Roadha Mihaaru
މަރުގެ ތުހުމަތުކުރުމުން އޭއޭއޭއަށް ފިޔަވަޅުއަޅަން އެދެފި

ދަރިވަރަކަށް މަރުގެ ތުހުމަތު އެޅުވި މައްސަލަ ބަލައި އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން ގޮވާލައިފި

02 މާޗް 2021

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރަކަށް، އެ ސްކޫލުން މަރުގެ ތުހުމަތު އެޅުވި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ދަރިވަރުންގެ ޖަމިއްޔާއިން މިއަދު ގޮވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރަކަށް، އެ ސްކޫލުން މަރުގެ ތުހުމަތު އެޅުވި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ދަރިވަރުންގެ ޖަމިއްޔާއިން މިއަދު ގޮވާލައިފި އެވެ.

އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ ދަރިވަރަކަށް، އެ ސްކޫލުން މިދިޔަ ހޮނިހިރު ދުވަހު ފޮނުވި މެއިލްގައި ވަނީ އެއީ ގަސްތުގައި މީހަކު މަރާލާފައިވާ ދަރިވަރެއް ކަމުގެ ތުހުމަތުކޮށްފަ އެވެ.

އެ ސިޓީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް، އޭއޭއޭއިން ކޮޕީކޮށް ފޮނުވާފައި ވެ އެވެ.

އެކަމާ ގުޅިގެން އޭއޭއޭގެ ދަރިވަރުންގެ ޖަމިއްޔާއިން ބުނީ އެއީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ތުހުމަތެއް ކަމަށެވެ. އެއީ ދަރިވަރުންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތުގައި އެ ދަރިވަރު ބައިވެރިވާތީ ނަން ކިލަނބުކޮށް، ކެރިއަރު ދުއްވާލުމަށް ދިން ޒާތީ ހަމަލާއެއް ކަމަށް ވެސް ބުންޏެވެ.

"މި ޔޫނިއަން އިން ގަބޫލުކުރާ ގޮތުގައި މި އަމަލަކީ އޭއޭއޭގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެކެވެ. އޭއޭއޭގެ މި އަމަލު، މި ޔޫނިއަން އިން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

ފްލައިން ސްކޫލުގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބުނު ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވެ އެވެ. އެ ކަންކަމަށް ހައްލެއް ނުލިބި އޮއްވައި، މިދިޔަ ހޮނިހިރު ދުވަހު ފޮނުވި މެއިލަކީ ދަރިވަރުންނަށް ކުރަމުން އަންނަ ދުއްތުރާތަކާއި ގޯނާތަކަށް އިތުރުވި ބޮޅެއްކަން ފާހަގަކުރެ އެވެ.

"ދަރިވަރުންނަށް މި ފަދަ ގޯނާ ތަކުރާރުކޮށް ކުރަމުން އަންނަ އައުމަކީ މި ޔޫނިއަން އިން ނުހަނު ކަންބޮޑުވާ ކަމެކެވެ. މި ޔޫނިއަން އިން ދަރިވަރުންގެ ހައްގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅުމުގެ މަގުސަދުގައި އޭއޭއޭއިން އެ ފަދަ ނޭއްގާނީ އަމަލުތައް ތަކުރާރު ކުރަމުން އަންނަ އައުމަކީ އެކަމުގެ ސަބަބުން މި ޔޫނިއަން އިން ކުރަމުން އަންނަ މަސައްކަތްތައް މަޑުޖެހިދާނެ ސަބަބެއް ނޫނެވެ،" ބަޔާނުގައި ބުންޏެވެ.

"މިކަމާ ގުޅިގެން މި ޔޫނިއަން އިން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށް ދަރިވަރުންގެ ހައްގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ދެމި ތިބޭނަމެވެ. އޭއޭއޭގެ މި ގޯނާގެ އަމަލު ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސަރުކާރުގެެ ކަމާ ގުޅުންހުރި އިދާރާތަކަށް މި ޔޫނިއަން އިން ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.

އައްޑޫ ފްލައިން ސްކޫލުން ދަރިވަރުންގެ އަތުން ބޮޑެތި ފީތައް ނެގުމާއި، ކޯހުގެ މުއްދަތު ދަންމައި، އުދުހުމުގެ ތަމްރީންތަކަށް ފުރުސަތު ނުލިބި ބޮޑު ހަރަދެއް ހިނގާ މައްސަލަ އެ ސްކޫލުގެ ދަރިވަރުން ވަނީ ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

ފްލައިން ސްކޫލްގައި ކިޔަވަމުން އައި ދިވެހި ދަރިވަރުންނަށް އެތަނުން އިހުމާލުވެ، އެކަމުގެ ސަބަބުން ގެއްލުން ލިބެމުންދާ ކަމުގެ ޝަކުވާ ކުރާތާ ގިނަ ދުވަސްތަކެއްވީ ފަހުން ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ ވަނީ ބަލައިފަ އެވެ.