Roadha Mihaaru
ރާކީގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދައިފާނެ

ރާކީގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދައިފާނެ

09 މާޗް 2021

ބޮލީވުޑްގައި "ޑްރާމާ ކްއީން" ގެ ނަމުން މަޝްހޫރު އަދި ދާދި ފަހުން ނިންމައިލި "ބިގް ބޮސް 14" ގައި ވާދަކުރި ރާކީ ސާވަންތުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ޝައުގުވެރިވާ ކަމަށް މަޝްހޫރު ޅެންވެރިޔާ/ސްކްރީން ރައިޓަރު ޖާވިދު އަޚްތަރު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގައި "ޑްރާމާ ކްއީން" ގެ ނަމުން މަޝްހޫރު އަދި ދާދި ފަހުން ނިންމައިލި "ބިގް ބޮސް 14" ގައި ވާދަކުރި ރާކީ ސާވަންތުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ޝައުގުވެރިވާ ކަމަށް މަޝްހޫރު ޅެންވެރިޔާ/ސްކްރީން ރައިޓަރު ޖާވިދު އަޚްތަރު ބުނެފި އެވެ.

ޑައިރެކްޓަރުން ކަމަށްވާ ފަރުހާނާއި ޒޯޔާ އަޚްތަރުގެ ބައްޕަ ސްޕޮޓްބޯއި އަށް ބުނީ ރާކީގެ ވާހަކަ ކިޔައިދޭ ފިލްމެއް ހެދުމުގެ ޝައުގުވެރިކަން އުފެދުނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ފްލައިޓެއްގެ ތެރެއިން ރާކީއާ ދިމާވެ، އޭނާގެ ކުޑައިރުގެ ވާހަކަ ކިޔައިދިން ހިސާބުން ކަމަށެވެ.

"އެ ހިސާބުން އަހަރެން ބުނިން ކޮންމެވެސް ދުވަހަކުން ބޭނުމޭ ރާކީގެ ވާހަކަ ސްކްރިޕްޓަކަށް ހަދައި ބޮޑު ސްކްރީނާ ހަމައަށް ގެންނަން،" އެތައް ފިލްމެއްގެ ޅެމާއި ސްކްރީންޕްލޭ ލިޔެފައިވާ ޖާވިދު ބުންޏެވެ.

އޭނާ މި ވާހަކަ ދައްކާފައި މި ވަނީ ބައޮޕިކެއް ހެދުމުގެ ޝައުގުވެރިކަން ޖާވިދު ފާޅުކުރި ކަމަށް ބުނެ ރާކީ މިދިޔަ ހަފުތާގެ ތެރޭގައި ދެއްކުމުން މީޑިއާތަކުން އެކަމާ ސުވާލު އުފެއްދުމުންނެވެ. ރާކީ އަކީ އަބަދު ވެސް އެ ވަގުތަކު އޭނާ ހިތަށް އެރި ކޮންމެ ވާހަކައެއް ދައްކާ މީހަކަށްވާތީ މީހުން އޭނާގެ ވާހަކަތައް އެހާ ސީރިއަސްކޮށް ނަގައެއް ނޫޅެ އެވެ. އެހެންވެ ޖާވިދާ ގުޅުވައިގެން ރާކީ ދެއްކި ވާހަކަ ވެސް ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވީ އެވެ.

ޖާވިދު.

ޖާވިދު.

ނަމަވެސް އެއީ ތެދެއްކަން ކަށަވަރުކޮށް ދެމުން ޖާވިދު ބުނީ ރާކީ، ރާކީއަކަށްވީ އޭނާގެ ކިބައިގައި ހުންނަ ހާއްސަ ސިފަތަކެއްގެ ސަބަބުން ކަމަށާއި އޭނާ އަކީ އަމިއްލަ ބުރަ މަސައްކަތުން މީހުންގެ މެދުގައި މަޝްހޫރުކަން ހޯދި ފަންނާނެއް ކަމަށެވެ.

ނަމަވެސް ރާކީގެ ބައޮޕިކާ ބެހޭ އިތުރު ވާހަކައެއް ޖާވިދު ނުދައްކަ އެވެ.

ރާކީ ބުނީ އޭނާގެ ވާހަކަ ކިޔައިދޭ ފިލްމަކަށް އިންތިޒާރު ވެސް ކުރެވޭ ކަމަށާއި އެ ފިލްމު އިންޑިއާގެ ރައްޔިތުން ބަލާނެތޯ ނޫންތޯ ބުނަން ނޭނގޭ ކަމަށެވެ.

"ހަމަ ޔަގީނުން ވެސް ވަރަށް ވަރަށް ކޮންޓްރަވާޝަނަލް އެއްޗަކަށް އޭތި ވާނީ. އަހަންނަކީ އަބަދު ވެސް އެހާ ކޮންޓްރަވާޝަލް މީހެއް،" ބައެއް ފިލްމުތަކުގެ އައިޓަމް ލަވަތަކާއި ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވާ ރާކީ ބުންޏެވެ.

ރާކީ، 42، ގެ ކެރިއަރުގައި ރޯލެއް ކުޅުނު އެންމެ މަޝްހޫރު ފިލްމަކީ ޝާހްރުކް ޚާނާއި ސުޝްމިތާ ސެންއާ އެކު ފަރާ ޚާން 2004 ގައި ގެނެސްދިން "މޭ ހޫ ނާ" އެވެ.

"ބިގް ބޮސް 14" ގެ ގަދަ 5 އަށް ވެސް ދިޔަ ރާކީ އެ ޝޯގެ ތެރޭގައި ބުނެފައިވާ ގޮތުގައި އޭނާގެ ދިރިއުޅުން އަބަދު ވެސް ވަރަށް ހިތްދައްޗެވެ. އެކަމަކު އަބަދު ވެސް އެ މީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދެނީ އަމިއްލަ އިހުސާސްތައް އެތެރެ އަށް ހިންދާލައިގެން ހުރެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ވަރަށް ކުޑައިރު އާއިލާގެ ބަޔަކު އޭނާ ބޭނުން ކުރީ ފައިސާ ހޯދަން ނަށާ މީހެއްގެ ގޮތުގަ އެވެ. އަދި އެކަމުގެ ތެރޭގައި އެތައް ދުވަހެއް ވަންދެން އުޅުނެވެ.

"ބިގް ބޮސް 14" ގައި ރާކީ އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ އޭނާ ކައިވެނިކުރި މީހާ "ފިލި" ވާހަކަ އެވެ. ރާކީ ބުނެފައިވާ ގޮތުގައި ކައިވެނީގެ ހަފުލާގެ ނިމުނު ފަހުން ފިރިމީހާ ރިތޭޝް ޕާންޑޭ "ވަލުދޮރާށިން ފިލި" ގޮތަށް އޭނާގެ އެއްވެސް ޚަބަރެއް ނުވެ އެވެ. އަދި އެކަމާ ވަރަށް ހިތްދަތިވާ ކަމަށް ބުނެ ޝޯގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް ރޮއި ހަދާފައިވެ އެވެ.