Roadha Mihaaru
މަތީ ތައުލީމުގެ ލޯނަށް ހާހަކަށް ވުރެ ގިނަ ދަރިވަރުން

މަތީ ތައުލީމުގެ ލޯނަށް ހާހަކަށް ވުރެ ގިނަ ދަރިވަރުން

09 މާޗް 2021

މަތީ ތައުލީމުގެ ލޯނު ހޯދުމަށް 1،000 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމުގެ ލޯނު ހޯދުމަށް 1،000 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތަށް 1،176 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް މި ބުރުގައި ހުޅުވާލީ 770 ޖާގަ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ހުށަހެޅި ފޯމުތައް ވަޒަންކުރާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށެވެ. އަދި އެކަން ކުރާނީ ގެޒެޓުކޮށްފައިވާ އުސޫލާ އެއްގޮތަށް ސިޔާސީ ނުފޫޒެއް ނެތި ކަމަށް ވެސް ވިދާޅުވި އެވެ.

މި އަހަރު ހުޅުވާލި ފުރުސަތުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް 471 ޖާގަ އަދި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 299 ސްލޮޓް ހަމަޖައްސާފައިވެ އެވެ. އޭގެ އިތުރުން ހިލޭ ޑިގްރީގައި ކިޔަވާ ކުދިންނަށް ވެސް، އެ ދަރިވަރުންގެ އަމިއްލަ ހަރަދުތައް ކުރުމަށް ލޯނު ސްކީމުން މި ފަހަރު އެހީދޭނެ އެވެ.

ސަރުކާރުން ހަމަޖައްސާފައިވާ އުސޫލެއްގެ ދަށުން، ރާއްޖޭގައި ކިޔަވައިދޭ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރަން ރާއްޖޭން ބޭރަށް ދާން ލޯނެއް ނުދެ އެވެ. އެކަމަކު ބައެއް ދާއިރާތައް އިސްތިސްނާ ކޮށްފައި ވެ އެވެ. އެމްބީބީއެސް އާއި ޕައިލެޓް ޓްރެއިނިން ހިމެނެނީ އޭގެ ތެރޭގަ އެވެ.

ފުލް ފަންޑިންގައި ކިޔަވަން ދާ ގައުމުތަކުގެ ލިސްޓު ވެސް އިތުރުކޮށްފައި ވެ އެވެ.އޭގައި ސާކުގެ ގައުމުތަކާއި ޗައިނާ، ފިލިޕީންސް، ތައިލެންޑް، މެލޭޝިޔާ، ޔޫކްރެއިން، ރަޝިޔާ، ކްރިގިސްތާން، ޗެކްރިރިޕަބްލިކް، އަޒުރްބައިޖާން، އިޓަލީ، ޔޫއޭއީ، މޯލްޓާ، ސައުދި އަރަބިއްޔާ، އިންޑޮނޭޝިޔާ، ގަތަރު، ސައުތު އެފްރިކާ، މިސްރު، ފީޖީ އަދި މޮރިޝަސް ހިމެނެ އެވެ.