Roadha Mihaaru
ވަޒީފާ ނެތް، ޕައިލެޓުންގެ ޖާގަ ލިމިޓްކޮށްފި

ބޭނުންވާ ވަރަށް ވަޒީފާ ނެތުމުން، ޕައިލެޓުކަން ކިޔަވަން ދޭ ޖާގަތައް މަދުކޮށްފި

11 ޖޫން 2024

ކިޔަވައިގެން އައިސް ތިބި އެތައް ޕައިލެޓަކަށް ވަޒީފާ ލިބިފައި ނުވާތީ، ސަރުކާރުގެ ހަރަދުގައި މި އަހަރު ޕައިލެޓްކަން ކިޔަވަން ދިން ޖާގަތައް މަދުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކިޔަވައިގެން އައިސް ތިބި އެތައް ޕައިލެޓަކަށް ވަޒީފާ ލިބިފައި ނުވާތީ، ސަރުކާރުގެ ހަރަދުގައި މި އަހަރު ޕައިލެޓްކަން ކިޔަވަން ދިން ޖާގަތައް މަދުކޮށްފި އެވެ.

މި އަހަރު ދޫކުރާ ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާންމު ކުރުމަށްފަހު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ސަރުކާރުން ނިންމާފައިވާ ނަމަވެސް ޕައިލެޓްކަން ކިޔެވުމަށް މި އަހަރު ދިނީ 10 ޖާގަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސަބަބެއް ކަމަށް މިނިސްޓްރީން ބުނީ މިދިޔަ އަހަރު، 500 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވާތީ ކަމަށެވެ. ކުރީ ސަރުކާރުން ޕައިލެޓްކަން ކިޔަވަން ފޮނުވި ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެ ދަރިވަރުން ކިޔަވައިގެން އައުމުން ވަޒީފާ ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ވެސް މިނިސްޓްރީން ވަނީ ފާޅުކޮށްފަ އެވެ.

"މިހާ ގިނަ ފުރުސަތު، އެއް ދާއިރާއަކުން ކިޔެވުމަށް ދީފައިވުމުގެ ސަބަބުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، ކަމާ ބެހޭ އެކިއެކި އިދާރާތަކުން ގިނަގުނަ ޝަކުވާތަކާއި ކަންބޮޑުވުންތައް މި މިނިސްޓްރީއާ ހިއްސާކޮށްފައިވޭ. ދަރިވަރުންނަށް ޕްލޭސްމަންޓާއި ވިސާ ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުން،" މިނިސްޓްރީން ބުންޏެވެ.

"އެހާ ގިނަ ދަރިވަރުންތަކެއް އެއްފަހަރާ އެއް ދާއިރާއަކުން ކިޔަވައި ނިމިގެން އައުމުން ވަޒީފާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީންނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކުން ލަފާކޮށް ކަންބޮޑުވުން ފާޅުކޮށްފައިވޭ."

މި އަހަރު ޕައިލެޓްކަން ކިޔެވުމަށް ދިން 10 ޖާގަ ދިނީ ސ. ގަމުގައި ހުންނަ ރާއްޖޭގެ ފްލައިން ސްކޫލްގައި ކިޔެވުމަށެވެ.

މިނިސްޓްރީން ބުނީ ޕައިލެޓްކަން ކިޔަވަން ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 148 ދަރިވަރުން ޝަރުތު ހަމަވާ ކަމަށެވެ.

"ނަމަވެސް އިސްވެ ދެންނެވި ކަންކަމާއި ރާއްޖޭގައި ހުރި ޕައިލެޓް ތަމްރީނު ދޭ މަރުކަޒުގެ ކެޕޭސިޓީ އަށް ރިއާޔަތްކޮށް މިނިސްޓްރީން ނިންމާފައިވަނީ، ޕައިލެޓް ލައިސެންސައަށް ކިޔެވުމަށް އިއުލާނުގައި ސްލޮޓް ކަނޑައެޅިފައިވާ އަދަދަށް، މެރިޓް އުސޫލުން އެންމެމަތިން މާކްސް ހޯދާ 10 ދަރިވަރުންނަށް އެ ފުރުސަތުދިނުމަށް،" މިނިސްޓްރީން ބުންޏެވެ.

އަދި، އެ ފުރުސަތައް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ޝަރުތު ހަމަވާ އެހެން ހުރިހާ ދަރިވަރުން، މިއަހަރު އިއުލާންކޮށްފައިވާ ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިހުތިޔާރު ދިނުމަށް ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.