Roadha Mihaaru
ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިންނެއް ނުތިބޭނެ

ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިންނެއް ނުތިބޭނެ

06 ފެބުރުއަރީ 2019

އިންޑިއާގެ އެހީގައި ރާއްޖޭގައި ރާޑަރުތައް ބެހެއްޓުމުގެ މަސައްކަތް 2005 ވަަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށާއި އެ ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިން ތިބެން ހަމަޖެހިފައި ނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑިއާގެ އެހީގައި ރާއްޖޭގައި ރާޑަރުތައް ބެހެއްޓުމުގެ މަސައްކަތް 2005 ވަަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށާއި އެ ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިން ތިބެން ހަމަޖެހިފައި ނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ކޯސްޓްގާޑް ބިލްޑިންގްގައި ބޭއްވި ނޫސްކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި ގޮތުގައި، ރާޑަރުތައް ބެހެއްޓުމަކީ މިއަށްވުރެ ވެސް އަވަހަށް ކުރަން ޖެހިފައި އޮތް ކަމެކެވެ. ރާޑަރުތަކުގެ މުހިއްމުކަން ބޮޑީ ރާއްޖެ ސަރަހައްދަކީ ގާނޫނާ ހިލާފު ގިނަ ކަންތައްތަކެއް ހިނގާ ސަރަހައްދަކަށް ވާތީ އެކަންތައްތައް ހުއްޓުވަން ކަމަށް އޭނާ ވިދާޅުވި އެވެ. ރާޑަރުތައް ބަހައްޓާނެ ތަންތަން ކަނޑައެޅީ ވެސް ރާއްޖޭން ކަމަށާއި އެގޮތުން ބަހައްޓަން ނިންމާފައި ވަނީ ސްޓްރެޓީޖިކް ގޮތުން މުހިއްމު ތަންތަނުގައި ކަމަށް ޝަމާލް ވިދާޅުވި އެވެ.

"އިސްތިރާޖީ (ސްޓްރެޓީޖިކް) ގޮތުން ބަލާފައި އުތުރުން ފެށިގެން ދެކުނާ ހަމައަށް މުހިއްމު ރަށްރަށުގައި. އެގޮތުން ގަމުގައި އެބަހުރި. ލ.އަތޮޅު ކައްދޫގައި އެބަހުރި. އުތުރުން އުލިގަމުގައި އެބަހުރި، މަކުނުދޫގައި އެބަހުރި. ދެން ބައެއް ތަންތަނަކީ މިހާރު ބިނާކުރަމުންދާ ތަންތަން،" އޭނާ ވިދާޅުވި އެވެ.

ރާޑަރުތައް ބަލަހައްޓަން ސިފައިން ބައިތިއްބަން އިންޑިއާ އިން އެދިފާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަަކަތަކާ ގުޅިގެން އުފެއްދި ސުވާލަށް ޖަވާބު ދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ އިންޑިއާ ސިފައިން ހަރަކާތްތެރިވާނީ ރާޑަރުތައް އިންސްޓޯލްކުރަން އެކަނި ކަމަށެެވެ.

"މީގެ ކުރީގައި ބެހެއްޓިފައި ހުރި ތިން ރާޑަރު މިހާރު އޮޕަރޭޝަނަލްކޮށް އެހެރީ. ޖުމްލަ ދިހަ ރާޑަރު މި އަންނަނީ. މިހާރު ބެހެއްޓިފައި ހުރި އެއްވެސް ރާޑަރެއް ބެހެއްޓުމަށް ފަހު އޭގެ އޮޕަރޭޝަންގައި، އޭގެ މެއިންޓެނެންސް، އޭގެ ބެލެހެއްޓުމުގައި، މިއިން އެއްވެސް މަސައްކަތެއްގައި އިންޑިއާގެ ސިފައިންގެ މީހަކު ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ ރާޑުތައް ބަހައްޓައި ނިމުމުން ނެޓްވޯކެއް ގާއިމްކޮށް، ރާޑަރުތައް ބޭނުންކޮށްގެން ސަރަހައްދުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ދިވެހި ސިފައިން ކަމަށެވެ. އޭނާ ވިދާޅުވީ ރާޑަރުތައް މުހިއްމުވަނީ ރާއްޖެ ސަރަހައްދުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރީމާ ކަމަށެވެ.

"ދޭތެރެއަކުން ޚަބަރު ލިބޭނެ ތެޔޮބޯޓްފަހަރު ވަންނަ ވާހަކަ. ވަދެ އިލީގަލީ (ހުއްދަ ނެތި) ތެޔޮ ވިއްކަން މަސައްކަތްކުރާ، ލޯ ގްރޭޑް ތެޔޮ ވިއްކަން މަސައްކަތް ކުރާ ވާހަކަ. މަސްތުވާތަކެތި އަޅުގަނޑުމެންގެ އީއީޒެޑް ތެރެއަށް ވަންނަ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވާ މައްސަލަތައް ވެސް ގިނަ ކަމަށާއި ރާޑަރުތައް ބެހެއްޓުމަކީ އެކަމަށް ވެސް ހައްލެއް ކަމަށެވެ.

"ސަލާމަތީ ގޮތުން ކަނޑުގެ ސަރަހައްދު ބަލަހައްޓަން ހުރި ހުރިހާ ގޮންޖެހުންތަކަށް ވަރަށް ބޮޑު ހައްލެއް އަންނަ ކަމަކަށް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެހީގައި ބަހައްޓާ ރާޑަރުތަކާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން އަންނަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ރާއްޖޭގައި ރާޑަރުތައް ބަހައްޓަން ސިއްރު އެއްބަސްވުންތަކެއްގައި ސޮއިކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ތުހުމަތު ކުރި އެވެ. ނަމަވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާޑަރު އެއްބަސްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެފައި އޮތް އެއްބަސްވުމެއް ކަމަށާއި އެއާ ގުޅޭ ވަކި އިތުރު ކަމަކަށް މި ސަރުކާރުން އެއްބަސްވެފައި ނޯންނާނެ ކަމަށެވެ. އެއްބަސްވުމާ އެއްގޮތަށް، ރާޑަރުތައް ހަރުކުރަން މަޝްވަރާކުރިތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެ ވާހަކަތައް ދެކެވުނު ކަމަށެވެ. "ކުރީއްސުރެން ހުރި އެއްބަސްވުންތައް، ހުއްޓިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދާ ވާހަކަ ދެއްކި. އެނގިވަޑައިގަންނަވާނެ ޔާމީންގެ ސަރުކާރުގައި އެކި ތަންތަނުގައި ރާޑަ ސިސްޓަމްތައް ހަރުކުރަން ބުޑު ޖަހާފައި ހުރީ. އެއްޗެހިތައް ކުރިއަށް ގެންދާ ވާހަކަ ދެއްކި،" މާރިޔާ ވިދާޅުވި އެވެ.