Roadha Mihaaru
ބިދޭސީން ގެންނަ ކުންފުނިތަކުގެ މައްސަލަ ހައްލުކޮށްދޭން އެދި ޕެޓިޝަނެއް

ބިދޭސީން ގެންނަ އެޖެންސީތަކުގެ ހައްގު ގެއްލިފައިވާ ކަމަށް ބުނެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

06 އެޕްރީލް 2021

ރާއްޖެ އަށް ބިދޭސީން ގެންނަ އެޖެންސީތަކަށް ދިމާވެފައިވާ ދަތިތަކަށް، ގާނޫނެއް ހަދައިގެން ނަމަވެސް ހައްލެއް ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ދެ ޖަމިއްޔާއަކުން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެ އަށް ބިދޭސީން ގެންނަ އެޖެންސީތަކަށް ދިމާވެފައިވާ ދަތިތަކަށް، ގާނޫނެއް ހަދައިގެން ނަމަވެސް ހައްލެއް ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ދެ ޖަމިއްޔާއަކުން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

"ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އެެޖެންސީ އޮފް ދަ މޯލްޑިވްސް (ޔޫއީއޭއެމް) އާއި "މޯލްޑިވްސް އެސޯސިއޭޝަން ފޯ އެމްޕްލޯއިމަންޓް އެޖެންސީ" (އެމްއޭއީއޭ) އާ ގުޅިގެން ހުށަހެޅި އެ ޕެޓިޝަންގައި 60 އަށް ވުރެ ގިނަ އެމްޕްލޯޔަމަންޓް އެޖެންސީތަކުން ވަނީ ސޮއިކޮށްފަ އެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ސްޕޮންސާ ކޮށްފައިވާ ޕެޓިޝަންގައި ބުނެފައި ވަނީ އިކޮނޮމިކް މިނިސްޓްރީން އެޖެންސީތަކަށް ހުއްދަ ދޫކުރަނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްވެސް ގަވާއިދަކާ ހިލާފުވެފައިވޭތޯ ބެލުމަށް ފަހު ކަމަށެވެ. ލައިސަންސް، ދޫކުރަނީ 50،000 ރުފިޔާގެ ޑިޕޮޒިޓެއް އިކޮނޮމިކް މިނިސްޓްރީގައި ބަހައްޓައިގެން، ދެ އަހަރުގެ މުއްދަތަކަށް ކަމަށާއި އެޖެންސީ ލައިސަންސް އާ ކުރުމަށް ވެސް 2500 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ކުންފުނީގެ އަހަރީ ފީގެ ގޮތުގައި 2000 ރުފިޔާ އާއި ޖީއެސްޓީ ވެސް އެޖެންސީތަކުން ދައްކާ ކަމަށް ބުނެފައިވެ އެވެ.

އެޖެންސީތަކުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭ ބިދޭސީންގެ ވާހަކަ ދެއްކެވޭ ކޮންމެ ފަހަރަކު ވެސް، އެކަމުގެ ޒިންމާ އުފުލަން ޖެހެނީ އެޖެންސީތައް ކަމަށް އާންމުންނާއި މަޖިލީހުގެ މެމްބަރުން ވެސް ވިދާޅުވަމުން ގެންދަވާ ކަމަށާއި އެކަމަކު އެއްވެސް އެޖެންސީއަކާ މެދު މިއަދާ ހަމައަށް ވެސް އެ ފަދަ ކަމެއްގައި ފިޔަވަޅު އަޅާފަ އޮތްކަން އެނގެން ނެތް ކަމަށެވެ.

ޕެޓިޝަންގައި ބުނެފައިވާ ގޮތުން، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އިތުރު ވަނީ، އެޖެންސީތަކުގެ ދައުރު ނައްތާލައި، ކޮންމެ މީހަކަށް ވެސް ބިދޭސީން އެތެރެކުރުމުގެ ހުއްދަ ދިނުމުންނެވެ.

ވަޒީފާ އަށް ގެންނަ ބިދޭސީންގެ އަތުން، ސީދާގޮތުންނާއި ނުސީދާގޮތުން ވެސް ފީ ނަގައިގެން ނުވާނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށާއި އެކަމަކު މިނިސްޓްރީތަކުންނާއި އަމިއްލަ ގިނަ ކުންފުނިތަކުން އެޖެންސީ އަށް ފައިސާ ނުދޭ ކަމަށް ވެސް އެ ޕެޓިޝަންގައި ވެ އެވެ.

