Roadha Mihaaru
ރޭޕްގެ މައްސަލައިގައި ޖެންޑާގެ އިތުރު ބަހެއް ނެތް

ރޭޕްކުރި ކަމަށް ބުނާ ކުއްޖާގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިތުރު ބަހެއް ނެތް

28 މާޗް 2021

މި މަހުގެ ކުރީކޮޅު އުތުރުގެ ރަށެއްގައި، އުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ގިނަ ސުވާލުތަކެއް އުފެދިފައިވީ ނަމަވެސް، އެކަމާ ގުޅޭގޮތުން މި ވަގުތު ދެން އިތުރަށް ހާމަކުރާނެ މައުލޫމާތެއް ނެތް ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި މަހުގެ ކުރީކޮޅު އުތުރުގެ ރަށެއްގައި، އުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ގިނަ ސުވާލުތަކެއް އުފެދިފައިވީ ނަމަވެސް، އެކަމާ ގުޅޭގޮތުން މި ވަގުތު ދެން އިތުރަށް ހާމަކުރާނެ މައުލޫމާތެއް ނެތް ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ގްރޭޑް އަށެއްގައި ކިޔަވާ އެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރަނީ، އޭނާ ކިޔަވާ ސްކޫލުގެ ޓީޗަރަކަށެވެ. އެކަން ކުރީ ސްކޫލު ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި އެ ވާހަކަ ބުނެފި ނަމަ މަރައިލާނެކަމުގެ އިންޒާރު ވެސް ދިން ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ. މިކަމާ ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާތީ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެކަމާ ދެކޮޅަށް އެ ރަށުގައި ގިނަ ބަޔަކު މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު ފުލުހުން ބުނަނީ ވަކި މީހަކު ހައްޔަރު ކުރާވަރަށް އަދި އެ މައްސަލައިގައި ހެކި ނުލިބޭ ކަމަށެވެ.

މި މައްސަލައިގައި ޖެންޑާ މިނިސްޓްރީން މިހާތަނަށް ބުނީ އެކަން އެ މިނިސްޓްރީ އަށް ހުށަހެޅުމާއެކު އެންމެ އިސްކަމެއް ދިނީ ކުޑަކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި އޭރުން ފެށިގެން އެ ކުއްޖާ އަށް ރައްކާތެރި މާހައުލެއް ފަހިކޮށްދީފައިވާ ކަމަށެވެ. ގުޅުން ހުރި މުއައްސަސާތަކާއެކު، އެ މައްސަލަ ތަހުގީގުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ކުއްޖާގެ ހާލަތު ބަލަމުން ގެންދާ ކަމަށް އެތަނުން ބުނެފައި ވެ އެވެ.

އެކަމަކު މި މައްސަލައިގައި އަދި ސާފުނުވާ ގިނަ ކަންތައްތަކެއް ހުއްޓެވެ. ޖެންޑާ މިނިސްޓްރީ އަށް މިކަމުގެ ރިޕޯޓް ލިބުމާ އެކީގައި އެ ރަށުގެ ހެލްތު ސެންޓަރުން މައުލޫމާތު ސާފުކުރިތޯ އާއި އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރިތޯ ބެލުމަށް އޭރު ޓެސްޓު ހެދިކަމެއް ސާފެއް ނުވެ އެވެ. އެ ކުއްޖާ ޑޮކްޓަރަށް ދެއްކިކަން، އޭރު ޖެންޑާ މިނިސްޓްރީން ޔަގީން ކުރިކަމެއް ވެސް ނޭނގެ އެވެ. ފުލުހުން އެ ކުއްޖާ މާލެ ގެނައީ، އެކަން ރިޕޯޓުކުރިތާ 10 ދުވަސް ފަހުން ކަމުން، އޭނާ ރައްކާތެރި މާހައުލަކަށް ނުގެނެސް ހުރީ ކީއްވެ ކަމެއް ވެސް ސާފެއް ނުވެ އެވެ.

މި ސުވާލުތައް ޖެންޑާ މިނިސްޓްރީ އަށް ކުރި ނަމަވެސް އެތަނުގެ ޖަވާބަކަށްވީ، މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އިތުރު ތަފްސީލު ހާމަކުރުމަކީ، ތަހުގީގަށް ބުރޫއަރާނެ ކަމެއް ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ މައްސަލަތަކުގައި މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

"މި މައްސަލައިގައި މިވަގުތު ދެން އިތުރަށް ބުނާނެ ވާހަކައެއް ނެތް،" ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކުޑަކުއްޖާ ރޭޕްކުރި ކަމަށް ބުނާ މި މައްސަލައިގައި ފުލުހުން ވެސް އިތުރު ވާހަކައެއް ނުދައްކަ އެވެ.

މި މައްސަލަ ދައުލަތުން ބަލާ ގޮތް، މޮނީޓާ ކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި، މި ފަދަ ހާދިސާތައް ހުއްޓުވުމަށް، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރަދަނާ ކުރަން ޖެހެ އެވެ. އެއާއެކު ދައުލަތުގެ މުއައްސަސާތަކުން، ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ވެސް ބުންޏެވެ.