Roadha Mihaaru
ހަމްޕުގެ ގޯލުން މޮޅުވެ މާޒިޔާ ލީޑުފުޅާކޮށްފި

ހަމްޕުގެ ގޯލުން މޮޅުވެ މާޒިޔާ އެއް ވަނައިގައި ލީޑުފުޅާކޮށްފި

30 މާޗް 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުން 1-0 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށް މާޒިޔާ އަލުން އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުން 1-0 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށް މާޒިޔާ އަލުން އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ލީގުގެ ދެ ވަނައިގައި އޮތް ވެލެންސިއާ އިން ރޭ ގްރީން ސްޓްރީޓްސް ބަލިކުރުމުން މިއަދުގެ މެޗަށް ނުކުތްއިރު މާޒިޔާގެ ލީޑު އޮތީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. މާޒިޔާ އަށް މިއަދު ލިބުނު ތިން ޕޮއިންޓާ އެކު އެ ޓީމުން ވަނީ 10 މެޗުން 24 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތް ވެެލެންސިއާގެ އޮތީ 10 މެޗުން 18 ޕޮއިންޓެވެ.

ޔުނައިޓެޑް ވިކްޓްރީން މިއަދުގެ މެޗަށް ނުކުތީ މިދިޔަ ހުކުރު ދުވަހުގެރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން ބަލިވި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތުން ކާޑު ހަމަވުމުގެ ސަބަބުން އެ މެޗުގައި ސަސްޕެންޝަނުގައި ހުރި ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އާއި ގްރީންއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިސްމާއިލް އީސާ (މެސީ) އާއި އަހުމަދު ރަޝީދު (އައްމަޑޭ) ވަނީ މި މެޗު ފަށައިގެން ކުޅެފަ އެވެ.

ޓްރާންސްފާ މާކެޓްގައި މާޒިޔާ އިން ގެނައި ބިދޭސީ ތިން ކުޅުންތެރިންގެ ތެރެއިން ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް އަނިޔާގައި ހުރުމުން މާޒިޔާގެ ގޯލު ބެލެހެއްޓީ ޒުވާން ކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ. މާޒިޔާގެ ޖަޕާނު މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ އާއި ސްޕެއިންގެ ޑިފެންޑަރު ޕޯޒޯ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ. ސެއިން ވިންސެންޓް ގައުމީ ޓީމަށް ރިލީސްކޮށްފައިވާތީ މާޒިޔާގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި ޓީމާ ނުގުޅެ އެވެ.

މާޒިޔާގެ ޔާމްބެ (މ) ޔުނައިޓެޑް ވިކްޓްރީގެ ވިސާމް (ކ) އާއި ޗުމްޕު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާްން އަލީ/ މިހާރު

މާޒިޔާގެ ޔާމްބެ (މ) ޔުނައިޓެޑް ވިކްޓްރީގެ ވިސާމް (ކ) އާއި ޗުމްޕު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާްން އަލީ/ މިހާރު

މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ޔުނައިޓެޑް ވިކްޓްރީގެ އީސަ އެވެ. ހިލޭޖެހުމަކުން އީސަ ޖެހި ޝޮޓް ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ. މާޒިޔާގެ ފުރަތަމަ ހަމަލާ ފެނުނީ 14 ވަނަ މިނިޓްގަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ތިން ކުޅުންތެރިއަކު ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހަމްޕު ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ޔުނައިޓެޑް ވިކްޓްރީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސްކޮށްގެން ފުރަތަމަ ހާފުގައި ކުޅުނުއިރު މާޒިޔާ އަށް ލަނޑު ޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ނުލިބެ އެވެ. ކައުންޓަ އެޓޭކުގައި ޔުނައިޓެޑް ވިކްޓްރީގެ އައްމަޑޭ އަށް ފުރަތަމަ ހާފުގެ ފަހު ކޮޅުގައި މާޒިޔާ އޭރިއާ ކައިރިން ލިބުނު ބޯޅައެއް އޭނާ ވަނީ އޭރިއާތެރޭގައި ހުރި އެ ޓީމުގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފަށް ދީފަ އެވެ. އޭނާ އަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވުމުން އެ ފުރުސަތު ގެއްލުނީ އެވެ.

މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 59 ވަނަ މިނިޓްގައި މުހައްމަދު އުމެއިރަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާތެރެއިން މުޅިން ހުސްކޮށް އުމެއިރަށް ލިބުނުއިރު ކައިރީގައި ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރެއް ނެތެވެ. އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރެފައި އުމެއިރު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މާޒިޔާގެ ގޯލު ޖެހީ މެޗުގެ 73 ވަނަ މިނިޓްގައި ހަމްޕު އެވެ. ޔުނައިޓެޑް ވިކްޓްރީގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާތެރެއަށް ވަދެ ހަމްޕު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ. އެ ބޯޅަ ހުއްޓުވަން ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަލީ ނާޖިހަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ދެ ވަނަ ގޯލެއް ޖަހަން މެޗުގެ 84 ވަނަ މިނިޓްގައި މާޒިޔާގެ އަސަދުﷲ އަބްދުﷲ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅަ އަވަސްކޮށްލައިގެން ޔުނައިޓެޑް ވިކްޓްރީން އުފެއްދި އެޓޭކެއްގައި އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ހޯދި އެވެ.

އޭރިއާބޭރުން ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ނިޒާމް (ނިޒާމްބެ) ޖެހި ބޯޅަ ކީޕަރު ހުސެއިން އަތުގައި ޖެހިފައި ލިބުނީ އޭރިއާތެރެއިން ޔުނައިޓެޑް ވިކްޓްރީގެ އަލީ ހައިޝަމް (ޗުމްޕު) އަށެވެ. އޭނާ ޖެހި ބޯޅައިގައި ބާރެއް ނެތްއިރު ކީޕަރު ހުސެއިން ވަނީ އެ ބޯޅަ އަތަށް ނަަގައިފަ އެވެ.

އަށް ޓީމު ވާދަކުރާ ލީގުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ މިއަދުގެ މެޗުން ބަލިވިއިރު، ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ އެއީ އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް 10 މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ލީގުގެ ފުރަތަމަ ބުރުގައި ޔުނައިޓެޑް ވިކްޓްރީ ވަނީ މާޒިޔާ އަތުން 4-0 އިން ބަލިވެފަ އެވެ. މިއަދުގެ މެޗުން ޔުނައިޓެޑް ވިކްޓްރީ ކުޑަ ތަފާތަކުން ބަލިވިއިރު، ސާންތީ އަށް ލިބުނު ހިތްހަމަޖެހުމަކީ ކުޅުންތެރިންގެ ފަރާތުން އެ ފެނުނު ހިތްވަރެވެ.

ޔުނައިޓެޑް ވިކްޓްރީގެ ޝަމާލް (ވ) ކައިރިން މާޒިޔާގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނައިޓެޑް ވިކްޓްރީގެ ޝަމާލް (ވ) ކައިރިން މާޒިޔާގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވަރަށް ހިތްހަމަޖެހިފައި އަސްލު ބަލިވިޔަސް. ދެން 1-0 ކަހަލަ ނަތީޖާއެއް މާޒިޔާ ކަހަލަ ޓީމަކާ އެކު ނަތީޖާާ ގޯހެއް ނޫން. ކުޅުންތެރިން ކުރި ހިތްވަރު ބޭނުން ކޯޗެއްގެ ހައިސިއްޔަތުން ފާހަގަކޮށްލަން. އަޅުގަނޑު ބޭނުންވި ގޭމް ކުޅެފި. ދެން އަޅުގަނޑުމެން އެކްސްޕެކްޓް ނުކުރާ ދެ ޗޭންޖް (އަނިޔާއާ ހެދި ކުރަން ޖެހުނު ދެ ބަދަލު) ވެސް އައީ އަވަހަށް. އިރާދަކުރެއްވިއްޔާ މި މެޗަކީ ޓީމު މޯޓިވޭޓް ވެލަން ލިބުނު މެޗެއްގެ ގޮތުގައި ނަގާނީ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ މި މެޗުގައި ހަމްޕު ޖެހި ގޯލުން އެ ފެނުނީ ރަނގަޅު ކޮލިޓީ ކުޅުންތެރިން ތިބުމުގެ ފައިދާ ކަމަށެވެ. ގޯލެއް ޖަހަން ބަލާއިރު ޔުނައިޓެޑް ވިކްޓްރީގެ ޗުމްޕު އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ކަމަށް ސާންތީ ބުންޏެވެ.

