Roadha Mihaaru
އެއްބަސްވުން ބާތިލްކޮށް ފައިސާ ހޯދަން ހެލްތަށް ވަނީ އަންގާފައި

ވެންޓިލޭޓަރު އެއްބަސްވުން ބާތިލްކޮށް ފައިސާ ހޯދަން ހެލްތަށް ވަނީ އަންގާފައި

29 މާޗް 2021

ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވި އެއްބަސްވުން ބާތިލްކޮށް، އާބިޓްރޭޝަން މެދުވެރިކޮށް ފައިސާ ހޯދަން ހެލްތު މިނިސްޓްރީ އަށް އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވި އެއްބަސްވުން ބާތިލްކޮށް، އާބިޓްރޭޝަން މެދުވެރިކޮށް ފައިސާ ހޯދަން ހެލްތު މިނިސްޓްރީ އަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮވިޑު-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދޭން ބޭނުންވާ ވެންޓިލޭޓަރުތައް ގަންނަން ހެލްތު މިނިސްޓްރީން އެގްޒެކިއުޓާސް އެކު ހަދާފައިވާ އެއްބަސްވުން އުވައިލަން އެންގީ މިދިޔަ އޮކްޓޯބަރުގައި ކަމަށެވެ. އެ އަށް ފަހު، އާބިޓްރޭޝަން މެދުވެރިކޮށް ދައުލަތަށް އެ ފައިސާ ހޯދަން ވެސް ފިނޭންސުން އެންގި އެވެ.

އެގްޒެކިއުޓާސްއާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދާށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. އެކަމަކު ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދުކަމުން އެ ގަބޫލެއްނުކުރެ އެވެ. އެއްބަސްވުމުގައި ބުނާގޮތުން ނަމަ ރާއްޖެއަށް އަދި ވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރް މުހައްމަދު ނާޝިޒު ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ގޮތާ މެދު ހެލްތުން އަމަލުކުރި ގޮތެއް ހޯދަން އެދިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނީ އެކަމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން އަމަލުކޮށްފައިވާ ގޮތް ހޯދުމަށްޓަކައި، އެ މައުލޫމާތު ހޯދަން އެ ފަރާތަށް އެދިފައި. އަޅުގަނޑަށް ފާހަގަކޮށްލެވޭ ކަމަކީ، މިއަދާ ހަމައަށް ވެސް ތަހުގީގަށް ވެސް އަދި މަޖިލީހުގެ ކޮމިޓީން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ވެސް އެއްވެސް ހުރަހެއް ސަރުކާރުން އަޅުއްވާފައެއް ނުވޭ. އަދި ފުރިހަމައަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭކަން ފާހަގަކުރަން،" ވެންޓިލޭޓަރުގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް އިޝާރަތްކުރައްވައި ނާޝިޒު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މި މަހުގެ 6 ގައި ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުތައް ލިބޭނެ ސީދާ ތާރީޚެއް އަދިވެސް ނޭނގޭ ކަމަށެވެ. އަދި ދުބާއީގެ ކުންފުނީގެ އަމަލުތައް ހުރި ގޮތުން އެ އެއްޗެހި ލިބޭނެހެން ހީނުވާތީ އެކަމުގައި އެހެން ގޮތަކަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދެން ކުރިއަށްދާނެ ގޮތުގެ ލަފައަކަށް ހެލްތުން އެދުމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ލަފާ ވެސް ދެއްވައިފަ އެވެ. އެކަމަކު އެ ލަފައިގެ ތަފުސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއްނުކުރެ އެވެ.