Roadha Mihaaru
ޔޫޓީއެފް މައްސަލައިގައި ހުށަހެޅި ތުހުމަތު ނުބަލަން ނިންމައިފި

ޔޫޓީއެފް އެގްރިމެންޓާ ގުޅިގެން އެމްއެންޑީއެފްގެ އިސްވެރިންގެ މައްސަލަ ނުބަލަން ނިންމައިފި

18 މާޗް 2021

އުތުރު ތިލަފަޅު (ޔޫޓީއެފް)ގެ އެގްރިމެންޓާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން އެ ތަނުގެ އިސްވެރިންނަށް ތުހުމަތުކޮށް އަމިއްލަ މީހަކު ހުށަހެޅި މައްސަލަ ނުބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުތުރު ތިލަފަޅު (ޔޫޓީއެފް)ގެ އެގްރިމެންޓާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން އެ ތަނުގެ އިސްވެރިންނަށް ތުހުމަތުކޮށް އަމިއްލަ މީހަކު ހުށަހެޅި މައްސަލަ ނުބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލަކު ވަނީ އެމްއެންޑީއެފްގެ އިސްވެރިންނާ ގުޅޭގޮތުން މިއަދު މައްސަލައެއް ހުށަހަޅާފައިވާކަން ޔަގީންކޮށްދީފަ އެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އުތުރު ތިލަފަޅުގައި ކޯސްޓްގާޑު ބަނދަރެއް ހެދުމަށް މިދިއަ މަހު 21 ގައި އިންޑިއާއެކު އެއްބަސްވުމުގައި ސޮއިކުރަން ރިޝްވަތު ނެގި ކަމަށް ބުނެ ހުށަހެޅި މައްސަލަ ދިރާސާކުރުމަށް އެ މައްސަލަ ނުބަލަން ނިންމީ، އެ ޝަކުވާގައި ކޮރަޕްޝަންގެ ތުހުމަތު ކޮށްފައި ނެތުމުންނެވެ. އަދި އެއީ ކޮރަޕްޝަންގެ މައްސަލައެއްގެ ގޮތުގައި އެކަން ބެލޭނެ ކަމަށް ޝަކުވާގެ ބަޔާނުގައި ނެތުމަކީ ވެސް އެ މައްސަލަ ނުބަލައި ދޫކޮށްލި ސަބަބެއް ކަމަށް އެނގިފައި ވެ އެވެ.

ޔޫޓީއެފްގެ މައްސަލަ ހޫނުވެފައިވަނީ އެ އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީއެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ ހޯމަ ދުވަހު ލިޔުންތަކެއް ލީކްކުރެއްވުމުންނެވެ. ޑިފެންސް މިނިސްޓްރީން ވަނީ އެއީ އަސްލެއް ނެތް ލިޔުންތަކެއް ކަމަށް ބުނެފަ އެވެ.

އެމްއެންޑީއެފްގެ އިސްވެރިންނަށް ކުރާ ރިޝްވަތުުގެ ތުހުމަތުގެ މައްސަލަ ނުބަލަން އޭސީސިން ނިންމިއިރު، އެ ބޭފުޅުންނަށް 20 މިލިއަން ޑޮލަރު ބެހި ކަމަށް ބުނެ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ރިޕޯޓުކޮށްފައި ވެ އެވެ.

ނަމަވެސް އެމްއެންޑީއެފްގެ ލީޑަޝިޕުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ހުރިހާ ކަމެއް ދޮގުކޮށްފައި ވެ އެވެ.

އެ ނިއުސް ކޮންފަރެންސްގައި ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގު ވިދާޅުވީ ސިފައިންނަކީ ލާރިކޮޅަކަށް ވިކޭނެ ބައެއް ނޫން ކަމަށެވެ. އެއަށް ވުރެ ކްރެޑިބިލިޓީ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ،

"އަޅުގަނޑުމެންނަކީ ލާރިކޮޅަކަށް، ދެހާސް ވަރަކަށް ޑޮލަރަށް ވިކިގެންދާނެ ބައެއް ނޫން. އެއަށް ވުރެ ކްރެޑިބިލިޓީ ބޮޑުވާނެ،" ދިވެހި ސިފައިންގެ އެންމެ ޖެނެރަލަކު ފިޔަވައި، އެހެން ހުރިހާ ޖެނެރަލުން ބޭއްވެވި ނޫސްވެރިންްގެ ބައްދަލުވުމުގައި ހާމިދު ވިދާޅުވި އެވެ.