Roadha Mihaaru
ޑްރަގް ރިހެބް ސެންޓަރު ހިންގަން އަމިއްލަ ފަރާތްތަކަށް

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ހިންގަން އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި

01 އެޕްރީލް 2021

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭނެ މަރުކަޒުތައް ހިންގަން އަމިއްލަ ފަރާތްތަކަށް އިއްޔެ ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭނެ މަރުކަޒުތައް ހިންގަން އަމިއްލަ ފަރާތްތަކަށް އިއްޔެ ހުޅުވާލައިފި އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކުރި އިއުލާނުގައި ބުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފަރުވާދޭ މަރުކަޒުތައް ގާއިމްކޮށް ހިދުމަތް ދިނުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ލިބިދީފައިވާ ކަމަށެވެ. އެހެންވެ، ރިހެބިލިޓޭޝަން ސެންޓަރެއް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެ ފަދަ މަރުކަޒެއް ހިންގުމަށް ދެ ގޮތެއް ހުށަހަޅާފައި ވެ އެވެ.

ފުރަތަމަ ގޮތަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން އިހުތިޔާރުކުރާ ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކޮށް ހިންގުމެވެ. ދެ ވަނަ ކަމަކަށް، އެންޑީއޭއިން މި ވަގުތު ހިންގާ މަރުކަޒަކާ ހަވާލުވާން ފުރުސަތު ދީފައި ވެ އެވެ.

އެންޑީއޭއިން މި ވަގުތު ބަލަހައްޓާ މަރުކަޒުތަކުގެ ތެރޭގައި ހދ. ހަނިމާދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި ހުޅުމާލޭގައި ހިންގާ ހާފްވޭ ހައުސް، ގދ. ތިނަދޫގައި ހިންގާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު އަދި ސ. ހިތަދޫގައި ހިންގާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހިމެނެ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް މި ވަގުތު ހިންގަމުން އަންނަނީ ހަމައެކަނި އެންޑީއޭއިންނެވެ. އެއާއެކު، ފަރުވާ ހޯދުމަށް ދިގު ކިއުއެއް އޮންނަކަމުގެ ޝަކުވާ އާއި އެ އެޖެންސީން ދޭ ފަރުވާ ރަނގަޅުނޫން ކަމުގެ ކަންބޮޑުވުންތައް ހިއްސާކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.

ކަމާގުޅޭ އިދާރާތަކާއެކު "ޖަޒީރާ ސައްލާ" ގެ ނަމުގައި މިދިޔަ މަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ ވިދާޅުވީ އަމިއްލަ ފަރާތްތަކުން ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒުތައް ހިންގުމަކީ މިހާރު ލަސްވެފައިވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތޮގައި އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކަށް ހުޅުވާލުމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މިހާރަށް ވުރެ ގިނައިން ފަރުވާ ދެވޭނެ ކަމަށެވެ.

"މިއީ، އަމިއްލަ ފަރާތްތަކަށް ފަރުވާގެ ފުރުސަތު ދިނީމަ އަޅުގަނޑުމެންނަށް އެކި ފެންވަރުގެ އަދި އެކި ކަހަލަ ފަރުވާގެ އޮޕްޝަންސްތައް ހުންނާނެ. އެއީ އެކި ވައްތަރުގެ އެކި ބާވަތުގެ ތަކެތި މި ބޭނުންކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ނުވަ އަހަރުކުރިން އުފެއްދި މީގެ ކުރިން ހިންގަމުން ދިޔައީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ތަނުގެ ހިންގުން ޖެންޑާގެ ދަށަށް ބަދަލުކޮށްފަ އެވެ.