ޕެޓިޝަންގައި ވާ ގޮތުން އަމިއްލަ ކުންފުނިތަކާއި އޯންޑް އެންޓާޕްރައިސަސްތަކުން ގެންނަ މީހުންގެ ޑިޕޮސިޓާއި ތިން މަހުގެ ވިސާ ފީ އަދި އިންޝުއަރެންސް ދެއްކުމަށް އެޖެންސީތަކަށް އަންގަ އެވެ. އެގޮތަށް މިނިސްޓްރީތަކާއި ކުންފުނިތަކުން އަންގަނީ އެއްވެސް އަގަކާ ނުލައި ހިލޭ ކަމަށް ޕެޓިޝަންގައި ސޮއިކުރި މީހުން ބުނެފައި ވެ އެވެ. އެހެންކަމުން، ކުންފުނިތަކަށް އެކަން ކުރަންޖެހެނީ އަމިއްލައަށެވެ.

ޕެޓިޝަންގައި ބުނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ އެޖެންސީތައް މެދުވެރިނުކޮށް، އަމިއްލަ އަށް ބިދޭސީން ގެނެވޭ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް ހުއްދަ ކުރާތީ، ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ބިދޭސީން ރެކްރޫޓް ކުރުވާ ކަމަށެވެ. އެއީ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އޭގެ ފައިދާ ނަގައި އެ ކުންފުނިތަކުގެ ކޭޝްފްލޯ އާއި ވޯކިން ކެޕިޓަލް ހޯދުމަށް ކަމަށާއި އެގޮތުން ބިދޭސީން ގެންނައިރު ސަރުކާރުގައި ބަހައްޓަންޖެހޭ ޑިޕޮޒިޓް ފައިސާ އަކީ ވަޒީފާ ދޭ ފަރާތުން ދައްކަން ލާޒިމުކުރާ އެއްޗަކަށް ވިޔަސް، ވަޒީފާ ދޭ މީހާ އެ ފައިސާ ނަގަނީ ބިދޭސީމީހާގެ އަތުންނެވެ.

ބިދޭސީ މީހާގެ އަތުން ކޮމިޝަން ނެގުމާއި އެއް ކޯޓާ އަށް އެތައް ބަޔަކު ގެނައުމަށް ފަހު، ފޮނުވައިލުމާއި ބޭނުން ނުވާ އަދަދަށް މީހުން ގެނެސް، މަގުމައްޗަށް ދޫކުރުން ފަދަ ބޮޑެތި ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގަނީ ގާނޫނާއި ގަވައިދުތަކުގައި އެޖެންސީތަކުގެ ދައުރު ހަނިކޮށް، އެޖެންސީ މެދުވެރިކޮށްގެން، ކުންފުނިތަކަށް މީހުން ގެނައުމަށް ލާޒިމްކޮށްފައި ނެތުމުން ކަމަށް ވެސް ޕެޓިޝަންގައި ބުންޏެވެ.

ޕެޓިޝަންގައި ފާހަގަކުރާ އަނެއް ކަންބޮޑުވުމަކީ އިންޑިއާގައި އެ ގައުމުގެ އެޖެންސީއެއް މެދުވެރިނުކޮށް، ފޮރިން އެމްޕްލޯއިމަންޓްގެ އެއްވެސް ކަމެއް ނުކުރެވޭއިރު، ރާއްޖޭގައި އެޑިއުކޭޝަން މިނިސްޓްރީން ބިދޭސީ ޓީޗަރުން ގެންނަން ވެސް ދިވެހި އެޖެންސީ ވިޔަފާރިތައް އެކަހެރިކޮށް އިންޑިއާގެ ދެ އެޖެންސީއަކަށް ހުއްދަ ދިނުމެވެ. އެހެންކަމުން، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެޖެންސީތަކުގެ ހައްގުތަކާ މެދު ޕެޓިޝަންގައި ވަނީ ސުވާލު އުފައްދައިފަ އެވެ.

ހެލްތު މިނިސްޓްރީން އެޖެންސީތައް މެދުވެރިކޮށް ކުރަމުން ގެންދިޔަ ރެކްރޫޓްމަންޓް ހުއްޓުވައި، އަމިއްލައަށް އެކަން ކުރުމަކީ ބަޔަކު މީހުންނަށް އެކަމުން ނާޖާއިޒު ފައިދާތަކެއް ހޯދުމަށް ކުރާ ކަމެއް ކަމަށް ވެސް ޕެޓިޝަންގައި ތުހުމަތުކޮށްފައިވެ އެވެ. އެހެންކަމުން، އެޖެންސީތައް ރެގިއުލަރައިޒް ކުރުމަށް މިހާރަށް ވުރެ ހަރުދަނާ ގާނޫނާއި ގަވާއިދުތަކެއް ހެދުމަށާއި އިތުރަށް ފާރަވެރިވުމަށް އެދިފައިވެ އެވެ.