Roadha Mihaaru
ބިގުގެ މައްސަލަ ހައި ކޯޓަށް ބަލައިގަތުމަށް އަންގައިފި

ބިގަށް 78 މިލިއަން ދޭން ޖެހުނު މައްސަލަ ހައި ކޯޓަށް ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގައިފި

04 މާޗް 2021

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މީޑިއާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ހައި ކޯޓަށް ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު އަންގައިިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މީޑިއާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ހައި ކޯޓަށް ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު އަންގައިިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ބިގް ކުންފުންޏާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ކުރި މަސައްކަތަށް ދައްކަންޖެހޭ ފަސް މިލިއަން ރުފިޔާ ނުދެއްކުން ޖޫރިމަނާއާ އެކު 78 މިލިއަން ދައްކަން ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ކުރީ އެމްއެންބީސީ އުވާލުމަށް ފަހު ޕީއެސްއެމް އުފައްދާފައި ވަނިކޮށް 2016 ވަނަ އަހަރު އެވެ.

ޕީއެސްއެމް އިން އޭރު އެ މައްސަލަ އިސްތިއުނާފް ނުކޮށް ތިބުމަށް ފަހު ހައި ކޯޓުގައިި އިސްތިއުނާފަށް ހުށަހެޅީ އިސްތިއުނާފް މުއްދަތު ހަމަވި ފަހުން 2019 ވަނަ އަހަރު އެވެ. ހައި ކޯޓުން ނިންމީ މަގްބޫލު އުޒުރެއް ނެތި، އިސްތިއުނާފް ކުރުން ލަސް ކޮށްފައިވާތީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ހައި ކޯޓުގެ އެ ނިންމުން ޕީއެސްއެމް އިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވި ނިންމުމުގައިވަނީ 78 މިލިއަން ދައްކަން ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ ބަލަންޖެހޭ ކަންކަމަށް ބެލުމެއް ނެތި އަދި ކޯޓަށް ހާޒިރުވާން ޕީއެސްއެމްއަށް އެންގުމެއް ނެތި ކަމަށެވެ. އެ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު ޕީއެސްއެމްއަށް ލިބެންޖެހޭ ކަމަށާއި އެކަންކަމަކީ ހައި ކޯޓުން ބަލަންޖެހޭ ކަންތައްތަކެއް ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި އަންގާފައިވަނީ ދަށު ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ޕީއެސްއެމްގެ ފަރާތުން މިއަދުން ފެށިގެން 10 ދުވަސް ތެރޭގައި ހައި ކޯޓަށް ހުށަހެޅުމަށެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޔާސަތު ބެލެހެއްޓެވި އެ މަޖިލީހުގައި ދެން ބައިވެރިވަޑައިގަތީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

އެ ހުކުމް އިސްތިއުނާފް ކުރަން ޕީއެސްއެމްގެ ފަރާތުން ހުށަހެޅިއިރު، އެ ކުންފުނިން ކުރިން އޮތީ އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ބިގް ކުންފުންޏަށް ދައްކައިފަ އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވެސް ބެލި އެވެ.