"ޗުމްޕު އަށް އެ ލިބުނު ބޯޅަ ވެސް މިސާލަކަށް އަޅުގަނޑު ބުނާނީ ހަމްޒާ (ހަމްޕު) މެން ކަހަލަ ކުޅުންތެރިއަކަށް އެ ބޯޅަ 10 ފަހަރު ލިބިއްޖިއްޔާ ނުވަ ފަހަރު ވެސް އިންނާނީ އެތެރޭގައި. އަޅުގަނޑުމެން ތެރޭގައި ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ކުޅުންތެރިން މަދީ،" ސާންތީ ބުންޏެވެ.

މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނީ ހަގީގަތުގައި އެހާ ދުވަހަށް ފަހު މެޗެއް ކުޅުމުން ވަރަށް ބޮޑެތި އުނދަގޫތަކެއް ކުޅުންތެރިންނަށް ކުރިމަތިވި ކަމަށެވެ. ދަނޑުގެ ހާލަތު އެއީ އެއް ސަބަބު ކަމަށާއި އަދި ވަރަށް ހޫނު ދުވަހެއް ކަމަށްވުމުން ބޭނުންވާ ލެވަލަކަށް ކުޅެން ހުރި ގޮންޖެހުންތައް އިތުރުވިކަން ވިޑަކޮވިޗް ފާހަގަކުރި އެވެ.

"ހަގީގަތުގައި ވަރަށް އުނދަގޫ މެޗެއް މި ނިންމާލީ. ދެން މި ނަތީޖާއާ މެދު ހިތްހަމަޖެހޭ. އެއީ މޮޅެއް ލިބުން އެއީ ހިތްހަމަޖެހުމެއް. އިންޑިވިޖުއަލީ ހަމްޒާގެ ފަރާތުން އެ މޮޅު ގޯލު މި ފެނުނީ. ޓީމުގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު ބޯޅަ އަވަސް ކޮށްލައިގެން ޕާސިން ގޭމެއް ކުޅެވޭނެ ހާލަތުގައެއް ނޫން ގިނަ ކަންތައްތައް ހުރީ. ހޫނަގަދަވުމުގެ ސަބަބުން އެ ހުންނަ އުނދަގުލަކީ އަހަރެމެންގެ ކޮންޓްރޯލުން ބޭރުގައި ހުރި ކަންތައްތައް. އެ ހުރިހާ ގޮންޖެހުންތަކަކާ އެކީ ވެސް ކުރިއަށް މި އެޅުނީ ފިޔަވަޅެއް،" ވިޑަކޮވިޗް ބުންޏެވެ.

މި މެޗުގައި މާޒިޔާގެ މެދުތެރޭގައި ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީގެ ފަރާތުން ފެނުނު ކުޅުން ރަނގަޅު ކަމަށާއި މިއީ ފާއިތުވި ފަސް މަސް ތެރޭގައި އޭނާ ކުޅުނު ފުރަތަމަ މެޗަށްވާއިރު، ޓީމުގެ ކުޅުންތެރިންނާ ގުޅިގެން އޭނަ ކުރި މަސައްކަތް ވިޑަކޮވިޗް ވަނީ ބަލައިގެންފަ އެވެ. ޓަކާޝީ އަކީ ވިޑަކޮވިޗާ އެކު ފިލިޕީންސްގެ ސެރެސް އަށް ކުޅުނު ކުޅުންތެރިއެކެވެ.