Roadha Mihaaru
"ކަޕިލް ޝަރުމާ ޝޯ" އަށް އެކްޓަރުންނާއި ލިޔުންތެރިން ހޯދަނީ

"ދަ ކަޕިލް ޝަރުމާ ޝޯ" އަށް އެކްޓަރުންނާއި ލިޔުންތެރިން ހޯދަނީ

28 މާޗް 2021

މިދިޔަ މަހުން ފެށިގެން މެދުކަނޑާލާފައި އޮތް ސޮނީ ޓީވީގެ މަގުބޫލު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަށް އާ އެކްޓަރުންނާއި ލިޔުންތެރިން ހޯދަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުން ފެށިގެން މެދުކަނޑާލާފައި އޮތް ސޮނީ ޓީވީގެ މަގުބޫލު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަށް އާ އެކްޓަރުންނާއި ލިޔުންތެރިން ހޯދަން އިއުލާންކޮށްފި އެވެ.

ސަލްމާން ޚާންގެ އެސްކޭ ޓީވީއާ ގުޅިގެން އެ ޝޯ ގެނެެސްދޭ ބަނިޖޭ އޭޝިއާ އިން ކުރި ޓްވީޓެއްގައި ބުނީ ލިޔުންޔެރިންނާއި އެކްޓަރުންގެ ގޮތުގައި ޝޯއާ ގުޅެން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ޓްވީޓް ރިޓްވީޓްކޮށް ކަޕިލްގެ އޭނާގެ ސަމާސާ މިޒާޖުގައި ބުނީ އޭނާ ހުރީ ޝޯ އަށް ހޮވިފައި ކަމަށާއި ދެން އޮތީ އެހެން މީހުން ޝޯއާ ގުޅުމުގެ ފުރުސަތު ކަމަށެވެ.

އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ކަޕިލް ޝަރުމާ ޝޯ" ގެނެސްދިނުން މެދުކަނޑާލުމުން ފޭނުން ވަރަށް ބޮޑު މާޔޫސް ކަމެއްގެ ތެރޭގައި ތިއްބައި ޝޯއާ ގުޅޭ އާ ވާހަކައެއް އޭގެ ޓީމުން ހިއްސާކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެހެންވެ އަލުން ޝޯ ގެނެސްދޭން ފަށާ އިރު، ކަޕިލްއާ އެކު އިތުރު ހުނަރުވެރިންތަކެއް ފެންނާނެކަން މިހާރު ކަށަވަރެވެ.

ކަޕިލް ބުނެފައިވާ ގޮތުގައި ޝޯ މެދުކަނޑާލީ ދެވަނަ ދަރިއާ އެކު އާއިލާ އަށް ވަގުތު ދިނުމާއި ބުރަކަށީގެ ސިއްހީ މައްސަލައަކަށް ފަރުވާ ހޯދުމުގެ ގޮތުންނެވެ. އެހެންވެ އޭނާ ބުނެފައި ވަނީ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ މެދުކެނޑުމަކީ ކުޑަ ދުވަސްކޮޅެއްގެ ކަމެއް ކަމަށެވެ.

ކަޕިލްއާ އެކު ޝޯގައި ހިއްސާވާ ފަންނާނުންގެ ތެރޭގައި ކުރުޝްނާ އަބީޝެކް، ކިކޫ ޝްރަދާ، ބާރްތީ ސިންގް، ސުމޯނާ ޗަކްރަވަތީ، ޗަންދަން ޕްރަބާކަރް އަދި އަރްޗަނާ ޕްރާން ސިންގް ހިމެނެ އެވެ. "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ސޮނީން ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދެމުން ދިޔަ ޝޯއެކެވެ.

މި ޝޯ މެދުކަނޑާލި އިރު ކަޕިލް ވަނީ ނެޓްފްލިކްސްގެ ޝޯއަކަށް ވެސް ސޮއިކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އޭގެ ޝޫޓިން އަންނަ މަހު ދުބާއީގައި ފަށާނެ އެވެ.