25 ޖޫން 2020
މިިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނު ލިބޭ 500 އަށްވުރެ ދަރިވަރުންގެ ނަން މިއަދު އިއުލާނުކޮށްފި އެވެ.
މިިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނު ލިބޭ 500 އަށްވުރެ ދަރިވަރުންގެ ނަން މިއަދު އިއުލާނުކޮށްފި އެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ހުޅުވާލި 550 ފުރުސަތަށް، 1،300 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ. އޭގެ ތެރެއިން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދީފައިވަނީ 514 ދަރިވަރުންނަށެވެ.
އެކަމާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހާސްކަމުގައި ތިއްބައި ލިބުނު އުފާވެރި ހަބަރެއް ކަމަށެވެ.
- ލައިސަންސް ކެޓަގަރީ: 15 ޖާގަ
- ޑިޕްލޮމާ: 48 ޖާގަ
- ޑިގްރީ: 264 ދަރިވަރުން
- މާސްޓާސް: 160 ދަރިވަރުން
- ޕީއެޗްޑީ: 27 ޖާގަ
ލޯނު ލިބޭ ދަރިވަރުން ކުރިއަށް އޮތް އަހަރެއް ތެރޭގައި ކިޔަވަން ފަށަން ޖެހޭނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ފަހަރުގެ ލޯނު ސްކީމް ރިއާޔަތްކޮށްފައިވަނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހެދި ގައުމީ ޓްރެއިނިން ނީޑްސް އެނަލިލިސްގެ މައްޗަށް ކަމަށެވެ. އެކަންކަމުގެ އިތުރުން ސަރުކާރުގެ ސްޓްރެޓިޖިކް ޕްލޭނުގައި ފާހަގަކޮށްފައިވާ ދާއިރާތަކާއި މާލީގޮތުން ދަތިކޮށް އުޅޭ ދަރިވަރުންނަށް ފުރުސަތުތައް ދިނުމަށް މިފަހަރުގެ ސްކީމަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
ޒަކާތުގެ ލިސްޓަށް ރިިއާޔަތްކޮށް އެ ލިސްޓުގައި ހިމެނޭ ދަރިވަރުންނަށް އިސްކަންދީފައިވެ އެވެ.
މިފަހަރު ހުޅުވާލި ބުރުގައި، ލައިސަންސް ކެޓަގަރީގައި ތަފާތު އެކި ކޯސްތައް ހިމެނެ އެވެ. މީގެ ކުރިން ލައިސަންސް ކެޓަގަރީން އާއްމުކޮށް ލޯނު ނަގައިގެން ކިޔަވަނީ ޕައިލެޓްކަމަށް ވިއަސް މިފަހަރު އެކި ދާއިރާތަކުން ބައިނަލްއަގުވާމީ ލައިސަންސް ނެގުމަށްޓަކައި ދަރިވަރުންނަށް ލޯނު ދޫކޮށްފައި ވެ އެވެ.
އެ ދަރިވަރަކު ކިޔަވަން ބޭނުންވާ ދާއިރާއަކުން، ކިޔެވުމަށް ވަކި ޕަސެންޓެއް ހާއްސަކުރި އެވެ. މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ ކެޓަގަރީގައި އިސްކަންދީފައިވަނީ، ކިޔެވުން ނިންމުމަށް އެންމެ މަދު ދުވަސްތައް ހުރި ދަރިވަރުންނަށް ކަމަށާއި ކުރިން ފައިސާގެ އެހީ ލިބިފައި ހުރި ނަމަވެސް ކޯސް ފުރިހަމަ ނުކުރެވޭ ދަރިވަރުންނަށް އަލުން ކޯސް ފުރިހަމަކުރަން ލޯނު ޖާގަ ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"މިފަހަރު ވީހާ ވެސް ގިނަ ފަރާތްތަކަށް ލޯނު ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އުސޫލަށް ބަދަލު ގެނެސްފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. އެއީ ޝަރުތު ހަމަވާ ދަރިވަރުންނަށް، ކުރިމަތިލާފައިވާ ކެޓަގަރީ ނޫން އެހެން ކެޓަގަރީއަކުން ވެސް ލޯނު ލިބޭނެ ގޮތަށް އުސޫލު ތެރެއިން ޖާގަ ފަހިކޮށްދީފައިވާކަން ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު މަތީ ތައުލީމުގެ ލޯނަށް ހުޅުވާލި ފުރަތަމަ ބުރުގައި، ދަރިވަރުން ހުށަހެޅި ފޯމުތަކުގައި ގިނަ މައްސަލަތަކެއް ހުރުމުގެ އެ ފޯމުތައް ބާތިލްވެގެން ދިޔައީ އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ، މިފަހަރު ދަރިވަރުން ހުށަހަޅާފައިވާ ފޯމުތައް ވަރަށް ރަނގަޅު ކަމަށެވެ.
މިފަހަރު އެމްބީބީއެސް ހަދަން 15 ޖާގަ އާއި ޕޯސްޓްގްރެޖުއޭޓް މެޑިސިން ހަދަން 22 ދަރިވަރަކަށް ލޯނު ދިނެވެ. ޕީއެޗްޑީ ހަދަން ކެޓަގަރީ 1 އިން 21 ދަރިވަރަކަށް ލޯނު ދީފައި ވެ އެވެ.
"މިއީ، އަޅުގަނޑުގެ މައުލޫމާތު ކުށް ކަމުގައި ނުވާނަމަ މިހާތަނަށް އަޅުގަނޑުމެން މި ލެވެލްގައި އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރާ ފަހަރު،" މިނިސްޓަރު ވިދާޅުވި އެވެ.
ލާމަރުކަޒީ ދާއިރާ ބަހާލާފައިވާ 87 ދާއިރާއިން 10 ދަރިވަރުންނަށް ފުރުސަތު ދީފައި ވެ އެވެ. އެ ދާއިރާއަށް ކުރިމަތިލާފައިވަނީ 46 ދަރިވަރުންނެވެ.
ލޯނު ލަސްވަނީ އެއްފަހަރާ ގިނަ ފޯމުތަކެއް ހުށަހެޅުމުން
ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް ފުރުސަތު ދެނީ
ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިތުރުކޮށްފި
ލޯނުން ބާކީވި ފައިސާއިން ކިޔަވަން އިތުރު ފުރުސަތު ދެނީ
މަތީ ތައުލީމް ލޯނު: ގިނަ ދަރިވަރުން ޑިސްކޮލިފައިވެއްޖެ
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފި
އިދާރީ ފީ ކުޑަކޮށް މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި
މަތީ ތައުލީމުގެ ލޯނަށް ހާހަކަށް ވުރެ ގިނަ ދަރިވަރުން
މަތީ ތައުލީމަށް 340 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ލޯނު ލިބޭ ދަރިވަރުން ވަރަށް އަވަހަށް އިއުލާނުކުރާނަން