތަށް ވަރަށް އަގުހެޔޮކޮށް ފެށި މަޝްރޫއެއް. ދެން އޮތީ ވެށިފަހި. އެއީ ވެސް މާލޭގައި ކުދިކުދި ތަންތަންކޮޅު ދޫކޮށްލީމަ ހުޅުމާލެ އިން 1200 އަކަފޫޓުގެ ގޯއްޗެއް ލިބޭ ޕްރޮގްރާމެއް. އެކަމަކު ފަހުން އައި ސަރުކާރުތަކުގެ ކްރައިޓީއާތައް ހަމަޖެހުނު ގޮތުން އެ ތިން ޕްރޮގްރާމަށް ކުރިމަތިލީ މީހުން އަދިވެސް އެ ތިބީ އެ ހާލުގައި ނުވަތަ އެއަށް ވުރެ ވެސް މާ ހާލުގައި."
ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން އިވެންޓެއްގައި އަނަސް ބައިވެރިވެވަޑައިގަންނަވަނީ.
އަނަސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހަދާ ޕްލޭންތައް ސަރުކާރަށް ދޫކޮށްލާނެ ކަމަށް ސަރުކާރުން ބުނެފައި ވާތީ، ބޯހިޔާވަހިކަމަށް އޮތް ގޮންޖެހުންތައް ސިޓީ ކައުންސިލަށް ނައްތާލެވިދާނެ ކަމަށެވެ.
އޭނާ ދެން ފާހަގަކުރެއްވި މައިގަނޑު އަނެއް މައްސަލަ އަކީ ވަޒީފާ އެވެ. މާލޭގައި ކޮވިޑާ ގުޅިގެން ވެސް އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެ ކަމަށް ވިދާޅުވި އެވެ.
"ވަޒީފާގެ ކަންކަން މިހާރު މި އޮންނަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުގައި. އެކަމަކު ލާމަރުކަޒީ ކުރާއިރު އެކަންކަން ދެން ބަލަހައްޓާނީ އެ ރަށެއްގެ ކައުންސިލުން. ސަރުކާރަށް އެކަން ދާނީ ކައުންސިލްތައް މެދުވެރިކޮށް. އެހެންވެ، އަޅުގަނޑުގެ ވިސްނުމަކީ މާލޭގައި ވަޒީފާ ނުލިބިގެން އުޅޭ މީހުންގެ މައުލޫމާތު އެއްކުރަން ދަފްތަރެއް އެކުލަވާލައިފައި ވަޒީފާ ހޯދައިދޭ ފަރާތަށް އެލަވަންސެއް ދިނުން،" އަނަސް ވިދާޅުވި އެވެ.
"ދެން މީގެ އިތުރުން މާލޭގައި ތިބި ބިދޭސީންގެ ދަފްތަރެއް އެކުލަވާލަން ވެސް ޖެހޭ. އެ ދަފްތަރު އެކުލަވާލީމަ އެނގޭނެ ބިދޭސީން އަދާކުރަނީ ކޮންކޮން ވަޒީފާތަކެއްތޯ. އެ ވަޒީފާތަކުގެ ތެރޭގައި ދިވެހިންނަށް ކުރެވިދާނެ ކަންކަން އޭރުން ސާފުކޮށް ފެންނަން އޮންނާނެ."
އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުކުންނަވާ ބައެއް ކެންޑިޑޭޓުންނާއެކު އަނަސް.
އަނަސް ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުން ތިބީ ވަރަށް ހާލުގަ އެވެ. އަދި މުޅި މާލެ އޮތީ މައްސަލަތަކެއްގެ މެދުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. މަގުތައް ތޮއްޖެހުމުގެ ސަބަބުން ކުދިން ސްކޫލަށް ގެންދިއުމާއި އެހެނިހެން ކަންކަމަށް އޮތް ދަތިތައް އޭނާ އަށް އިހުސާސް ކުރެއްވެ އެވެ. އެހެންވެ، އެއީ އޭނާ، މި މަގާމަށް ހޮވިވަޑައިގެންފި ނަމަ ހަނދާނުން ކައްސާލާނެ ކަންކަން ނޫން ކަމަށް ވިދާޅުވި އެވެ.
