Roadha Mihaaru
މޭގަން ބުލީކުރި މައްސަލަ ބަލަން ލޯ ފާމަކާ ހަވާލުކޮށްފި

މޭގަން މާކަލް ބުލީކުރި ކަމަށް ބުނާ މައްސަލަ ބަލަން ލޯ ފާމަކާ ހަވާލުކޮށްފި

17 މާޗް 2021

ޕްރިންސް ހެރީގެ އަނބިކަނލުން މޭގަން މާކަލް ޝާހީ އާއިލާގެ މުވައްޒަފުންތަކަކަށް ބުލީކުރި ކަމަށް ބުނާ މައްސަލަތައް ބަލަން ލޯ ފާމަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ބަކިންހަމް ޕެލަސް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިންސް ހެރީގެ އަނބިކަނލުން މޭގަން މާކަލް ޝާހީ އާއިލާގެ މުވައްޒަފުންތަކަކަށް ބުލީކުރި ކަމަށް ބުނާ މައްސަލަތައް ބަލަން ލޯ ފާމަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ބަކިންހަމް ޕެލަސް އިން ބުނެފި އެވެ.

މިކަން ކަށަވަރުކޮށް ދެއްވަމުން އެތަނުގެ ތަރުޖަމާނު ވިދާޅުވީ މުވައްޒަފުންތަކެއް "ދަ ޓައިމް" ނޫހަށް މޭގަންއާ ބެހޭ ގޮތުން ދެއްކި ވާހަކަތައް ލުއިކޮށް ނުނަގާނެ ކަމަށާއި އެ މައްސަލަތައް ސީރިއަސްކޮށް ބަލާނެ ކަމަށެވެ. މޭގަންގެ ފަރާތުން ބުލީއާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެ ޝާހީ އާއިލާގެ މުވައްޒަފުންތަކެއް މީޑިއާއާ ވާހަކަ ދެއްކީ މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން މޭގަން އާއި ހެރީ، އޯޕްރާ ވިންފްރީ އަށް ދެއްވި އިންޓަވިއުގެ ޕްރޮމޯ އާންމުކުރުމާ ދިމާކޮށެވެ.

ނަން ހާމަނުކުރާ މުވައްޒަފުންތަކެއް ކިޔައިދީފައިވާ ގޮތުގައި 2018 އިން ފެށިގެން މޭގަން ޝާހީ އާއިލާ ދޫކޮށް ވަަޑައިގަތުމާ ހަމައަށް އޭނާގެ ފަރާތުން އެކި ގޮތްގޮތަށް ބުލީއާ ކުރިމަތިލާން ޖެހުނެވެ.

އެ މައްސަކަތައް ބަލަން މިހާރު ލޯ ފާމަކާ ހަވާލުކުރި ނަމަވެސް އެ ކުންފުނީގެ ނަމެއް ހާމައެއްނުކުރެ އެވެ.

މޭގަން އަށް ކުރި ތުހުމަތުތަކާ ގުޅިގެން އޯޕްރާގެ އިންޓަވިއުގައި ވިދާޅުވެފައި ވަނީ އެއީ ޝަހުސު ކަތިލަން މިހާރު ދައްކާ ވާހަކަތަކެއް ކަމަށެވެ. މޭގަން ވިދާޅުވީ އޭނާ އަށް ސީދާ ޝާހީ އާއިލާގެ ތެރެއިން ބުލީއާ ކުރިމަތިލާން ޖަހިވަޑައިގަތް ކަމަށެވެ. އަދި އެކަމާ ހެދި އަމިއްލަފުޅަށް ފުރާނަ ދުއްވައިލުމުގެ ވިސްނުންތަކެއް ވެސް ގެންގުޅުއްވި ކަމަށް ވިދާޅުވި އެވެ.

މޭގަން ބުލީކުރި ކަމަށް ބުނާ މައްސަލަތައް ބަލަން ލޯ ފާމަކާ ހަވާލުކުރި ވާހަކަ ހޯމަ ދުވަހު ބަކިންހަމް ޕެލަސް އިން އާންމުކުރުމާ ގުޅިގެން މޭގަން އާއި ހެރީގެ ތަރުޖަމާނު ޓައިމްސް ނޫހަށް ވިދާޅުވި އެއީ "އަބުރުކަތިލުމުގެ އަމަލެއް" ކަމަށެވެ.

"އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް. އަދި ވަރަށް ހިތާމަ ވެސް ކުރަން އިނގިރޭސި މީޑިއާތަކުން އެފަދަ ވާހަކަތައް ގެނެސްދޭތީ." ތަރުޖަމާނު ވިދާޅުވި އެވެ.

ޝާހީ އާއިލާ އާއި ޝާހީ ޒިންމާތައް ވެސް ދޫކޮށްލައްވައި މޭގަން އާއި ހެރީ މިދިޔަ އަހަރުން ފެށިގެން ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.