Roadha Mihaaru
ޔޫވީ ބަލިކޮށް ޗެމްޕިއަން މާޒިޔާ އަށް ފުރިހަމަ ފެށުމެއް

ޔޫވީ ބަލިކޮށް ޗެމްޕިއަން މާޒިޔާ އަށް ފުރިހަމަ ފެށުމެއް

13 ޑިސެމްބަރ 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 4-0 އިން ހޯދި މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން މި ފަހަރުގެ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 4-0 އިން ހޯދި މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން މި ފަހަރުގެ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މާޒިޔާ ކުޅުނީ މިދިޔަ އަންގާރަ ދުވަހު ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް އީގަލްސް އަތުން ބަލިވި މެޗުގައި ނެރުނު ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ޔުނައިޓެޑް ވިކްޓްރީންނެވެ. މެޗު ފަށައިގެން 56 ސިކުންތު ތެރޭގައި ޔުނައިޓެޑް ވިކްޓްރީގެ އަލީ ހަމްދާން (އައްޔަ) ޖެހި ބޯޅަ މާޒިޔާ ކީޕަރު ނިކޮލަ ވުޔަނަކް ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އިން ފުރަތަމަ 10 މިނިޓް ތެރޭ ލަނޑު ޖަހަން ލިބުނު ދެ ފުރުސަތު ވަނީ ނަގާލައިފަ އެވެ. ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ޖެހި ބޯޅައެއް ބޭރަށް ދިޔައިރު، ހަސަން ނާއިޒު (ދާދު) ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ރުސްލާން އާމިރޯވް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 28 ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑުނަގައިދޭން ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މުހައްމަދު އުމެއިރު ހުސްކޮށްލާފައި އަސަދުﷲ އަށް ދިން ބޯޅަ އޭނާ ވަނީ ތިރިތިރިން ފޮނުވާލައިފަ އެވެ. އެ ބޯޅަ ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ. އޭގެ ހަ މިނިޓް ފަހުން މެޗުގެ 34 ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑުނަަގައިދިނީ އުމެއިރު އެެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހުސްކޮށްލާފައި ދިން ބޯޅަ ހޯދުމަށް ފަހު އޭރިއާ ތެރެއިން އުމެއިރު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 40 ވަނަ މިނިޓްގައި މާޒިޔާ އިން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މި ގޯލު ޖެހީ އަމްދާން އަލީ (އެންޑީ) އެވެ. އިބްރާހިމް އައިސަމް ކޯނަރަކުން ނަގައިދިން ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ އަލީ ޝަމާލް ބޮލުގައި ޖެހިފައި އެންޑީ އަށް ލިބުމުން އޭނާ ބޮލުން ފޮނުވާލުމުން ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

މާޒިޔާ އިން ދެ ވަނަ ހާފް ފެށީ ފޭދޫ އިއްބެގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕު) ކުޅެން އަރުވައިގެންނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ކުރި ޓެކްލްއަކުން އަނިޔާވެގެން ފޭދޫ އިއްބެ ވަނީ ފަރުވާ ހޯދައިފަ އެވެ.

ދެ ވަނަ ހާފްގައި މާޒިޔާގެ ފުރަތަމަ ހުސް ފުރުސަތު ލިބުނީ އަސަދުﷲ އަށެވެ. މެޗުގެ 53 ވަނަ މިނިޓްގައި މުހައްމަދު އިރުފާން (އިރޭ) ޔުނައިޓެޑް ވިކްޓްރީގެ މެދުތެރެއިން ހޯދި ބޯޅައެއް އަސަދުﷲ އަށް ލިބުމުން އޭނާ އޭރިއާ ރޮނގުކައިރިން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އެކަމަކު މެޗުގެ 66 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އަސަދުﷲ ވަނީ މާޒިޔާ އަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. މިއީ އުމެއިރަށް އޭރިއާ ތެެރެއިން ބަކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް މެޗުގެ 68 ވަނަ މިނިޓްގައި ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. މި ހާފްގައި ޔުނައިޓެޑް ވިކްޓްރީން ފުރަތަމަ ހާފުގައި ދެއްކި ވަރުގެ ކުޅުމެއް ނުދެއްކުނެވެ.

މެޗުގެ 71 ވަނަ މިނިޓްގައި މާޒިޔާގެ ހަތަރު ވަނަ ގޯލު ޖެހީ އަސަދުﷲ އެވެ. މިއީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ރުސްލާން އަމިރޯވް އާއި ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފް ހެދި ގޯހެއްގެ ފައިދާނަގައި އަސަދުﷲ ޖެހި ގޯލެކެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު އޭގެން އެއްވެސް ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗަށް ނުކުތްއިރު ހުރިހާ ފޯކަސް އެއް ހުރީ ތިން ޕޮއިންޓް ހޯދައި ފެށުން ރަނގަޅު ކުރުމަށް ކަމަށެވެ. އެކަން ހާސިލްވީ ބޭނުންވި ގޮތަށް ރަނގަޅު ނަތީޖާ އަކާ ކަމަށާއި ފުރުސަތު ދިން ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކައި މުޅި ޓީމު އެއް ރޫހެއްގައި ނުކުމެ ހޯދި މި ކާމިޔާބީގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ނިޒާމްބެ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ވަރަށް ރަނގަޅަށް މެޗު ފަށައިގެން ކުޅުމަށް ފަހު މާޒިޔާ އިން ގޯލެއް ޖެހި ހިސާބުން ޔުނައިޓެޑް ވިކްޓްރީގެ ފަހަތުން ގޯސްތަކެއް ހެދިގެން ދިޔަ ކަމަށެވެ. ލީގުގެ ފުރަތަމަ މެޗާ ބަލާއިރު ކުޅުން ގޯހެއް ނޫން ކަމަށާއި މާޒިޔާ އަކީ ރާއްޖޭގެ އެންމެ މޮޅު ޓީމު ކަމަށްވުމުން އެ ޓީމާ ދެކޮޅަށް ހެދޭ ކޮންމެ ގޯހެއްގެ ގެއްލުން ވެސް ދައްކާނެ ކަމަށް މުހައްމަދު ބުންޏެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް ބައްދަލުކުރާނީ މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.