މޭޔަރު ކަމަށް އަނަސް ވާދަކުރައްވާ އިރު އޭނާ އަކީ ސަރުކާރުގެ މައި ޕާޓީގެ ކެންޑިޑޭޓެވެ. އެމްޑީޕީ އަކީ އަބަދުވެސް ލާމަރުކަޒީ ކުރުމާ އެއްކޮޅަށް ވާހަކަ ދައްކަމުން އަންނަ ޕާޓީއެކެވެ. އަނެއްކޮޅުން އޭނާގެ ވާދަވެރިޔާ އަކީ، އަނަސް ވިދާޅުވި ގޮތުގައި، ލާމަރުކަޒީއާ ދެކޮޅު ޕާޓީއެއްގެ ކެންޑިޑޭޓެކެވެ.
"އަޅުގަނޑުމެންނާ ވާދަކުރަން މި ތިބީ މި ނިޒާމު ގަބޫލުކުރާ ބައެއް ނޫން. އަޅުގަނޑާ މި ވާދަކުރަން އިސްކޮށް އުޅުއްވަނީ ސީދާ މިކަމާ ދެކޮޅަށް މަސައްކަތް ކުރި މީހެއް،" އަނަސް ވިދާޅުވި އެވެ.
"މިސާލަކަށް ގުޅިފަޅަކީ މީހުން ދިރިއުޅޭ މާލޭގެ އަވަށެއްގެ ގޮތުގައި ކަނޑައެޅީ އެމްޑީޕީ. އެކަމަކު އެފަރާތުން [އިދިކޮޅުން] ކަނޑައެޅީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް. ކައުންސިލްތަކަކީ ދުއްތުރާ ކުރާ ތަނެއްގެ ގޮތުގައި ކަނޑައެޅީ ވެސް ހަމަ އެ މީހާ. އެހެންވީމަ މިކަހަލަ ބައިވަރު ކަންކަން އެބަހުރި."
އަނަސް އުފައްދަވާ ސުވާލަކީ ވެސް އެ އެވެ؛ ނިޒާމު ގަބޫލުނުކުރާ ބަޔަކާ އެކު މި ނިޒާމު ކުރިއަށް ގެންދާނީ ކިހިނެއް ހެއްޔެވެ؟
އަނަސް "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"މި އިންތިހާބާ އެކު މިހާރު ރައްޔިތުން އިސްކޮށް، ވިސްނުން ބަދަލުވެގެން އަޔަސް ސަރުކާރަށް ވެސް އުނދަގޫވާނެ މިކަހަލަ މީހަކު ބަލައިގަންނަން. ނިޒާމު ގަބޫލުނުކުރާ މީހަކާ އެކު މަސައްކަތް ކުރާނީ ކިހިނެއްތޯ؟ އަޅުގަނޑަކަށް ނުފެނޭ އެތަނެއް،" އަނަސް ވިދާޅުވި އެވެ.
އަނެއްކޮޅުން، އޭނާ ފާހަގަކުރެއްވީ މާލޭގެ ރައްޔިތުން އިންތިހާބުތަކުގައި އެމްޑީޕީއަށް ދިން އަގުލަބިއްޔަތެވެ. އެންމެ އިންތިހާބެއް ފިޔަވައި، އަދި ހާއްސަކޮށް ލޯކަލް ކައުންސިލް އިންތިހާބުތަކުގައި އެމްޑީޕީ ތަފާތު ބޮޑުކޮށް ކާމިޔާބު ކޮށްފައިވާ އިރު، އެމްޑީޕީގެ ކައުންސިލަރުންތަކަކާ އެކު އެކަނިމާއެކަނި އިދިކޮޅު މީހަކު މޭޔަރުކަން ކުރާނެ ގޮތަކާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
"އެހެންވީމަ އަޅުގަނޑަށް ވަރަށް ޔަގީންކަން އެބަ އޮތް އަޅުގަނޑަށް މޭޔަރުގެ ގޮނޑި ބޮޑު ތަނުން ކާމިޔާބުވާނެ ކަން،" އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވަނީ ގާނޫނަށް ގެނައި ބަދަލުތަކާ އެކު މާލޭ ސިޓީ ކައުންސިލާއި މޭޔަރު އަންނާނީ ބާރުތަކާ އެކު ކަމަށެވެ. އެހެންވެ، ކައުންސިލް އިންތިހާބުތަކުގައި މީގެ ކުރިން ވެސް އެމްޑީޕީ އަށް ދިން އިތުބާރު ދަމަހައްޓަން އޭނާ އެދިވަޑައިގަތެވެ.
އެމްޑީޕީގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އަނަސް: އެމްޑީޕީއަކީ އުފާވެރި، ތަހުޒީބު ސިޓީއަކަށް ބަދަލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
"ގާނޫނު އިސްލާހުކޮށްގެން މި އައި ބަދަލުތަކާ އެކު ވަރަށް ބޮޑު ބާރުވެރިކަމެއް މި އައީ. ކުރިއަށް އޮތް ކައުންސިލަކީ ވަރަށް ބާރުގަދަ ކައުންސިލަކަށް ވާނެ. މާލޭގެ އިގްތިސާދީ ހަރަކާތްތަކުން ނަފާ ވެސް ލިބޭ ގޮތަށް މިހާރު މިއޮތީ. އެކަމަކު އަޅުގަނޑު ދޭނެ ވަރަށް ބޮޑު ޔަގީން ކަމަކީ މާލޭގެ ބިންތަކުގެ މައްސަލާގައި ވެސް މާލޭ ރައްޔިތުންނާ މަޝްވަރާ ނުކޮށް ގޮތެއް ނުނިންމާނެ ކަމުގެ. އަނެއް ކަމަކީ އެއްވެސް ކަމަކުން އަޅުގަނޑަކީ ނާޖާއިޒު ފައިދާއެއް ނަގާނެ މީހެއް ނޫން ކަން،" އަނަސް ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ކައުންސިލް އިންތިހާބުގެ ވޯޓު ލާއިރު، އަނަސް އަށް އޮތް ޔަގީންކަން ވަރަށް ބޮޑެވެ. އޭނާގެ އޮތީ ދުރު ވިސްނުމެކެވެ. ތަރައްގީ މާލެއެކެވެ. ކުރިން ނުލިބޭ ބާރުތަކާއި ބޮޑު ބަޖެޓަކާ އެކު މާލޭގެ ދުވެލި މެކުހަށް ޖެހުމުގެ ގާބިލްކަން ހުރިކަން ސާބިތުކޮށްދިނުމެވެ.
މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.
އެމްޑީޕީއާ އެކު ސިޓީ ކައުންސިލް ތަފާތުވާނެ: އަނަސް
ހައްގުތައް ފޯރުކޮށްދިނުމުގައި ބޭއިންސާފު ނުވާނަން:އަނަސް
މާލެ މިގޮތަށް ދޫކޮށްލާފައި ނުބާއްވާނަން: ނަޝީދު
އަނަސް، މޭޔަރު ކަމަށް ވާދަކުރަން ފޯމު ހުށަހަޅުއްވައިފި
އަނަސް، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ
ކެމްޕެއިންގައި އަޅުގަނޑު ހުރީ އެކަހެރިކޮށްފައި:އަކްރަމް
މާލެއިން ނާކާމިޔާބުވީ ކަންބޮޑުވުންތަކާ ގުޅިގެން: ރައީސް
އެމްޑީޕީ އަށް އަސްލު މި ވީ ކިހިނެއް؟
އެމްޑީޕީގެ ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ: އަނަސް
އަފްރާހު: ފުދުންތެރި ބަޔަކަށް ހަދައިދޭނެ