Roadha Mihaaru

ހަތް އަހަރު ކުރިން ވަކިކުރި ސިފައިންގެ އޮފިސަރަކަށް އަލުން ވަޒީފާދޭން ހުކުމްކޮށްފި

މީގެ ހަތް އަހަރު ކުރިން ސިފައިންގެ ވަޒީފާ އިން ވަކިކުރި އިސް އޮފިސަރަކަށް އަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހަތް އަހަރު ކުރިން ވަކިކުރި އޮފިސަރަކަށް އަލުން ވަޒީފާ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

18 މާޗް 2021

މީގެ ހަތް އަހަރު ކުރިން ސިފައިންގެ ވަޒީފާ އިން ވަކިކުރި އިސް އޮފިސަރަކަށް އަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސިފައިންގެ ކެޕްޓަނެއްގެ ރޭންކުގައި ހުރި އަބްދުލް މުއިޒް މުސްތަފާ ނޮވެމްބަރު، 2013 ގައި ވަޒީފާ އިން ވަކިކުރީ އޭރުގެ ބްރިގޭޑިއާ ޖެނެރަލް އަދިި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލުއާ ބައިވެރިވެގެން ސިފައިންގެ ތެރޭގައި ބައިބައިވުން އުފައްދައި، ނުރައްކާތެރި އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި މުއިޒުއާ އެކު ޝަމާލު ވެސް ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް ޑިސެމްބަރު، 2018 ގައި ހައި ކޯޓުން ކުރި ހުކުމަކާ އެކު ޝަމާލަށް އަލުން ވަޒީފާދީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ވަނީ އައްޔަންކޮށްފަ އެވެ.

ސިފައިންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ވަޒީފާ އަނބުރާ ހޯދަން މުއިޒްގެ ފަރާތުން 2014 ގައި ދައުވާ ކުރުމުން 2016 ގައި ސިވިލް ކޯޓުން ނިންމީ ވަޒީފާ އަނބުރާ ނުދިނުމަށެވެ. އަދިި ނޮވެމްބަރު، 2018 ގައި ހައި ކޯޓުން ވެސް އޮތީ އެ ހުކުމް ދަމަހައްޓައިފަ އެވެ.

އެ މައްސަލަ މުއިޒްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ. އޭނާ ނުހައްގުން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

މުއިޒް ވަކިކުރީ ރަނގަޅަށް ކަމަށް ބުނެ ދައުލަތުން ސިވިލް ކޯޓާއި ހައި ކޯޓުގައި ވަކާލާތު ކުރިޔަސް، ސުޕްރީމް ކޯޓުގައި ދައުލަތުން ވަނީ އޭނާ ވަކިކުރީ ގޯސްކޮށް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ނަގައި ދިނުމުގެ ބަދަލުގައި ދޭން ޖެހޭނީ އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތައް ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދެވެ.