Roadha Mihaaru
ފްލައިން ސްކޫލްގެ ނޯޓިސް ބާތިލް ކުރަން އަންގައިފި

ފްލައިން ސްކޫލުގެ ދަރިވަރުން ވަކިކުރަން ދިން ނޯޓިސް ބާތިލުކުރަން އަންގައިފި

17 ޑިސެމްބަރ 2020

އައްޑޫގައި ހުންނަ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ފްލައިން ސްކޫލުގައި ކިޔަވާ 15 ދަރިވަރަކު، އެ ސްކޫލުން ވަކިކުރަން ދަރިވަރުންނަށް ދިން ނޯޓިސް ބާތިލް ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ފްލައިން ސްކޫލަށް އަންގައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އައްޑޫގައި ހުންނަ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ފްލައިން ސްކޫލުގައި ކިޔަވާ 15 ދަރިވަރަކު، އެ ސްކޫލުން ވަކިކުރަން ދަރިވަރުންނަށް ދިން ނޯޓިސް ބާތިލް ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ފްލައިން ސްކޫލަށް އަންގައިފި އެވެ.

ފްލައިން ސްކޫލުން 15 ދަރިވަރަކު ކަނޑައިލަން ނޯޓިސް ދިނީ މިދިޔަ މަހު އެވެ. އޭގެ ކުރިން ވެސް ފަސް މީހަކު ކަނޑައިލި މައްސަލައެއް ފެންމަތިވެ މިނިސްޓްރީގެ އެންގުމަށް އަލުން ޖާގަ ދީފައި ވެ އެވެ. މި ފަހަރު ނޯޓިސް ދިން 15 މީހުންގެ ތެރޭގައި އެ ފަސް މީހުން ވެސް ހިމެނެ އެވެ.

އެ މީހުން ބުނިގޮތުގައި ކަނޑައިލަން ނޯޓިސް ދިނީ ސްކޫލުން ވަކި މުއްދަތަކަށް ކުރަން އަންގާ ކަންކަން ނުކުރާ ކަމަށް ބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ފްލައިން ސްކޫލުގައި ދިމާވާ މައްސަލަތައް މިދިޔަ އޮކްޓޯބަރު މަހު މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ހިސާބުން ފެށިގެން އެ ކަންކަން ހައްލު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން، އެ ސްކޫލުން ކަނޑައިލި ދަރިވަރުންނަށް ދިން ނޯޓިސް ބާތިލް ކުރަން ވެސް އަންގާފައިވާނެ ކަމަށާއި އެކަން ނުކޮށްފި ނަމަ ނުވަތަ އެފަދަ އެހެން އަމަލެއް ހިންގައިފި ނަމަވެސް މިނިސްޓްރީ އަށް ވީ އެންމެ އަވަހަކަށް އަންގައި ރިޕޯޓު ކުރުމަށް އެދިފައި ވެ އެވެ.

ނޯޓިސް ބާތިލް ކުރަން އެންގުމުގެ އިތުރަށް ވެސް ގިނަ ކަންތައްތަކެއް ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ދަރިވަރުންނަށް އެކަށީގެންވާ ވަރަށް އިންސްޓްރަކްޓަރުން ހަމަޖައްސަން އެންގުމާއި އެކަން ފުރިހަމަ ވަންދެން އިތުރު ދަރިވަރުން ނުވެއްދޭ ގޮތަށް ހަދާފައި ވާނެ ކަމަށް ވެސް ބުންޏެވެ.

ފްލައިން ސްކޫލުގައި ދަރިވަރުން ދުއްވުމަށް 13 އެއާކްރާފްޓެއް އޮވެ އެވެ. އެކަމަކު، މިވަގުތު ބޭނުންކުރަމުން އަންނަނީ ދެ އެއާކްރާފްޓެވެ. ބާކީ 11 އެއާކްރާފްޓުގެ ތެރެއިން ދެ އުޅަނދެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ދެން ހުރި އެއްޗެހިތައް ހުރީ މެއިންޓެނަންސްގަ އެވެ.

މިނިސްޓްރީން ބުނީ ދަރިވަރުންގެ ދުއްވުން ހަމަކުރަން ބޭނުންވާ ވަރަށް މަތިންދާބޯޓު ގެނައުމާއި މިހާރު ހުރި އެއްޗެހީގެ މެއިންޓަނަންސް ކަންކަން ބަލައި މައްސަލަތައް ހޯދައި ހައްލުކުރަން އެންގުމުގެ އިތުރަށް މެއިންޓަނަންސް މައްސަލަތަކާ ގުޅިގެން ބައެއް ބޯޓު ގްރައުންޑް ކުރި ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި، އެ ތަނުގެ އެންގުމަށް މެއިންޓަނަންސް މެނޭޖަރު ވެސް ބަދަލުކޮށްފައިވާ ކަމަށާއި ކޮލިޓީ މެނޭޖރަކަށް ވެސް ފުލް ޓައިމް މުވައްޒަފަކު ހަމަޖައްސާފައިވާ ކަމަށެވެ. ސްކޫލުގެ ހެޑް އޮފް ޓްރެއިނިން މި މަހުގ 15 ގެ ކުރިން ހާޒިރުވާން އެންގުމުން މި މަހު 9 ގައި އޭނާ ރާއްޖެ އަނބުރާ އައިސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައި އަދި އެ ސްކޫލުގެ ހުރިހާ ދަރިވަރުންގެ މައްސަލަތައް ވަކިވަކިން ބަލައި އެ މައްސަލަތައް ވަކިވަކިން ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށާއި އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.

އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ފްލައިން ސްކޫލުގެ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ ސްކޫލުން ކޯހުގެ މުއްދަތު ދަންމައި، ދަރިވަރުން އަތުން ބޮޑެތި ފީ ނެގުމާއި އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުންދާތާ ގިނަ ދުވަސްތަކެެއް ވަނީ ވެފަ އެވެ.

ތާވަލާ އެއްގޮތަށް ރަނގަޅަށް ކިޔެވުން ދާ ނަމަ 18 މަހަށް ވުރެ އަވަހަށް ޕައިލެޓް ކޯސް ފުރިހަމަ ކުރެވޭނެ އެވެ. ނަމަވެސް ފްލައިކުރަން ފުރުސަތު ނުލިބި، ހަތަރު އަހަރުވެގެން ދިޔައިރު ވެސް ކޯސް ނުނިމި ބައެއް ދަރިވަރުން އެބަތިއްބެވެ.

ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭ އެތައް ކަމެއް ފްލައިން ސްކޫލުން ހިންގާ ކަމަށް ސިވިލް އޭވިއޭޝަނުން ކުރި އޮޑިޓަށް ފަހު ވެސް ބުނެފައިވެ އެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ވެސް ފިޔަވަޅުތައް އަޅަމުން އަންނަ އިރު އެ މައްސަލަ މަޖިލީހަށް ވެސް ހުށަހަޅައި ބަލާފައި ވެއެވެ.