Roadha Mihaaru
އަރުޝަދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުގެ އަމުރު

އަރުޝަދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި

10 މާޗް 2021

ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ލިބޭ އަރުޝަދު ޚާލިދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ލިބޭ އަރުޝަދު ޚާލިދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އަދި ޑްރަގްގެ ބޮޑު މައްސަލައެއްގައި ހިމެނޭ އެހެން މީހަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލާފައިވެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ފާސްކޮށް ނުވަ ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފައިވެ އެވެ. އެއީ އަރުޝަދު ހާލިދު، ގދ. ހޯނޑެއްދޫ، އަލޯރާގެ/ އަލީ ޒުބައިރު، ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ/ އަހުމަދު ސުނައިން، ގދ. ހޯނޑެއްދޫ، އިރުމަތީގެ/ ހުސައިން ޒަހީން، ލ. ކަލައިދޫ، މަތަރަސްމާގެ އަދި އަސްލަމް ނާޒިމް، މއ. ވައިލެޓްމާގެ އެވެ.

އެ މައްސަލައިގައި ފުލުހުން އަރުޝަދު، 25، އަށް ކުރަނީ މަސްތުވާތަކެތި އެތެރެކުރުމާއި ބައިވެރިވުމުގެ ތުހުމަތެވެ. އެކަމަކު، ވައްކަންކުރުމާއި ބިރުދެއްކުމުގެ ރެކޯޑު އޮންނަ އަރުޝަދު މިދިޔަ މަހު ދޫކޮށްލީ ބަންދުކުރަން ނެރެފައިވާ އަމުރު މުރާޖާ ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

އޭނާ ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރުކޮށްފަ އެވެ.

"ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ނެތް ކަމަށް ކަނޑައެޅިގެން ދިއުމީ މައްސަލައިގައި ކުރިއާލައި ފަނޑިޔާރުން ގޮތެއް ނިންމުން ކަމުގައި ދެކެމެވެ." ކޯޓުގެ ހުކުމުގައިވެ އެވެ.

މާލޭގެ 10 ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 4.6 މިލިއަން ރުފިޔާ ވެސް އެ އޮޕަރޭޝަނުގައި ހޯދި އެވެ. އެ އޮޮޕަރޭޝަންގައި ހައްޔަރުކުރި ބައެއް މީހުންގެ އެކައުންޓްތަކުގައި ހުރީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް ތުހުމަތުކޮށް، އެ އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފަ އެވެ.